08 Nov 2012, 15:20
އދ. މާމިގިލީ އެއާޕޯޓުގެ މުއްދަތު 99 އަހަރަށް އިތުރުކުރަން ސަރުކާރުން ނިންމައިފި އެވެ.
ޓްރާންސްޕޯޓް މިނިސްޓަރު ޑރ. އަހުމަދު ޝަމްހީދު މިއަދު ވިދާޅުވީ މާމިގިލީ އެއާޕޯޓުގެ އެއްބަސްވުމުގައި ސޮއި ކުރި ދުވަހުން ފެށިގެން 99 އަހަރަށް އެތަން ވިލާގެ ޗެއާމަން ގާސިމް އިބްރާހިމަށް ކުއްޔަށް ދޭން ނިންމާފައި ވަނީ މިދިޔަ ހަފުތާގައި ބޭއްވި އިކޮނޮމިކް ކޮމެޓީގެ ބައްދަލުވުމެއްގައި ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ވިލާގެ ޗެއާމަން ގާސިމް އިބްރާހިމަށް އެ އެއާޕޯޓު 99 އަހަރަށް ކުއްޔަށް ދިނުމަށް އިކޮނޮމިކް ކޮމެޓީން ނިންމާފައި ވަނީ ކުރީގެ ރައީސް މުހަންމަދު ނަޝީދުގެ ސަރުކާރުން އެ ގޮތަށް އެކަން ކުރިއަށް ގެންދަން ޓްރާންސްޕޯޓް މިނިސްޓްރީ އަށް އަންގާފައި ވާތީ ކަމަށެވެ.
އިކޮނޮމިކް ކޮމެޓީގައި ތިއްބަވަނީ ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދާއި ފިޝަރީޒް މިނިސްޓަރު އަހުމަދު ޝަފީއު އާއި ހައުސިން މިނިސްޓަރު ޑރ. މުހަންމަދު މުއިއްޒާއި ޓްރާންސްޕޯޓް މިނިސްޓަރު އަހުމަދު ޝަމްހީދާއި އެންވަޔަރަމެންޓް މިނިސްޓަރު ޑރ. މަރިޔަމް ޝަކީލާ އާއި ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބެވެ.
ސަން އަށް އެނގިފައިވާ ގޮތުގައި މާމިގިލީ އެެއާޕޯޓް 99 އަހަރަށް ގާސިމް އިބްރާހީމަށް ކުއްޔަށް ދިނުމަށް ކޮމެޓީން ވަނީ ނިންމައިފަ އެވެ. ނަމަވެސް އެ ނިންމުން ކެބިނެޓަށް ގެނެސް، އަދި ގާނޫނީ ގޮތުން ހުރި މަައްސަލަތައް ބެލުމުގެ ކުރިން ޓްރާންސްޕޯޓް މިނިސްޓަރު ޝަމްހީދު ވަނީ މާމިގިލީ އެއާޕޯޓް ގާސިމް އިބްރާހިމަށް 99 އަހަރަށް ކުއްޔަށް ދެއްވައިފަ އެވެ.
ގާސިމް އަމިއްލަފުޅަށް ހަދާފައިވާ އެ އެއާޕޯޓު ހުޅުވީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ފުރަތަމަ ދުވަހު އެވެ. އަދި އެއީ އަމިއްލަ ފަރާތަކުން ރާއްޖޭގައި ހުޅުވި ފުރަތަމަ އެއާޕޯޓެވެ.