އައްޑޫ ސިޓީ، ގަން އެއާޕޯޓަކީ ރާއްޖޭގެ ސްޓްރެޓެޖިކް އެސެޓެކެވެ. އެއީ ރާއްޖޭގެ ފުރަތަމަ އެއާޕޯޓް ކަމަށްވާ އިރު އެ އެއާޕޯޓްގެ ތާރީހުން ވީހާ ދުވަހެއްވީ އިރު އެއާޕޯޓްގެ ބާ ކަމަށް ބަދަލެއް ނާދެ އެވެ. އެއާޕޯޓުން ފަހުގެ ޒަމާނީ ކުލަތަކެއް ނުފެނެ އެވެ. އިންޓަނޭޝަނަލް ފްލައިޓްތަކަށް އެއާޕޯޓް ހުޅުވިފައެއްނެތެވެ. މި ސަރުކާރުން ވެސް އަމާޒު ހިފަނީ އެއާޕޯޓް ޑިވަލޮޕްކުރުމަށެވެ. އައްޑޫ އެއާޕޯޓް ޑިވަލޮޕްކުރަން ވިސްނާފައި ވަނީ، އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް ކޮމްޕެނީ (އޭއައިއޭ)ގެ 30 ޕަސެންޓް ހިއްސާ ވިއްކައިގެންނެވެ. އަދި ކޮންޓްރެކްޓް ފައިނޭންސްގެ އުސޫލުގެ ތެރެއިންނެވެ.

ނަމަވެސް އެ ކަމާ ދެކޮޅަށް އުފުލޭ އަޑުތައް ގަދަ އެވެ. މަޝްހޫރު ވިޔަފާރި ވެރިޔާ ޗަމްޕާ މުހަންމަދު އަފީފްގެ ހިއްސާ އޮންނަ، ކާސާ ހޯލްޑިން އަށް އޭއައިއޭގެ 30 ޕަސެންޓް ހިއްސާ ވިއްކީ 60 މިލިއަން ރުފިޔާ އަށެވެ. ނަމަވެސް ބައެއްގެ ޝަކުވާ އަކީ އެ އާޕޯޓްގެ މުޅި ޕްރޮޖެކްޓަށް 40 މިލިއަން ޑޮލަރު (616 މިލިއަން ރުފިޔާ) އަރާ އިރު ހިއްސާ ވިއްކައިގެން 60 މިލިއަން ރުފިޔާ ހޯދާ މައްސަލަ އެވެ. އެއީ ވާހަކައިގެ އެއްފަރާތެވެ. އަނެއް ފަރާތުގެ ވާހަކައަކީ ކޮބައިބާ އެވެ؟

އޭއައިއޭގައި ހިއްސާ ވަނީ އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އާއި އެސްޓީއޯ އަދި ގަން އެއާޕޯޓް ކޮމްޕެނީ އަދި ސަރުކާރެވެ. އޭއައިއޭގެ ވެސް މެނޭޖިން ޑިރެކްޓާ އަދި އެސްޓީއޯގެ ވެސް މެނޭޖިން ޑިރެކްޓަރުންކަން ކުރައްވާ ޝާހިދު އަލީ ވިދާޅުވީ އޭއައިއޭއަކީ އެސެޓް އޯން ކުރާ ކުންފުންޏެއް ނޫންކަމަށާއި އެ ކުންފުނިން ގަން އެއާޕޯޓް ނަގައިގެން އުޅެނީ ކުއްޔަށް ކަމަށެވެ. އަދި އެ ކުންފުނީގެ މިލްކިއްޔާތުގައި އެއްވެސް ހަރުމުދަލެއް ނެތް އިރު ހިއްސާ ވިއްކުމުގައި އެއާޕޯޓް އަގުމަގުކޮށް އެ އަގަށް ހިއްސާ ވިއްކަން ނުޖެހޭ ކަމަށް ޝާހިދު ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަކީ މެނޭޖްމަންޓް ކުންފުންޏެއް. އަޅުގަނޑުމެން ހަމައެކަނި ހިންގަނީ އެތަން. އަޅުގަނޑުމެން ހިއްސާ ވިއްކުމުގައިވެސް ބަލާފައި މިއިނީ މި ކަހަލަ ބިޒްނަސް މޮޑެލްއެއް އެންމެ ފީސިބިލް ކޮށް ގެންދެވޭނެ ގޮތަށް. މިސާލަކަށް؛ ބައްލަވައި އެސްޓީއޯ އިން މި ކުންފުނީގެ 10 ޕަސެންޓް ހިއްސާ 20 މިލިއަން ރުފިޔާ އަށް ގަތީ، އެކަމަކު އެއްވެސް މީހަކު އޭރު މައްސަލައެއް ނުޖައްސާ. ހަމަ އެ ރޭޝިއޯ އިން 30 ޕަސެންޓް 60 މިލިއަނަށް ދިޔައިމާ ކީއްވެ ބާއޭ މީތި އިޝޫއަކަށް ވަނީ، އަޅުގަނޑުމެން ގިނަ މަޝްވަރާތަކަކަށް ފަހު ބެލީ އިކުއިޓީ ޕާޓްނާއެއް ހޯދާ އިރު ކިހާ ވަރަކަށް މީތި ސެޓް ކުރީމަތޯ މީތި ފީސިބުލްވާނީ، އެ މޮޑެލްއަށް ބަލާފައި ހިއްސާ ވިއްކީ،" ޝާހިދު ވިދާޅުވި އެވެ.

ނުއަގުގައި ހިއްސާ ވިއްކާކަމަށް ބަޔަކު ތުހުމަތު ކުރަނީ އެއާޕޯޓާއި ހިއްސާ ވިއްކި ކުންފުންޏާ އެއާޕޯޓް އަޅާ ކިޔާތީ ކަމަށާއި ނަމަވެސް ބިޒްނަސް މޮޑެލްގެ ގޮތުން ވިސްނާ ނަމަ މިއީ ދެ ކުންފުންޏެއް ކަމަށް ޝާހިދު ވިދާޅުވި އެވެ. އަދި މިހާރު ހިއްސާ ވިއްކި އުސޫލުން އެ ކުންފުނީގެ ހިއްސާ ވިއްކަން ނިންމީވެސް 2011 ވަނަ އަހަރުގެ ތެރޭގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އޭގެ ފަހުން 2012 ގައި މިކަން މިކުރެވޭ އިރު އޭރު މައްސަލައަކަށް ނުވޭ. އެމްއޭސީއެލްއިން ވެސް 10 ޕަސެންޓް ގަތީ 20 މިލިއަން ދީފައި ގަން އެއާޕޯޓް ކޮމެޕެނީން ވެސް ގަތީ އެ އަގަށް. ސަރުކާރުން ނޮމިނަލް އެއްޕަސެންޓް ގަތީ ދެ މިލިއަނަށް. އެކަމަކު އޭރު މައްސަލައެއް ނޫންދެއްތޯ. މި މައްސަލައަކަށް ވަނީ މިހާރު. އަޅުގަނޑުމެން ވަކި ބަޔަކަށް ހިއްސާ ދެންޏާ އޭރުވެސް ކުރަންވީ ނުންތޯ،" ޝާހިދު ވިދާޅުވި އެވެ.

ސަރުކާރަށް ވެސް ލޯޑް ކުޑަވާނެ ގޮތަކަށް އޭއައިއޭ އޮޕަރޭޓް ކުރަން އެ ކުންފުނީގެ ވިސްނުން ހުރިއިރު ކާސާއެކު ކުރެވުނު ހިއްސާގެ މުއާމަލާތްތަކާ މެދު ޝައްކުގެ ނަޒަރަކުން ބަލާ ފަރާތްތަކުން ތުހުމަތުކުރަނީ ބިޑް ޕްރޮސެސްގެ ތެރޭގައި އޮޅުވާލުންތަކެއް ހުރި ކަމަށެވެ. ބިޑިން ޕްރޮސެސް ދިޔަގޮތް ޝާހިދު ހިއްސާކުރެއްވި އެވެ. އެ ޕްރޮސެސް އޭނާ ސިފައްކުރެއްވީ އެންމެ ހުޅުވާލައިގެން ފެންދެވުނު އެއް ބިޑްގެ ގޮތުގަ އެވެ.

"އެންމެ ފުރަތަމަ އަޅުގަނޑުމެން ގެޒެޓްގައި ޖަހާފައި، ޕްރިންޓް މީޑިޔާގައި ޖަހާފައި ބޭރުގައި ހުރި ހުރިހާ މިޝަންތަކަށް ފޮނުވީ. އެކަމަކު ޝައުގުވެރިވީ ދެ ފަރާތެއް. އޭރުން ބޯޑުގައި ނިންމާފައި އޮތީ، އޭރު އެންމެ ގަދަޔަށް ދެކެވުނު ވާހަކަ އެއީ މިކަހަލަ ސްޓްރެޓެޖިކް އިންވެސްޓްމަންޓްތައް ދިވެހި ކެޕޭބުލް ފަރާތްތަކަށް ދިނުމަށް. އަނެއް ކަމަކީ ބޭރު މީހުންނަށް ހިއްސާ ވިއްކީމައި ސިޔާސީ ކަންތައްކަނޑަކަށް ވާތީ އެކަން އެގޮތައް ނުކުރުން، އެ ވިސްނުން މި އޮތީ،" ޝާހިދު ވިދާޅުވި އެވެ.

ކާސާއާ އެކު އިކުއިޓީ ޕާޓްނާ އަކަށް ދެން ކުރިމަތިލީ މެލޭޝިޔާގެ މުހިއްބާ އިންޖިނިއަރިންނެވެ. ޝާހިދު ވިދާޅުވީ އެ ކުންފުނިން އޭރު ވަނީ އެ އެއާޕޯޓްގެ ކޮންޓްރެކްޓަރެއްގެ ގޮތުގައި ވެސް ޝައުގުވެރިކަން ފާޅުކޮށް އެކަން ހުށަހަޅާފައިވާ ކަމަށާއި ކޮންޓްރެކްޓަރެއް ކުންފުނީގެ ހިއްސާދާރެއްގެ ގޮތުގައި އިނުމަކީ ރަނގަޅު ކަމަކަށް ނުވާތީ އެ ކުންފުންޏަށް ހިއްސާ ނުދިނުމަށް ނިންމި ކަމަށެވެ.

"ކޮންޓްރެކްޓަރަކަށް އިނދެފައި އަނެއްކާ ހިއްސާދާރަކަށް އިނީމައި އެ ހިސާބުން މައްސަލަ ނިކުންނާނެ. އެހެންވީމާ އެ މީހުން ޑިސްކޮލިފައި ވީ. ބޭރުގެ މިޝަންތަކާ އެއްޗިއްސަށް ވެސް އެ އިއުލާން ފޮނުވާ އެ ގައުމުތަކުގައި ވެސް ބަޕްލިޝްކުރިން. މިއަށް ވުރެ ވަކިން ބޮޑަށް ހުޅުވާލައިގެން ކުރިއަށް ގެންދެވޭނެ ގޮތެއް އަޅުގަނޑަށް ނުފެނޭ،" ޝާހިދު ވިދާޅުވި އެވެ.

ކުންފުނީގެ އަމާޒަކީ އެއާޕޯޓް ޑިވަލޮޕްކުރުން ކަމަށާއި ހިއްސާ ވިއްކުމުގައި ވެސް އަދި އެހެން ކަމެއްގައި ވެސް ކޮރަޕްޝަނެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެކި ފަރާތްތަކުގެ ފާޑު ކިޔުންތަކާއި ދެކޭގޮތް ހުންނާނެ ކަމަށާއި އެކަމާ އިހުތިރާމް ކުރައްވާ ކަމަށް ޝާހިދު ވިދާޅުވި އެވެ.

"އެކި މީހުންނަށް ކަންކަން ފެންނާނީ އެކިގޮތައް. އަޅުގަނޑުމެންނަށް ފެންނަނީ އައްޑޫ އެއާޕޯޓް ދިވަލޮޕްކުރުން. އެތަނުގައި ވަޒީފާގެ ފުރުސަތުތައް އައުން. އެސެޓް ރަނގަޅު ގޮތުގައި ބޭނުންކުރުން. އެގޮތުގައި އަޅުގަނޑުމެން ކުރިއަށް މިދަނީ. އެ ދައްކާ ވާހަކަތަކަކީ ބަޔަކަށް ފެންނަ ގޮތް. އަޅުގަނޑުމެން މިކަމުގެ ތެރޭގައި އައްޑޫ އެއާޕޯޓް ތަރައްގީ ކުރުން ނޫންކަމެއް ނުކުރަން."