08 Nov 2012, 11:38
އެމްޑީޕީގެ ޗެއާޕާސަން އަދި ހުޅުހެންވޭރު ދާއިރާގެ މެންބަރު ރީކޯ މޫސާ މަނިކުގެ އިމްތިޔާޒާ ދިޓީވީން ބެހުނު ކަމަށް ބުނެ، ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒް ކޮމެޓީއަށް ހުށަހަޅާފައިވާ މައްސަލަ އެ ކޮމެޓީން އަލުން ބަލަން ފަށައިފި އެވެ.
ދިޓީވީން ރީކޯ މޫސަގެ އިމްތިޔާޒާ ބެހުނު ކަމަށް ބުނެ، އޭނާ ވަނީ ތިން ސަފްހާގެ ބޮޑު ރިޕޯޓެއް މިދިޔަ އަހަރު ކޮމެޓީއަށް ހުށަހަޅާފަ އެވެ. އެ މައްސަލަ އެޖެންޑާކޮށް އިމްތިޔާޒް ކޮމެޓީން ނިންމީ އެ މައްސަލާގައި މޫސަ ކޮމެޓީއަށް ހާޒިރުކޮށް، އެކަމާ ބެހޭ ތަފްސީލް މައުލޫމާތު ކޮމެޓީއަށް ހޯދުމަށެވެ. ކޮމެޓީގެ މެންބަރުން އެކަމަށް އެއްބަސްވެވަޑައިގެން ނިންމީ ދެން ބާއްވާ ކޮމެޓީގެ ބައްދަލުވުމަކަށް މޫސަ ހާޒިރު ކުރައްވައި ދިޓީވީން އޭނައާ "ބެހުނު" މިންވަރު ބެލުމަށް ދެން ބާއްވާ ކޮމެޓީއަކަށް މޫސަ ހާޒިރު ކުރުމަށެވެ.
ރީކޯ މޫސަ ކޮމެޓީއަށް ހުށަހެޅި މައްސަލާގައި ބުނެފައި ވަނީ ކާންބޯން ކުރާ މައްސައްކަތަށް ހުރަސް އަޅައި ދަރިންގެ ޒާތީ ދިރިއުޅުމާ ދިޓީވީން ބެހިފައިވާ ކަމަށެވެ. އަދި އެކަން ހުއްޓުވައި ދިނުމަށް އެދި އިމްތިޔާޒްގެ މައްސަލައެއްގެ ގޮތުގައި އެކަން ބެލުމަށް މޫސަ ހުށަހަޅުއްވާފައިވެ އެވެ.
ކޮމެޓީގެ ބައްދަލުވުމުން އިއްޔެ ވަނީ މަޖިލިސް މެންބަރުންނަށް ފުލުހުން ހިމާޔަތް ދީފައި ނުވާ ކަމަށް ބުނެ ތޮއްޑޫ ދާއިރާގެ މެންބަރު އަލީ ވަހީދު ހުށަހަޅުއްވާފައިވާ މައްސަލައެއް ވެސް އެޖެންޑާކޮށްފަ އެވެ. އެ މައްސަލައަކީ އެނާ ޑީއާރްޕީގެ ޑެޕިއުޓީ ލީޑަރަކަށް ހުންނެވި އިރު ބޭއްވި އެއްވުމެއްގައި މަޖިލިސް މެންބަރުންނަށް ފުލުހުން ހިމާޔަތް ދީފައި ނުވާތީ ކޮމެޓީއަށް ހުށަހަޅާފައިވާ މައްސަލަ އެކެވެ.
އެ މައްސަލަ ކޮމެޓީގައި ކުރިއަށް ގެންދިއުމަށް އަލީ ވަހީދު މިހާރު ބޭނުން ވޭތޯ ބެލުމަށް އޭނާ ކޮމެޓީއަށް ހާޒިރުވުމަށް ކޮމެޓީން ވަނީ ދައުވަތު ދިނުމަށް ނިންމާފަ އެވެ. އަދި އަލީ ވަހީދު ވިދާޅުވާ ބަސްފުޅަކާ އެކު އެ މައްސަލަ އިތުރަށް ކުރިއަށް ގެންދިއުމަށް އިމްތިޔާޒް ކޮމެޓީން ނިންމި އެވެ.