08 Nov 2012, 09:10
ފައިސާ ޑިޕޮސިޓް ކުރެވޭ މެޝިނެއްގެ ހިދުމަތް ތައާރަފް ކުރަން ދިވެހި ގައުމީ ބޭންކް، ބީއެމްއެލްއިން ނިންމައިފި އެވެ.
އެ ބޭންކްގެ މެނޭޖާ ޕަބްލިކް ރިލޭޝަން، ހުޝެއިން ރަޝީދު ވިދާޅުވީ ބީއެމްއެލްއިން މިއަދު ހުޅުވާ އެ ބޭންކްގެ އާ ބްރާންޗާ އެކު އެ މެޝިންގެ ހިދުމަތްވެސް ފެށިގެންދާނެ ކަމަށެވެ. އެ މެޝިންގެ ޒަރިއްޔާއިން ޗެކާއި ރުފިޔާ އަދި ޑޮލަރުވެސް ޖަމާކުރެވޭނެ ކަމަށް ހުސެން ވިދާޅުވި އެވެ.
"އެ މެޝިން ބަހައްޓާފައި ހުންނާނީ އަޅުގަނޑުމެން އަލަށް ހުޅުވާ ބްރާންޗްގައި. އެއީ ޒަމާނީ ބޭންކިންގެ ހިދުމަތުގައި މިހާރު ބޭނުން ކުރަމުން އަންނަ ހިދުމަތެއް،" ހުސެން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ މެޝިނަކީ ހާއްސަ ސެކިއުރިޓީ ފިޗާތަކެއް އެކުލެވިގެންވާ މެޝިނެއް ކަމަށާއި އެ މެޝިންގެ ބޭނުންކޮށްގެން ފައިސާ ޖަމާކުރެވޭނީ ހާއްސަ ސެކިއުރިޓީ އުރައެއް ބޭނުންކޮށްގެން ކަމަށެވެ. އަދި އެ މެޝިންއިން ކުރެވޭ ޓްރާންސެކްޝަންތައް 24 ގަޑިއިރު ރެކޯޑް ކުރެވޭނެ ކަމަށްވެސް އެ ބޭންކުން ބުންޏެވެ.
އެ މެޝިންގެ މެދުވެރިކޮށް ކްރިޑިޓް ކާޑަށާއި އަދި ލޯނަށް ފައިސާދެއްކުމުގެ ހިދުމަތްވެސް ލިބޭނެ ކަމަށްވެސް އެ ބޭންކުން ބުންޏެވެ.
ބީއެމްލްއިން މިހާރު ނިންމާފައިވަނީ އެ ބޭންކްގެ ހިދުމަތް ފުޅާކުރުމުގެ ގޮތުން އިތުރު 19 އޭޓީއެމްއެއް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ބެހެއްޓުމަށެވެ.