ރާއްޖެ ބަޔޯސްފިއާ ރިޒާވަކަށް ހެދުމަށް ޓަކައި މަސައްކަތް ކުރާނެ ގޮތްތައް އެކަށައެޅުމަށް ބާއްވާ ގައުމީ މަހާސިންތާ ބަނޑޮސް އައިލެންޑް ރިޒޯޓްގައި މިއަދު ފަށައިފި އެވެ.

ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ތެރޭގައި މުޅި ރާއްޖެ ބަޔޯސްފިއާ ރިޒާވަކަށް ހެދުމަށް މަސައްކަތް ކުރެވޭނީ ރައްޔިތުންނާއި ރައްޔިތުންގެ މަންދޫބުންގެ އެއްބާރުލުން ލިބިގެން ކަމަށް އެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވި އެވެ.

މުޅި ރާއްޖެ ބަޔޯސްފިއާ ރިޒާވަކަށް (ހިމާޔަތްކޮށްފައިވާ ގުދުރަތީ ވަސީލަތްތައް ހިމެނޭ ސަރަހައްދަކަށް) ހެދުމަށް ބާއްވާ ފުރަތަމަ ގައުމީ މަހާސިންތާ ހުޅުވުމުގެ ގޮތުން ބަނޑޮސް އައިލެންޑް ރިޒޯޓް އެންޑް ސްޕާގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަހީދު ވިދާޅުވީ މިފަދަ ކަންކަމަކީ ސަރުކާރަށް އެކަނިކުރެވޭނެ ކަންކަމެއް ނޫން ކަމަށާއި ސަރުކާރަށް ދެއްކޭވީ ލީޑަޝިޕް ކަމަށެވެ.

"މިފަދަ ކަންކަމަކީ މިއީ ސަރުކާރުން އެކަނި ކުރެވޭނެ ކަންކަމެއް ނޫން. ސަރުކާރުން ދެއްކޭނީ ލީޑަޝިޕް، ސަރުކާރުން އޭގައި ކުރިއަށް ދާންވީ ގޮތާ ދޭތެރޭގައި ހިޔާލުފާޅުކޮށް. އެކަމުގައި ވެދެވެން ހުރި އެހީތައް ވެދެވޭނީ، އެކަން ކުރެވޭނީ އެންމެ ފުރަތަމަ ރައްތިނުންނާއި ރައްޔިތުން ތަމްސީލުކުރާ އެކި އެކި މަޖިލިސްތަކާއި ޖަމާއަތްތަކާއި ކައުންސިލްތަކާ އަދި އިގުތިސާދީ ކަންތައްތައް ކުރިއަށް ގެންދަވާ ބޭފުޅުންގެ އެހީފުޅާ އެކީ،" ރައީސް ވަހީދު ވިދާޅުވި އެވެ.

ރައީސް އަދި ވިދާޅުވީ (ޔުނެސްކޯ ބަޔޯސްފިއާ ރިޒާވެއްގެ ގޮތުގައި މިހާރު ހަމަޖައްސާފައިވާ) ބ. އަތޮޅުގެ މަސައްކަތުން، މިކަމަކީ ކުރެވިދާނެ ކަމެއްކަން މިހާރު އެނގިފައިވާ ކަމަށެވެ.

ބ. އަތޮޅުބަޔޯސްފިއާ ރިޒާވެއްގެ ގޮތުގައި ބެލެހެއްޓުމުގައި ސަރުކާރާ ބައިވެރިވާ އަމިއްލަ ފަރާތްތަކާ އެކު އެއްބަސްވުމުގައި ސޮއިކުރުން މިއަދު އޮތެވެ. އެގޮތުން އެއްބަސްވުމުގައި ސޮއިކުރި ފަރާތްތަކަކީ ލިވަބޯޑް އެސޯސިއޭޝަން އޮފް މޯލްޑިވްސް އާއި ސޮނެވާފުށި ރިޒޯޓާއި ފޯސީޒަންސް ރިޒޯޓް، ލަނޑާގިރާވަރާއި ރީތިތި ބީޗް ރިޒޯޓްގެ އިތުރުން ދެ ޑައިވިން ސްކޫލަކާއި ސަފާރީ ބޯޓަކާ އެކު އެއްބަސްވުމުގައި ސޮއިކުރި އެވެ.

ބ. އަތޮޅުގެ ބަޔޯސްފިއާ ރިޒާވް ބެލެއްޓުމުގައި ސަރުކާރާ ބައިވެރިވި އަމިއްލަ ފަރާތްތަކަށް ރައީސް ވަހީދު ޝުކުރު އަދާކުރެއްވި އެވެ. ބ. އަތޮޅުގެ ބަޔޯސްފިއާ ރިޒާވް ބަލަހައްޓަން އުފައްދާފައިވާ ކޮންޒަވޭޝަން ފަންޑަށް ލިބިފައިވާ ފައިސާގެ ތެރެއިން އެއް ލައްކަ ޑޮލަރު ބ. އަތޮޅުގެ ރައްޔިތުން ހޭލުންތެރިކުރުމަށް ހަރަދުކުރުމަށް އެފަންޑުގެ ބޯޑުން ނިންމާފައިވާ ކަން ރައީސް ވަހީދު މިއަދު އިއުލާންކުރެއްވި އެވެ.

މިއަދުގެ ރަސްމިއްޔާތުގައި އެންވަޔަރުމަންޓް އެންޑް އެނަޖީ މިނިސްޓަރު މަރިޔަމް ޝަކީލާ އާއި މިނިސްޓަރުގެ ނައިބު އަބުދުﷲ މާޖިދުވެސް ވާހަކަފުޅު ދެއްކެވި އެވެ.

މި ކޮންފަރެންސަކީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު ވަޙީދު ހަސަންމަނިކު ބްރެޒިލްގެ ރިއޯޑި ޖެނީރޯގައި ބޭއްވުނު ރިއޯ +20 ސަމިޓްގައި 20 ޖޫން 2012 ވަނަ ދުވަހު ވާހަކަފުޅު ދައްކަވަމުން މުޅި ދިވެހިރާއްޖެ ދުނިޔޭގެ ފެންވަރުގެ ބަޔޯސްފިއާ ރިޒަރވް އަކަށް 2017ގެ ނިޔަލަށް ހެދުމަށް ޤަސްތުކޮށް އެކަން އިޢުލާން ކުރުމާއި ގުޅިގެން ޤައުމީ ފެންވަރުގައި މިކަން މަޝްވަރާ ކުރުމުގެ ގޮތުން ބޭއްވޭ ފުރަތަމަ ކޮންފަރެންސެވެ. މިކަން ކާމިޔާބު ވެއްޖެ ނަމަ ދިވެހިރާއްޖެ އަކީ ޤައުމެއް ބަޔޯސްފިއާ ރިޒަރވްއަކަށްވާ ފުރަތަމަ ޤައުމަށް ވާނެ އެވެ.