08 Nov 2012, 13:03
ސްޕޯޓިން ބްރާގާ އަތުން ފަހަތުން އަރައި 3- 1 ލަނޑުން މޮޅުވެ، ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގުރޫޕް އެޗްގެ އެއް ވަނަ ޓީމުގެ ގޮތުގައި މެންޗެސްޓާ ޔުނައިޓެޑް ދެ ވަނަ ބުރަށް ދަތުރުކޮށްފި އެވެ.
ގްރޫޕްގެ އެއް ވަނަ ޓީމުގެ ގޮތުގައި ޔުނައިޓެޑް ދެ ވަނަ ބުރުން ޖާގައެއް ކަށަވަރު ކުރީ 12 ޕޮއިންޓާ އެކު އެވެ. އަދި ރޭ ޔުނައިޓެޑް އަތުން ބަލިވި ބްރާގާ އޮތީ ގްރޫޕްގެ އެންމެ ފުލުގައި ތިން ޕޮއިންޓާ އެކު އެވެ. ގްރޫޕްގެ ދެވަނައިގައި އޮތީ ހަތަރު ޕޮއިންޓާ އެކު ގަލަޓަސަރާއީ އޮތް އިރު ތިން ވަނަ މަގާމްގައި ހަތަރު އޮތީ ކްލޫޖެވެ.
ރަށުން ބޭރުގައި ރޭ ބްރާގާއާ ދެކޮޅަށް ޔުނައިޓެޑް ކުޅުނު މެޗުގެ ފުރަތަމަ ލަނޑު ޖަހާ މެޗުގެ ލީޑް ނެގީ ބްރާގާ އިންނެވެ. އެ ލަނޑު ދެ ވަނަ ހާފުގެ 49 ވަނަ މިނެޓުގައި ބްރާގާ އަށް ކާމިޔާބުކޮށްދިނީ ބްރެޒިލް ފޯވަޑް އެލަން އެވެ.
ރޭގެ މެޗުގެ ލީޑް ނަގައި ޔުނައިޓެޑްގެ މައްޗަށް ބްރާގާ އިން ކުރި ހޯދިކަމަކު، ޔުނައިޓެޑުން މެޗުގެ ނަތީޖާ ހަމަހަމަ ކުރީ މެޗުގެ 80 ވަނަ މިނެޓުގައި ނެދަލެންޑްސްގެ ފޯވާޑް ރޮބިން ވެންޕާސީ އެވެ. އަދި ހަމަ އެއާ އެކު އޭގެ ހަތަރު މިނެޓް ފަހުން ޔުނައިޓެޑަށް އެ ޓީމްގެ ފޯވާޑް ވޭން ރޫނީ ވަނީ ލަނޑެއް ކާމިޔާބުކޮށްދީ މެޗުގެ ނަތީޖާ 2-1 ލަނޑަށް ބަދަލުކޮށްލާފަ އެވެ. ރޭގެ މެޗުގައި ޔުނައިޓެޑުން ބްރާގާ ކޮލަށް ޖެހި އެޓީމްގެ ތިން ވަނަ ލަނޑު މެޗުގެ އިތުރު މިނެޓުގެ ތެރޭގައި ކާމިޔާބު ކޮށްދިނީ މެކްސިކޯގެ ފޯވަޑް ހަވިއޭ ހެނާންޑޭޒެވެ.
މެޗަށް ފަހު ޔުނައިޓެޑްގެ ކޯޗް ފާގަސަން ބުނީ، ގްރޫޕްގެ އެއް ވަނަ ޓީމުގެ ގޮތުގައި ދެ ވަނަ ބުރަށް ދަތުރު ކުރި ކަމަކު އަދި ވެސް ޓީމުގެ މުހިންމު ކުޅުންތެރިން ތިބީ އަނިޔާއާ ކުރިމަތިލާން ޖެހިފައި ކަމަށާއި އެހެންނަމަވެސް ދެ ވަނަ ބުރަށް ނިކުންނަ އިރު އަނިޔާގައި ތިބި ކުޅުންތެރިން ފިޓްވާނެ ކަމަށް އުންމީދު ކުރާ ކަމަށެވެ. އަދި ފުރަތަމަ ބުރުގައި ޓީމް ދެއްކި ކުޅުމާ މެދު ހިތްހަމަޖެހޭ ކަމަށް ވެސް ފާގަސަން ބުންޏެވެ.
މީގެއިތުރުން ގްރޫޕް އެޗްގައި ރޭ ކުޅުނު ދެ ވަނަ މެޗް ކްލޫޖްއާ ވަދަކޮށް ގަލަޓަސަރާ އިން ކާމިޔާބު ކުރީ 3-1 ލަނޑުންނެވެ. އެގޮތުން ގަލަޓަސަރާއިން ކްލޫޖް ކޮޅަށް ޖެހި އެ ޓީމުގެ ތިން ލަނޑު ވެސް އެ ޓީމަށް ކާމިޔާބު ކޮށްދިނީ ބުރަކް ޔިލްމާޒެވެ. އަދި ކްލޫޖް އިން ގަލަޓަސަރާ ކޮޅަށް ޖެހި އެ ޓީމުގެ ހަމައެކަނި ލަނޑު މެޗުގެ ދެ ވަނަ ހާފުގެ 53 ވަނަ މިނެޓުގައި އެ ޓީމަށް ކާމިޔާބު ކޮށްދިނީ އެމް ސޮގޫ އެވެ.