16 Sep 2010, 17:19
ދޫކޮށްލައިފިނަމަ ހެކިންނަށް ނޫފުޒު ފޯރުވާފާނެތީ މަޝްހޫރު ގާރީ ހުސައިން ތައުފީގުގެ ބަންދުގެ މުއްދަތަށް އަނެއްކާވެސް ޖިނާއީ ކޯޓުން 15 ދުވަސް އިތުރުކޮށްދީފި އެވެ.
ތައުފީގުގެ ބަންދު މުއްދަތަށް ޖިނާއީ ކޯޓުން ތިން ވަނަ ފަހަރަށް 15 ދުވަސް އިތުރު ކޮށްދިނީ މިރޭ އިރާކޮޅު އެ ކޯޓުގައި ބޭއްވި މުއްދަތުގެ މަޖިލީހުގަ އެވެ.
ފުލުހުންގެ ސަބް އިންސްޕެކްޓަރު އަހުމަދު ޝިޔާމް ވިދާޅުވީ ތަހުގީގުގައި ތައުފީގު ފަރާތުން ސާފުވާންޖެހޭ ބޮޑު ބައެއް އޮޅުންފިލުވާ ސާފުކޮށްފައިވާ ކަމަށެވެ. އަދި ވިދާޅުވީ ޖިނާއީ ކޯޓުގައި ތައުފީގުގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް އެދުނީ ތައުފީގު ދޫކޮށްލައިފިނަމަ މި މައްސަލައާ ގުޅޭ ހެކިންނަށް ނުފޫޒު ފޯރުވާފާނެތީއާއި މުޖުމުތަމައަށް ނުރައްކޮށްފާނެ ފުރުސަތު ނުދިނުމުގެ ގޮތުން ކަމަށެވެ. މި މައްސަލައިގައި ތައުފީގާމެދު ތުހުމަތު ކުރެވިފައި ވަނީ ގިނަ އަދަދެއްގެ ކުޑަކުދިންނާ އެކި ދުވަސްވަރު ބަދު އަހުލާގީ ގުޅުން ހިންގުން ކަމަށްވާތީ ކަމަށެވެ. އެކަމުގައި އިތުރަށް ހޯދަންޖެހޭ ކަންކަން ހޯދުން އެއީ ވެސް މުއްދަތު އިތުރުކުރަން އެދެން ޖެހުނު ސަބަބެއް ކަމަށް ޝިޔާމް ވިދާޅުވި އެވެ.
ތައުފީގުގެ ކުރީގެ ވަކީލު މިއަދު ބުނެފައި ވަނީ ފުލުހުން ތައުފީގުގެ މައްޗަށް ތުހުމަތުކުރަނީ ދެ ކުއްޖަކަށް ޖިންސީ ގުނަވަން ދެއްކުމުގެ އިތުރުން އަންހެން ކުއްޖަކު ރޭޕްކުރުން ކަމަށެވެ. ވަކީލު އަދި ވިދާޅުވީ އެއީ "ހަދައިފައިވާ" މައްސަލައެއް ކަމަށެވެ. ޖިނާއީ ކޯޓުން ވަނީ އިއްޔެއާ ހަމައަށް ތައުފީގުގެ ވަކީލެއްގެ ގޮތުގައި ހުންނެވި ގާނޫނީ ވަކީލު އަބްދުﷲ ޝިޔާޒު ހަމަސް ދުވަހަށް ސަސްޕެންޑްކޮށްފަ އެވެ. އޭނާ ސަސްޕެންޑް ކުރީ ގާރީ ތައުފީގާއި ތައުފީގުގެ ފަރާތުން އަނިޔާ ލިބުނު ކުއްޖެއްގެ ފަރާތުންވެސް ތަހުގީގަށް ވަކީލެއްގެ ގޮތުގައި ވަޑައި ގަންނަވާތީ ފުލުހުން އެ މައްސަލަ ހުށަހެޅުމުން ކަމަށް ވެސް ޖިނާއީ ކޯޓުން ވަނީ ބުނެފަ އެވެ.
ޓީވީގައި ގުރުއާން ކިޔަވަން ދަސްކޮށްދޭ ޕްރޮގްރާމް ހުށަހަޅައިދިނުމާއި "ހޭޔަންބޯ" ނޭސޭހަތުގެ ބަސްކޮޅަށް އަޑު އަޅައިދެއްވާ ހަތް ގިރާއަތުގެ ގާރީ ގިނަ އަދަދެއްގެ ކުޑަކުދިންނާ ބަދު އަހުލާގީ އަމަލު ހިންގާފައިވާ ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ވަނީ އޯގަސްޓް 17 ގަ އެވެ. އޭނާގެ މުއްދަތަށް އިތުރު 15 ދުވަސް ޖަހަހައިދިނީ މި މަހުގެ ދޭއްގަ އެވެ.
ހިއުމަން ރައިޓްސް ކޮމިޝަނުން ބުނެފައި ވަނީ ތައުފީގާ ބެހޭ އެފަދަ މައްސަލައެއް ބަލައިދިނުމަށް އެދި ގުރުއާން މުދައްރިސު ކޯހުގެ ދަރިވަރުންތަކެއް އެ ކޮމިޝަނަށް ވެސް ހުށަހަޅާފައިވާ ކަމަށެވެ.
ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ހާއްސަ އުސޫލަކުން އަމަލުކުރުމުގެ ގާނޫނުގައި ބުނަނީ ޖިންސީ ނިޔަތެއް އޮވެގެން ކުއްޖެއްގެ ގައިގައި އަތްލައިފި ނަމަ ނުވަތަ އެފަދަ އަމަލެއްގައި ކުއްޖަކު ބައިވެރިކޮށްފި ނަމަ އެއީ ކުށެއް ކަމަށާއި އެ ކުށް މީހެއްގެ މައްޗަށް ސާބިތުވެއްޖެ ނަމަ 10 އަހަރާއި 14 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލެވޭނެ ކަމަށެވެ. އަދި ބުނަނީ ކުޑަކުއްޖަކު އިތުބާރު ކުރެވޭ މަގާމެއްގައި ހުރި މީހަކު އެ ކުއްޖަކާ އެކު ޖިންސީ އަމަލެއް ހިންގައިފި ނަމަ 15 އަހަރާއި 18 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލެވިދާނެ ކަމަށެވެ.