08 Nov 2012, 12:42
ވަތަނިއްޔާ ނެޓްވޯކް އަޕްގްރޭޑްކޮށް، އެ ކުންފުނީގެ ނެޓްވޯކްގެ ފެންވަރު ރަނގަޅު ކުރުމަށް 25 މިލިއަން ޑޮލަރުގެ ޕްރޮޖެކްޓެއްގައި ޗައިނާގެ ހުއާވޭ ކުންފުންޏާ އެކު މިއަދު ސޮއިކޮށްފި އެވެ.
އެ އެއްބަސްވުމުގައި ސޮއިކުރުން އޮތީ މިއަދު ނަސްންދުރާ ޕެލެސްހޮޓެލްގަ އެވެ. އެ އެއްބަސްވުމުގައި ވަތަނިއްޔާގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ ހާރޫން ޝަހުލް ހަމީދެވެ. އަދި ހުއާވޭގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނިން މިސަރަހައްދަށް ކަނޑައަޅުއްވާފައިވާ ހުންނަވާ ސީއީއޯ އޮސްޓިން ވޮންގް އެވެ.
އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ފަހު ވަތަނިއްޔާގެ ސީއީއޯ ހާރުން ވިދާޅުވީ އެ ކުންފުނިން ފެށި މަސައްކަތާ އެކު ރާއްޖޭގެ މުޢާސަލާތީ ދާއިރާ ވަރަށް ބޮޑަށް ތަރައްގީވާނެ ކަމަށެވެ. އެގޮތުން އެ ޕްރޮޖެކްޓްގެ މަސައްކަތް އަންނަ އަހަރު ކުރީކޮޅު ފެށުމާ އެކު "ފޯޖީ" ގެ ހިދުމަތް ޓެސްޓް ކުރަން ފެށޭނެ ކަމަށް ހާރޫން ވިދާޅުވި އެވެ. އަދި އެ ޕްރޮޖެކްޓަކީ ތިމާވެއްޓާ ރައްޓެހި ޕްރޮޖެކްޓަކަށް ވުމުން އެ ކުންފުނިން ކަރަންޓަށް ކުރާ ހޭދަ ކުޑަކުރެވޭނެ ކަމަށްވެސް ވިދާޅުވި އެވެ.
"މި ކުންފުނީގެ މަގުސަދަކީ އަބަދުވެސް ދުނިޔޭގެ ފެންވަރުގައި ލިބެންހުރި އެންމެ ފުރިހަމަ ހިދުމަތް އަޅުގަނޑުމެންގެ ކަސްޓަމަރުންނަށް ފޯރުކޮށް ދިނުން. އަލަށް ފަށާ ޕްރޮޖެކްޓުގެ ސަބަބުން ޒަމާނީ މުއާސަލާތީ ހިދުމަތްތައް ކަމުގައިވާ ތްރީ ޖީ އަދި ފޯ ޖީގެ ހިދުމަތްތައް ކަސްޓަމަރުންނާއި ހަމައަށް ފޯރުކޮށް ދެވޭނެ،" ހާރޫން ވިދާޅުވި އެވެ.
ހުއާވޭގެ ސީއީއޯ ވިދާޅުވީ ވަތަނީއްޔާއާ އެކު ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން އެ ކުންފުނީގެ ނެޓްވޯކުގެ އިންފްރާސްޓްރަކްޗާއަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށާއި އިންޓަނޭޓާއި، ފޯން އަދި މީޑިއާގެ ހިދުމަތްތައް ވަރަށް ބޮޑަށް ފަހިވެގެންދާނެ ކަމަށެވެ.
މިއަދު ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން ވަތަނިއްޔާގެ ރޭޑިއޯ އެކްސެސް ނެޓްވޯކްގެ ފެންވަރު އޯވަރޯލްކޮށް ރަނގަޅުކޮށް ތަރައްގީ ކުރުމަށް އެ ކުންފުނިން ވަނީ ނިންމައިފަ އެވެ. އެގޮތުން ތްރީޖީއިން އެޗްއެސްޕީއޭ ޕްލަސްއަށް ވަތަނިއްޔާގެ ނެޓްވޯކް އަޕްގްރޭޑް ކުރާނެ އެވެ.