08 Nov 2012, 14:29
ރިޔާސީ ބަޔާން އިއްވުމާ ދެކޮޅަށް މާޗް 19 ވަނަ ދުވަހު ވީޓީވީގެ އިމާރަތަށް ގެއްލުން ދިން ކަމުގެ ތުހުމަތުގައި ދައުލަތުން ދައުވާ ކުރާ ކުއްޖާގެ ޝަރީއަތް މިއަދު ފަށައިފި އެވެ.
ޖުވެނައިލް ކޯޓުގެ އޮފިޝަލަކު މިއަދު ވިދާޅުވީ މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި އެކުއްޖާގެ މައްޗަށް ދައުވާ އިއްވުމުން ދައުވާ އަށް އިންކާރު ކޮށްފައިވާ ކަމަށެވެ. އަދި އެ މައްސަލަ ކުރިއަށް ގެންދަން ބޭނުންވަނީ ވަކީލަކާއި ނުލައި ކަމަށް އެކުއްޖާ ބުނެފައިވާ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
"ދައުވާ ލިބޭ ފަރާތުން ބުނެފައި ވަނީ މައްސަލަ ކުރިއަށް ގެންދަން ބޭނުންވަނީ ވަކީލަކާއި ނުލައި ކަމަށް،" އޮފިޝަލް ވިދާޅުވި އެވެ.
ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނުއެއްޗިހި ގެންގުޅުން މަނާކުރުމުގެ ގާނޫނުގެ ދަށުން އެ ކުއްޖާގެ މައްޗަށް ކޮށްފައި ވަނީ މީހެއްގެ މުދަލަށް ގެއްލުން ދޭން އުޅުމުގެ ކުށުގެ ދައުވާ އެވެ.
ދައުލަތުން އެކުއްޖާގެ މައްޗަށް ކުރި ދައުވާގައި ބުނަނީ މާޗް 19 ވަނަ ދުވަހުގެ ހެނދުނު 10:30 އެހާކަންހާއިރު އިތުރު ބަޔަކާ އެކު ވީޓިވީ ދޮށަށް އެއްވެ ހަމަނުޖެހުން ހިންގައި ވީޓީވީގެ އިމާރާތަށާއި ވީޓީވީގެ ސެކިއުރިޓީ ބަލަހައްޓަން ތިބި ސިފައިންނާ ދިމާލަށް އެ ކުއްޖާ ގާއުކާފައިވާ ކަމަށެވެ.
ވީޓީވީއަށް ކާއުކުމުގެ ކުށުގައި އަށް މީހަކު ހަތް އަހަރަށް ޖަލަށް ލުމަށް މިދިޔަ މަހުގެ ތެރޭގައި ކްރިމިނަލް ކޯޓުން ވަނީ ހުކުމް ކޮށްފަ އެވެ.