08 Nov 2012, 10:56
ސަފާ ހައްޖު އެންޑް އުމްރާ ގްރޫޕްގެ ހަވާލުގައި މި އަހަރު ހައްޖަށް ދިޔަ މީހުން މިއަދު މާލެ އައުމަށް ފުރިއިރު އޭގެ ތެރެއިން އެކަކު ޖިއްދާ އެއާޕޯޓުގައި ނާދެވި ތާށިވެއްޖެ އެވެ.
ޖިއްދާ އެއާޕޯޓަށް ފުރަން ގޮސް ނާދެވިފައި ހުރީ ށ. މިލަންދޫ ހުސެއިން އިބްރާހިމެވެ. އެކަނި މާ އެކަނި ޖިއްދާ އެއާޕޯޓްގައި ހުރެ ހުސެއިން މިއަދު ސަން އޮންލައިނަށް ބުނީ އޭނާ އަށް ނުފުރުނީ އޭނާގެ ޕާސްޕޯޓް "ވަގަށް ނެގުމުގެ ސަބަބުން" ކަމަށެވެ.
އަދި ބުނީ ފުލުހުން އައިސް ޕާސްޕޯޓް ފެނޭތޯ ބެލި ކަމަށާއި އެހެން ނަމަވެސް އެމީހުނަށް ނުފެނުނު ކަމަށެވެ.
"މިހިރީ ޖިއްދާ އެއާޕޯޓުގައި. އެމީހުން ފުރައިގެން ގޮސްފި. އަޅުގަނޑު ޕާސްޕޯޓް ދަބަހުގައި ބަހައްޓާފައި އޮއްވާ ގެއްލުނީ. ބަޔަކު ވަގަށް ނެގީ، ނޭނގެ އަދި ދެވޭނެ ކަމެއް،" ހާސްކަމެއްގެ ތެރޭގައި ހުރެ އޭނާ ކިޔާދިނެވެ.
ހުސެއިން ބުނީ ހައްޖު ޖަމާއަތުގެ މީހުން ފުރައިގެން ދަމުން އޭނާ އަށް އެހީތެރިވާނެ މީހަކު ވެސް ހަމަނުޖައްސާ ކަމަށާއި އެއްވެސް ބައެއްގެ އެހީތެރިކަން އަދި ނުލިބޭ ކަމަށެވެ.
މިއަހަރު ހައްޖަށް ދިޔަ މީހުންގެ ހަވާލުގައި އިސްކޮށް އުޅުނު ހައްޖު މިޝަންގެ އިސް ވެރިޔާ މުހައްމަދު ދީދީ ވިދާޅުވީ އެފަދަ ކަމެއް ވެގެން އުޅޭކަން އެނގިވަޑައިނުގަންނަވާ ކަމަށެވެ.
"އަޅުގަނޑު އެކަނި މިހިރީ. އެމީހުން ނުވާނެއެއްނު އަޅުގަނޑު ބަހައްޓާފައި ފުރައިގެން ދާކަށް. އެކަކު ވެސް ނުގުޅާ،" އޭނާ ބުންޏެވެ. އެ މައްސަލައިގައި ސަފާ ގްރޫޕުގެ ބަހެއް ލިބޭގޮތެއްނުވި އެވެ.