08 Nov 2012, 14:12
އެމެރިކާގެ ރިޔާސީ ރޭހުގައި ބަލިވެވަޑައިގެންނެވި ރިޕަބްލިކަން ޕާޓީގެ ކެންޑިޑޭޓް މިޓްރޮމްނީގެ ކެމްޕޭން ޓީމަށް އޮޅިގެން ރޮމްނީގެ ޓްރާންސިޝަން ވެބްސައިޓް (ރައީސް ކަމާ ހަވާލުވުމާއި ބާރުތައް ބަދަލުކުރުމުގެ ކަންތައްތައް ކުރިއަށްދާ ގޮތާ ބެހޭ މައުލޫމާތުތައް އާއްމުކުރުމަށް ހަދާފައިވާ ވެބްސައިޓް) ރިލީޒް ކުރެވިއްޖެ އެވެ.
ރޮމްނީ އާއި އޭނާގެ ނައިބު ޕައުލް ރަޔަން ވުޑްއަށް އިންތިހާބު ކާމިޔާބު ވެއްޖެ ނަމަ ހުޅުވުމަށް ހަމަޖެހިފައިވާ ވެބްސައިޓް ކެމްޕޭން ޓީމުގެ ސްޓާފަކަށް އޮޅިގެން ރިލީޒްކުރެވުމުން، އެމެރިކާގެ ނޫހެއް ކަމަށްވާ ރޯލްކޯލްގެ ޕޮލިޓިކަލް ވަޔަރް އިން އެ ވެބްސައިޓްގެ ބައެއް ސޮފްހާތަކުގެ ސްކްރީންޝޮޓްތައް އާއްމުކޮށްފައިވާ ކަމަށް އިނގިރޭސިވިލާތުގެ ޑެއިލީމެއިލް އިން ބުންޏެވެ.
ވެބްސައިޓްގެ ހޯމް ޕޭޖްގައި ވަނީ ރޮމްނީގެ ފޮޓޯއަކާއި ޕްރެޒިޑެންޓް އިލެކްޓްގެ ސީލާއި ރޮމްނީގެ ސޮޔާ އެކު އޮތް މެސެޖެކެވެ.
ވެބްސައިޓްގައިވާ މައުލޫމާތުތަކުގެ ތެރޭގައި އަންނަ އަހަރު ޖެނުއަރީ މަހުގެ 21 ވަނަ ދުވަހު ރޮމްނީ ރައީސްކަމުގެ ހުވާކުރުމުގެ ރަސްމިއްޔާތު ކުރިއަށްދާނެ ގޮތާއި ކެބެނެޓަށް ބޭފުޅުން ހަމަޖައްސަވާނެ ގޮތުގެ މައުލޫމާތު ވެސް ހިމެނެ އެވެ.
ރޮމްނީގެ ވެބްސައިޓްގެ ލިންކް ލިބުނު ގޮތެއް އަދި އެ ވެބްސައިޓްގައިވާ އިތުރު މާގިނަ މައުލޫމާތެއް ޕޮލިޓިކަލް ވަޔަރް އިން ހާމަކޮށްފައެއް ނުވެ އެވެ. ބުނެފައި ވަނީ ވަރަށް އަވަހަށް އެވެބްސައިޓް ބަންދުކުރި ކަމަށެވެ.
އެމެރިކާގެ ރިޔާސީ އިންތިހާބު މިހާރުގެ ވެސް ރައީސް ބަރަކް އޮބާމާ ކާމިޔާބު ކުރެއްވީ 538 އިލެކްޓޯރަލް ވޯޓުގެ ތެރެއިން 303 އިލެކްޓޯރަލް ވޯޓް ހޯއްދަވައިގެންނެވެ. އެމެރިކާގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަަށް ބޭނުން ވަނީ 270 އިލެކްޓްރަލް ކޮލެޖު ވޯޓެވެ. ( ޑެއިލީމެއިލް)