އާންމުންގެ ބަޔަކާ ގުޅިގެން ފުލުހުންނާއި ސިފައިންގެ ބަޔަކު ގެސްޓްހައުސްއަކުން ފޭރުނު ކަމުގެ ތުހުމަތުގައި ދައުލަތުން އެމީހުންގެ މައްޗަށް ދައުވާކޮށްފި އެވެ.

ފުލުހުންގެ ވަޒީފާގައި ތިބެ ފޭރުނު ކަމުގެ ތުހުމަތުގައި ދައުވާ ކޮށްފައި ވަނީ ގދ. މަޑަވެލި ގާޑްނިން އައުޒަލް އަބްދުއްސައްތާރާއި ގދ. ގައްދޫ ގްރީންގޭ މުހައްމަދު ނިޔާޒާއި ތ. ވިލުފުށީ ފެހިފަރުދާގޭ އަބްދުއްރަހުމާން ހުމައިދުގެ އިތުރުން އެ އަތޮޅު ތިމަރަފުށީ އަސްނީމު އަލީ ޚަލީފާގެ މައްޗަށެވެ.

ސިފައިންގެ މީހެއްގެ ގޮތުގައި ހުރެ ފޭރުނު ކަމުގެ ތުހުމަތުގައި ދައުވާ ކޮށްފައި ވަނީ ގއ. ވިލިނގިލީ ގަދަގޭ މުހައްމަދު ޝިވާޒުގެ މައްޗަށެވެ. އަދި އެ މީހުންނާ ބައިވެރިވެގެން ފޭރުނު ކަމުގެ ތުހުމަތުގައި ދައުވާކޮށްފައި ވަނީ ގއ. ވިލިނގިލީ ވަސްމީރުމާގޭ އަޖީތު އަބްދުލްމުހުސިނާއި ބަންގްލަދޭޝްގެ ދެ މީހުން ކަމަށްވާ، ބިލާލް ހޮސައިން އާއި މުހައްމަދު ބިލާލްގެ މައްޗަށެވެ.

ކްރިމިނަލް ކޯޓުގައި މިއަދު އޮތް ޝަރީއަތުގެ މަޖިލީހަށް އެ މީހުންގެ ތެރެއިން އަލީ ޚަލީފާ އާއި އަޖީތު އަބްދުލްމުހުސިނާއި މުހައްމަދު ބިލާލް ހާޒިރުވެފައެއް ނުވެ އެވެ. ނަމަވެސް މިއަދު ވަނީ ކޯޓަށް ހާޒިރުވި މީހުންގެ ޝަރީއަތް ފަށައިފަ އެވެ.

ކޯޓަށް ހާޒިރުވި މީހުންގެ މައްޗަށް ދައުވާ އިއްވަވަމުން ދައުލަތުގެ ވަކީލާ ވިދާޅުވީ މި އަހަރުގެ ޖޫން މަހުގެ އަށް ވަނަ ދުވަހުގެ ހަވީރު 5:30 އެހާކަންހާއިރު މ. މާތޮޅުގައި ހުންނަ ގެސްޓްހައުސް އަކަށް ވަދެ އެ މީހުން އެ ތަނުގައި ތިބި ބަންގުލަދޭޝްގެ މީހުންގެ އަތުން ޑޮލަރުތަކަކާއި އަށް މޯބައިލް ފޯން ފޭރިގެންފައިވާ ކަމަށެވެ.

އެހެންކަމުން އެ މީހުންގެ މައްޗަށް ކުރާ ދައުވާ އަކީ ޖަމާއަތް ހަދައިގެން މީހުން އުޅޭތަނަކުން ފޭރުމުގެ ކުށުގެ ދައުވާ ކަމަށް ވެސް ދައުލަތުގެ ވަކީލާ ވިދާޅުވި އެވެ. އަދި ފޭރިގަތް ތަކެތި އެ މީހުންގެ އަތުން ހޯދުމަށް އެ ގެސްޓްހައުސްގައި ތިބި ބަންގްލަދޭޝްގެ މީހުން އެދޭ ކަމަށް ވެސް ދައުލަތުގެ ވަކީލާ ވިދާޅުވި އެވެ.

ދައުވާ އިއްވުމުން އެ އެންމެން ވެސް ވަނީ ދައުވާ އަށް އިންކާރު ކުރުމަށް ފަހު ވަކީލަކު އައްޔަން ކުރަން ބޭނުންވާ ކަމަށް ބުނެފަ އެވެ. ގާޒީ ވަނީ ވަކީލަކު އައްޔަން ކުރަން ފަސް ދުވަހުގެ ފުރުސަތެއް އެ މީހުންނަށް ދީފަ އެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި އެ މީހުންގެ ތެރެއިން އައުޒަލް ބުނީ އެ މައްސަލައިގައި ހިމެނޭ އޭނާ ނޫން މީހުން ބަންދުން ދޫކޮށްލާފައިވާ ކަމަށާއި ނަމަވެސް އޭނާ ބަހައްޓާފައި ހުރީ ބަންދުގައި ކަމަށެވެ. އަދި އެހެން މީހުންނެކެ އެއްގޮތަށް އޭނާ ވެސް ދޫކޮށްލުމަށް އޭނާ އެދުނެވެ.

ގާޒީ ވިދާޅުވީ އައުޒަލްގެ މައްޗަށް ހުށަހެޅިފައިވާ ކަންކަން އެހެން މީހުންނާ ތަފާތު ކަމަށާއި އޭނާ ބަންދުން ދޫކޮށްލެވޭނީ ޝަރީއަތް ނިމުމުން ކަމަށެވެ. އަދި އެކަމާ މެދު ހިތްހަމަނުޖެހޭ ނަމަ ހައިކޯޓުގައި އިސްތިއުނާފު ކުރެވިދާނެ ކަމަށް ވެސް ގާޒީ ވިދާޅުވި އެވެ.

ފުލުހުންނާއި ސިފައިންގެ ވަޒީފާގައި ތިބެ ފޭރުނުކަން ތަހުގީގަށް ސާބިތުވެފައި ވާތީ އެ މީހުން މިހާރު ވަނީ ވަޒީފާ އިން ވަކިކޮށްފަ އެވެ.