07 Nov 2012, 17:18
މަގުމަތީގައި ވަޅިއެއް ގެންގުޅުނު މީހަކު އެއްއަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމް ކޮށްފި އެވެ.
ވަޅިއެއް ގެންގުޅުމުގެ ކުށުގައި އެއް އަހަރަށް ޖަލަށް ލުމަށް ހުކުމް ކޮށްފައި ވަނީ މާލޭ ދަފްތަރު 215 މުހައްމަދު ނިޒާރުގެ މައްޗަށެވެ.
ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗިހި ގެންގުޅުން މަނާކުރުމުގެ ގާނޫނުގެ ދަށުން ދައުލަތުން އޭނާގެ މައްޗަށް ކޮށްފައި ވަނީ މަގުބޫލު ސަބަބެއް ނެތި އާންމު ތަނެއްގައި ތޫނު އެއްޗެއް ގެންގުޅުމުގެ ކުށުގެ ދައުވާ އެވެ.
ކްރިމިނަލް ކޯޓުން މިއަދު ކުރި ހުކުމްގައި ބުނަނީ މިއަހަރުގެ އޭޕްރީލް 12 ވަނަ ދުވަހުގެ އިރުއޮއްސުނު ވަގުތު މަޖީދީ މަގާއި އަލިކިލޭގެފާނުމަގު ގުޅުނު ހިސާބުގައި ހުރި ފިހާރަތަކަށް އޭނާ ވަދެ ނުކުމެ އުޅޭތަން ފެނިގެން އެ ސަރަހައްދު ޕެޓްރޯލް ކުރަން ތިބި ފުލުހުން އޭނާއާ ސުވާލުކޮށް ހަށިގަޑު ބަލައި ފާސްކުރި ކަމަށެވެ.
އެ ހުކުމްގައި ބުނަނީ އޭނާގެ ހަށިގަނޑު ބަލައި ފާސްކުރި އިރު އޭނާގެ ފަޓުލޫނާއި ގަޔާއި ދޭތެރެއިން ތިން އިންޗި ހުންނަވަރުގެ ވަޅިއެއް ފެނިފައިވާކަން ނިޒާރުގެ އަމިއްލަ އިއުތުރާފުން ޝަރީއަތަށް ސާބިތުވާ ކަމަށެވެ.
އެ ވަޅިއާ ބެހޭގޮތުން ސުވާލުކުރުމުން އެއީ ނަރުތަކެއް ސާފުކުރުމަށް ގެންގުޅުނު ވަޅިއެއް ކަމަށް ނިޒާރު ބުނިނަމަވެސް އެކަން އޭނާއަށް ޝަރީއަތަށް ސާބިތުކޮށްދެވިފައި ނުވާތީ މަގުބޫލު ސަބަބެއް ނެތި އާންމުތަނެއްގައި ތޫނުއެއްޗެއް ގެންގުޅުމުގެ ކުށުން އޭނާ ކުއްވެރިވާ ކަމަށް ވެސް ކްރިމިނަލް ކޯޓުގެ ހުކުމްގައި ވެއެވެ.