ގައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އާ ބްރާންޗެއް މުޅިން އާ ހިދުމަތަކާއެކު މާލޭގައި މިއަދު މާލޭގައި ހުޅުވުއިފި އެވެ.

އެސްޓީއޯ ޓްރޭޑް ސެންޓަރުގެ ތިރީގައި މިއަދު ހުޅުވި އެ ބްރާންޗް ހުޅުއްވައިދެއްވީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ )އެމްއެމްއޭ(ގެ ގަވަރުނަރު ފަޒީލް ނަޖީބް އެވެ.

އެ ބްރާންޗާއެކު މާލޭގައި ހުންނަ ބޭންކްގެ ބްރާޗްތަކުގެ އަދަދު ހަތަރަކަށް އުފުލޭނެ އެވެ.

އެ ބްރާންޗް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ބީއެމްއެލްގެ ސީއީއޯ ޕީޓަ ހޯޓަން ވިދާޅުވީ މިއަދު ހުޅުވުނު އާ ބްރާންޗާއެކު ދެ ހިދުމަތެއް ވަރަށް ފުރިހަމައަށް ލިބޭނެ ކަމަށާއި އޭގެ ތެރޭގައި އޭޓީއެމްގެ ހިދުމަތާއި އެ ބްރާންޗްގައި ބަހައްޓާފައިހުރި ދެ މެޝިންގެ އެހީގައި އަމިއްލައަށް ފައިސާ ޖަމާކުރުގެ އިތުރުން ޕާޒަނަލް ބޭންކިން ހިދުމަތް ވެސް ލިބޭނެ ކަމަށެވެ.

"މިބްރާންޗް އަމާޒްކޮށްފައިވަނީ ރީޓެއިލް ކަސްޓަމަރުނަށް، މިއީ ވިޔަފާރިވެރިންގެ ބްރާންޗެއް ނޫން މިއީ ރީޓެއިލް ކަސްޓަމަރުންގެ ބްރާންޗެއް، މިބްރާންޗުގައި ކަސްޓަމަރުން ހިންގާނީ ސިމްޕަލް އަދި އަވަސް ޓްރާންސެކްޝަންތައް،" ޕީޓާ ހޯޓަން ވިދާޅުވި އެވެ.

ބީއެމްއެލްއިން ބުނީ އާ ބްރާންޗް ހުޅުވިފައި ހުންނާނީ ސަރުކާރު ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 10:30 އިން ހަވީރު 4:00 އަކަށް ކަމަށެވެ.

ބީއެލްއެލް އިން އަލަށް ހުޅުވި ބްރާންޗްގައި އަމިއްލައަށް ފައިސާ ޖަމާކުރެވޭ މެޝިނެއް ބަހައްޓާފައިވެ އެވެ. އެ މެޝިނުން ޗެކާއި ރުފިޔާ އަދި ޑޮލަރު ޖަމާކުރެވޭނެ ކަމަށް ބޭންކުން ބުންޏެވެ. އަދި އެ މެޝިންގައި ހާއްސަ ސެކިއުރިޓީ ފިޗާތަކެއް ހިމެނޭއިރު ފައިސާ ޖަމާކުރެވޭނީ ހާއްސަ ސެކިއުރިޓީ އުރައެއް ބޭނުންކޮށްގެން ކަމަށްވެސް ބޭންކުން ބުންޏެވެ. އަދި އެ ބްރާންޗުން 24 ގަޑިއިރު އޭޓީއެމްގެ ހިދުމަތްވެސް ލިބޭނެ ކަމަށް ބޭންކުން ބުންޏެވެ.