ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހެޅިފައިވާ، "ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ބިލު" ވީހާވެސް އަވަސް ކުރުމަށް މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ އިންޓަނޭޝަނަލް މަނިތަރީ ފަންޑް (އައިއެމްއެފް)ގެ ވަފުދުން މަޖިލީހުގައި މިއަދު އެ ދިއްޖެ އެވެ.
މެންބަރު ގައުމުތަކުގެ އެކޮނޮމީ ރިވިއު ކުރުމަށް މިހާރު ރާއްޖެ ޒިޔާރަތް ކުރަމުން އަންނަ އެ ވަފުދުގައި ހިމެނެނީ ޑރ. ކޯޝީ މަތާއީ، ޑރ. ފަޒޫރިން ޖަމާލުއްދީން، ނިކޮލާ މިލިއޯން، ޑރ. ނަންދަކަ މޮލަގޮޑާ، އަދި މރ. ޖޫލްސް ޓެޕްސޮޓާ އެވެ.

އެ ވަފްދުން ވަނީ މަޖިލީހުގެ މާލިއްޔަތު ކޮމެޓީއާ އަދި އިގްތިސޯދީ ކޮމެޓީއަށް ބައްދަލުކޮށް މަޝްވަރާތަކެއް ބާއްވަވައިފަ އެވެ.

އެ މަޝްވަރާތަކުގައި އައިއެމްއެފްއިން ވަނީ ދައުލަތަށް ކުރިމަތިވެފައިވާ މާލީ މައްސަލަތައް ހައްލުކުރަން އަވަސް ފިޔަވަޅުތަކެއް އަޅަން ޖެހޭކަން ފާހަގަ ކުރައްވައިފަ އެވެ. އެގޮތުން ރާއްޖޭގެ އިގްތިޞާދު ހަރުދަނާ ކުރުމަށް މަޖިލީހުން ކުރެވެން އޮތް އެންމެ މުހިންމު ކަމަކީ “ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ބިލު” ގެ މަސައްކަތް ވީހާވެސް އަވަހަކަށް ނިންމުން ކަމުގައި އައިއެމްއެފްގެ މިޝަންއިން ވަނީ ފާހަގަ ކުރައްވައިފަ އެވެ. އަދި މަޖިލީހުގެ މެންބަރުންގެ ކިބައިންވެސް އައިއެމްފްގެ މިޝަންއިން އެދި ފައިވަނީ ރާއްޖޭގެ އިގްތިސޯދު ރަނގަޅުކުރުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށެވެ.

އައިއެމްއެފްގެ ވަފްދެއް ރާއްޖެއަށް އެންމެ ފަހުން ޒިޔާރަތް ކޮށްފައިވަނީ މި އަހަރުގެ މާޗް މަހުގެ ތެރޭގަ އެވެ. އެފަހަރުވެސް އެ ވަފްދުން ވަނީ މަޖިލީހުގެ މެންބަރުންނާއި ބައްދަލުކޮށް ދައުލަތުގެ ހަރަދު ކުޑަކުރުމަށް ފިޔަވަޅުތަކެއް އެޅުމަށް މަޖިލީހުގެ މެންބަރުންގެ ކިބައިން އެދިވަޑައިގެންފަ އެވެ.