08 Nov 2012, 14:39
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ފާރާތުން ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވާ މައްސަލަ ކުރިއަށް ނުގެންގޮސް މަޑު ޖައްސާލުމަށް ސުޕްރީމް ކޯޓުން އަންގައިފި އެވެ.
ސުޕްރީމް ކޯޓުގެ އޮފިޝަލަކު މިއަދު ވިދާޅުވީ އެ މައްސަލަ ކުރިއަށް ނުގެންގޮސް ވަގުތީގޮތުން ހުއްޓާލުމަށް އިއްޔެ އެންގީ ހައިކޯޓަށް ހުށަހެޅިފައިވާ މައްސަލައިގައި ހުޅުމާލޭ ކޯޓުގެ ގާނޫނީ ސައްޚަކަމާ މެދު ސުވާލު އުފައްދައި ނަގާފައިވާ އިޖުރާއީ ނުކުތާއެއް ހިމެނޭތީ ކަމަށެވެ.
"ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުގެ ގާނޫނީ ސައްޚަ ކަމާއި މެދު ސުވާލު އުފައްދައި ސުޕްރީމް ކޯޓަށް ވަނީ މައްސަލައެއް ހުށަހެޅިފައި. އެފަދަ މައްސަލައެއް ސުޕްރީމް ކޯޓަށް ހުށަހެޅިފައިވާއިރު ހައިކޯޓަށް ހުށަހެޅިފައިވާ މައްސަލައިގައި ހުޅުމާލޭ ކޯޓުގެ ގާނޫނީ ސައްޚަ ކަމާ މެދު ސުވާލު އުފައްދައި ނަގާފައިވާ ނުކުތާއެއް އެބަވޭ. އެހެންވެ ސުޕްރީމް ކޯޓުގެ ފަރާތުން އިއްޔެ ހައިކޯޓަށް ލިޔުމުން އަންގާފައި ވަނީ ސުޕްރީމް ކޯޓުން ވަކިގޮތެއް އަންގަަން ދެން އެ މައްސަލަ ކުރިއަށް ނުގެންދިޔުމަށް،" އޮފިޝަލް ވިދާޅުވި އެވެ.
ހުޅުމާލޭ ކޯޓުގެ ގާނޫނީ ސައްޚަކަމާ މެދު ސުވާލު އުފައްދައި މައްސަލަ ހުށަހެޅީ ގާނޫނީ ވަކީލު އިސްމާއިލް ވިޝާމް އެވެ. މިދިޔަ އަހަރުގެ ތެރޭގައި ވިޝާމް އެ މައްސަލަ ސިވިލް ކޯޓަށް ހުށަހެޅުމުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ވަނީ އެ މައްސަލަ ސިވިލް ކޯޓަށް ކުރިއަށް ނުގެންދެވޭނެ ކަމަށާއި ސުޕްރީމް ކޯޓުން އެ މައްސަލަ ބަލައި ދިނުމަށް އެދިފަ އެވެ. އޭގެ ފަހުން ސުޕްރީމް ކޯޓުން އެ މައްސަލަ ނުބަލައި އޮންނަތާ ގިނަ ދުވަސްތަކެއް ވެފައިވާތީ ދާދިފަހުން ވެސް ޖޭއެސްސީން ވަނީ އެ މައްސަލަ ބަލައިދިނުމަށް ސުޕްރީމް ކޯޓުގައި އެދިފައެވެ.
ޖޭއެސްސީން އެގޮތަށް ހުށަހެޅުމުން ސުޕްރީމް ކޯޓުން މިހާރު ވަނީ އެ މައްސަލަ ބަލަން ނިންމާފައެވެ.