08 Nov 2012, 09:22
ވޮޝިންޓަން(ނޮވެމްބަރ 8): ކީރިތި ރަސޫލާގެ ޝަޚްސިއްޔަތަށް އިހާނާތްކޮށް މާތްވެގެންވާ އިސްލާމް ދީނަށް މަލާމާތާއި ފުރައްސާރަކޮށް ދާދިފަހުން ފިލްމު އުފެއްދި އެމެރިކާގެ ރައްޔިތެއް ކަމަށްވާ ނިކޮލައި ބާސިލީ ނިކޮލައި އެއް އަހަރަށް ޖަލަށް ލުމަށް އެމެރިކާގެ ކޯޓަކުން އިއްޔެ ޙުކުމް ކޮށްފި އެވެ.
ނިކޮލައި ޖަލަށް ލުމަށް ޙުކުމް ކުރީ މަކަރާއި ޙީލަތުގެ މައްސަލައެއްގައި ޖަލަށްލާފައިވަނިކޮށް ޕެރޯލްގެ އުސޫލުން އޭނާ ވަގުތީ ގޮތުން ދުކޮށްލާފައިވަނިކޮށް ޕެރޯލްގެ ޝަރުތުތަކާ ތަކުރާރުކޮށް އޭނާ ޚިލާފްވިކަން ކޯޓަށް ސާބިތުވުމާ ގުޅިގެންނެވެ. މިދިޔަ ސެޕްޓެމްބަރު މަހު އެމެރިކާގެ ފުލުހުން ނިކޮލައި ހައްޔަރުކޮށްފައި ވަނީ ޕެރޯލްގެ ޝަރުތުތަކާ ތަކުރާރުކޮށް ޚިލާފު ވުމަށް ފަހު ފިލައިގެން އުޅެނިކޮށެވެ.
ޕެރޯލްގެ ޝަރުތުތަކާ ޚިލާފްވުމާ އެއަށް ފަހު ފިލައިގެން އުޅުމުގެ ކުށުގައި ނިކޮލައިގެ މައްޗަށް ޙުކުމްކޮށްފައި ވަނީ 12 މަސްދުވަހު ޖަލުގައި ބެހެއްޓުމަށާއި އެއަށް ފަހު އޭނާ މިނިވަންކުރުމުން ހަތަރު އަހަރުވަންދެން އޭނާގެ ހަރަކާތްތައް ބެލުމަށެވެ. އެމެރިކާގެ ނޫހެއް ކަމަށްވާ ލޮސްއެންޖޮލަސް ޓައިމްސް ބުނާ ގޮތުން ކީރިތި ރަސޫލާގެ ޝަޚްސިއްޔަތަށް އިހާނާތްކޮށް މާތްވެގެންވާ އިސްލާމް ދީނަށް މަލާމާތާއި ފުރައްސާރަކޮށް ފިލްމު އުފެއްދުމަށް ޓަކައި ނިކޮލައި ވަނީ އިސްލާމްދީން ދިރާސާކޮށްފަ އެވެ. މިއީ އިސްލާމް ދީނަށް މަލާމަތްކުރެވޭ ފަދަ ވަސީލަތްތަކެއް ހޯދުމުގެ ބޭނުމުގައި އޭނާ ކުރިކަމެއް ކަމަށް ވެސް ލޮސްއެންޖޮލަސް ޓައިމްސް ބުނެ އެވެ.
ނިކޮލައިގެ ފިލްމުގެ ސަބަބުން ދުނިޔޭގެ މުސްލިމުން ރުޅިގަދަވެ ކީރިތި ރަސޫލާ އާއި އިސްލާމް ދީނުގެ ދިފާޢުގައި އަޑުއުފުލާފައިވެ އެވެ. (ބީ.ބީ.ސީ)