ހުއްޓާލާފައިވާ ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުގެ މަސައްކަތްތައް ކުރި އެކޭވެސް އެއްގޮތަށް ކުރިއަށް ގެންދިޔުމަށް ސުޕްރީމް ކޯޓުން ހުޅުމާލޭ ކޯޓަށް އަންގައިފި އެވެ.

ސުޕްރީމް ކޯޓުން މިއަދު ބުނީ ހުޅުމާލޭ ކޯޓުގެ މަސައްކަތްތައް އަލުން ފެށުމަށް އެ ކޯޓަށް އެންގީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ. އެ ކޯޓުގެ މަސައްކަތްތައް އަލުން ފެށުމަށް އެންގި ނަމަވެސް ހައިކޯޓުގެ އަމުރަކުން ހުއްޓުވާފައިވާ ކުރީގެ ރައީސް މުހަންމަދު ނަޝީދުގެ ޝަރީއަތްތައް އެ ކޯޓުން ކުރިއަށް ނުގެންދާނެ ކަމަށްވެސް ސުޕްރީމް ކޯޓުން ބުނެ އެވެ.

ހުޅުމާލޭ ކޯޓުގެ މަސައްކަތްތައް މިދިޔަ ހޯމަ ދުވަހުން ފެށިގެން ހުއްޓާލީ ރައީސް މުހަންމަދު ނަޝީދުގެ ޝަރީއަތްތައް މަޑުޖައްސާލުމަށް ހައިކޯޓުން ނެރުނު ވަގުތީ އަމުރުގެ ސަބަބުން ގާނޫނު އަސާސީގެ 143 ވަނަ މާއްދާގެ (ރ) ގައިވާ ފަދައިން އެ އަމުރުގެ ބާރުވެރިކަން އެ ކޯޓުގެ ހުރިހާ މަސައްކަތްތަކަށް ހިނގާނެ ކަމަށް ބުނެ އެވެ.

ރައީސް ނަޝީދުގެ ޝަރީއަތް މެދުކަނޑާލުމަށް މިދިޔަ އާދިއްތަ ދުވަހު ހައިކޯޓުން ނެރުނު ވަގުތީ އަމުރުގައި ބުނަނީ ހައިކޯޓުގައި ނަޝީދު އިސްތިއުނާފު ކުރައްވާފައިވާ މައްސަލައާ މެދު ޝަރީއަތުން ގޮތެއް ކަނޑައެޅުމުގެ ކުރިން ނަޝީދުގެ ޝަރީއަތް ހުޅުމާލޭ ކޯޓުގައި ކުރިއަށް ގެންގޮސްފިނަމަ، އޭނާއަށް ކަށަވަރު ކޮށްދޭންޖެހޭ ހައްގުތަކެއް ކަށަވަރު ނުކުރެވި އެކަމުގެ ސަބަބުން ނަޝީދަށް ގެއްލުން ލިބިދާނެ ކަމުގެ ބިރު އޮތް ކަމަށެވެ.

ހުޅުމާލޭ ކޯޓުގެ ގާނޫނީ ސައްހަކަމާ މެދު ސުވާލު އުފައްދައި މީގެ އަހަރެއްހާ ދުވަސް ކުރިން ގާނޫނީ ވަކީލު އިސްމާއިލް ވިޝާމް ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ ސްޕްރީމްކޯޓުގައި މިހާރު އަންނަނީ ބަލަމުންނެވެ.