08 Nov 2012, 09:19
ބެއިޖިން (ނޮވެމްބަރ 8): ޗައިނާގެ ކޮމިއުނިސްޓް ޕާޓީގެ ކޮންގްރެސް، އެޤައުމުގެ ރައީސް ހޫޖިންޓާއޮ އިފްތިތާޙް ކުރައްވައިފި އެވެ.
މިއީ ކޮންމެ 10 އަހަރަކުން ޗައިނާގެ ލީޑަރޝިޕް ބަދަލުކުރުމާބެހޭ ގޮތުން ބާއްވާ ކޮމިއުނިސްޓް ޕާޓީގެ ބޮޑު ކޮންގްރެސް އެވެ. ހަފްތާއަކަށް ދިގުދެމިދެންދާ މިކޮންގްރެސް އިން ކުރިޔަށް އޮތް 10 އަހަރު ޗައިނާގައި ވެރިކަންކުރާ ލީޑަރުން އެކަށައަޅައި އެބޭފުޅުންނަށް ރުހުންދޭނެ އެވެ. ޗައިނާގެ ލީޑާޝިޕްގައި އެންމެ ބާރުގަދަ ތިންފަރާތަކީ އެޤައުމުގެ ރައީސް އާއި ކޮމިއުނިސްޓް ޕާޓީގެ އިތުރުން ބޮޑުވަޒީރެވެ.
މިކޮންގްރެސްގައި ޗައިނާގެ ރައީސް ހޫޖިންޓާއޮ އޭނާގެ ވެރިކަމުގެ 10 އަހަރުގައި ކުރެއްވި ބޮޑެތި ކަންތައްތަކާއި ޙާސިލްކުރެއްވި ކާމިޔާބީތަކާއި އަދި ކުރިމަތިވެފައިވާ ދަތިތަކާ ބެހޭ ރިޔާސީޚި ބަޔާނެއް މިއަދު ހެނދުނުވަނީ ދެއްވާފަ އެވެ. މިބަޔާނުގައި ހޫޖިންޓާއޮވަނީ ޗައިނާއަށް ޚާއްސަ ސޯސަލިސްޓް ކޮމިއުނިސްޓް ނިޒާމަކާގެން ކުރިޔަށް ދިޔުމަށް އެޤައުމެ ކޮމިއުނިސްޓް ޕާޓީން ގެންގުޅޭ ސިޔާސަތު ކާމިޔާބު ކަމަށް ވިދާޅުވެ އެސިޔާސަތުތަކާގެން ކުރިޔަށް ދިޔުމަށް އެޕާޓީގެ މެންބަރުންނަށް ގޮވާލައްވާފަ އެވެ. އަދި ޗައިނާގެ ތަރައްޤީ އާއި ކުރިއެރުމަށާއި ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަކީ ކޮމިއުނިސްޓް ޕާޓީގެ އަމާޒުކަމަށް ވެސް ހޫޖިންޓާއޮ ވިދާޅުވި އެވެ.
ޗައިނާގެ ރައީސް ހޫޖިންޓާއޮ އަކީ އެޤައުމުގައި ވެރިކަންކުރާ ކޮމިއުނިސްޓް ޕާޓީގެ ރައީސް ވެސްމެ އެވެ. ކޮމިއުނިސްޓް ޕާޓީގެ ކޮންގްރެސްގައި ކޮމިއުނިސްޓް ޕާޓީގެ ރައީސް ކަމުގެ މަޤާމު ޙަވާލުކުރުމަށް ހަމަޖެހިފައި ވަނީ ޝީޖިންބިންގް އަށެވެ. އޭނާއަކީ ޗައިނާގެ މިހާރުގެ ނައިބު ރައީސް އެވެ. މި ކޮންގްރެސްގެ ރުހުން ލިބުމުން ޗައިނާގެ ރައީސް ކަމަށް އިސްވެ ވަޑައިގަތުމުގެ ފުރްސަތު ޝީޖިންބިންގް އަށް ފަހިވެގެންދާނެ އެވެ. ނަމަވެސް ޗައިނާގެ ރައީސް ކަމާ ޝީޖިންބިންގްރަސްމީކޮށް ޙަވާލުވެވަޑައިގަތުން އޮންނާނީ އަންނަ މާޗް މަހު ބޭއްވުމަށް ހަމަޖެހިފައިވާ ޗައިނާގެ ޕާލަމެންޓް ކަމަށްވާ ޕީޕަލްސް ނެޝަނަލް އެސެމްބްލީން މިކަމަށް ބާއްވާ ޚާއްސަ ޖަލްސާއެއްގަ އެވެ.
ޗައިނާގެ ކޮމިއުނިސްޓް ޕާޓީގެ ކޮންގްރެސް، ކުރިޔަށްދަނީ ބެއިޖިންގެ ޓިޔާންއިންމެން މައިދާނުގައި ހުންނަ އެޤައުމުގެ ރައްޔިތުންގެ ބޮޑު މާލަމުގަ އެވެ. ދެހާސް އަށް ވުރެ ގިނަ މަންދޫބުން ބައިވެރިވާ މި ކޮންގްރެސް އަށް ޗައިނާގެ ސަރުކާރާއި ކޮމިއުނިސްޓް ޕާޓީ ތައްޔާރުވަމުން އަންނަތާ ވަރަށް ގިނަ ދުވަސްތަކެއް ވެއްޖެވެ. (ބީ.ބީ.ސީ)