21:22


ފުވައްމުލަކު މިސްކިތެއް ދަށުން މިނިކަށި ފެނުމުގެ ސަބަބުން އެ މިސްކިތް މިއަދު ބަންދުކޮށްފި އެވެ.


ސަންއެއްފްއެމް އޮންލައިނަށް މައުލޫމާތު ދެއްވަމުން ފުވައްމުލަކު ބޮޑު ކަތީބު މުނީރު ހަސަން މިއަދު ވިދާޅުވީ، އެރަށު އަނބުލު އަތިރި ސަރަހައްދުގައި ހުންނަ އެ މިސްކިތުގެ ދަށުގައި މިނިކަށި ހުރިކަން އެނގުނީ މިސްކިތުގެ ބައެއް ހަދަން ފެށިއިރު މިސްކިތުގެ ދަށުގައި މިނިކަށި ހުރި ކަމަށް ލަފާކުރެވޭތީ ކޮނުމުން ކަމަށެވެ. މިނިކަށި ފެނުނީ މީގެ އަށެއްކަ އަހަރު ކުރިން މިސްކިތައް އިތުރުކޮށްފައިވާ ބައިން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.


ބޮޑު ކަތީބު ވިދާޅުވީ ކޮނުނު ސަރަހައްދުން މިނިކަށި ފެނިފައިވާތީ އެކަމާ ގުޅިގެން މިއަދު އަސުރު ނަމާދަށްފަހު މިސްކިތުގައި ނަމާދު ކުރުން ހުއްޓާލައި މިސްކިތް ބަންދުކޮށްފައިވާ ކަމަށެވެ. ބަންދުކުރީ އިސްލާމިކް މިނިސްޓްރީއަށް އެންގުމަށްފަހު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.  


އިސްލާމިކް މިނިސްޓްރީގެ އެސިސްޑެންޓް ޑިރެކްޓަރު އަހުމަދުﷲ ޖަމީލު ވިދާޅުވީ ފުވައްމުލަކު މިސްކިތަކުން މިނިކަށި ފެނުނުކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި އެކަން ބަލަމުންގެންދާ ކަމަށެވެ.


ފުވައްމުލަކުގައި ބަންދު ކުރި، އެ މިސްކިތަކީ ތިރީސް މީހުންގެ ޖާގައިގެ ކުޑަ މިސްކިތެކެވެ.