ވެސްޓްޕާކް ރެސްޓޯރަންޓް ކައިރިން މ. ފެއަރީ ކޯނާ އަލީ ޝިފާން މަރާލި ކަމުގެ ތުހުމަތުގައި ދައުލަތުން ދައުވާ ކޮށްފައިވާ ހަ މީހުންގެ ޝަރީއަތުގެ މަޖިލީހަށް "ޗޭން އޮފް ކަސްޓަޑީ ރިޕޯޓް" ހުށަހެޅުމަށް ދައުލަތަށް އަންގައިފި އެވެ.

ކްރިމިނަލް ކޯޓުގައި މިއަދު އޮތް ޝަރީއަރުގެ މަޖިލީހުގައި ގާޒީ އެގޮތަށް އެންގެވީ ދައުލަތުން ހުށަހަޅާފައިވާ ދައުވާ ލިބޭ މާލޭ ދަފްތަރު 3912 މުހައްމަދު ޝައިފަންގެ ޑީއެންއޭ ރިޕޯޓާއި ބެހޭގޮތުން އޭނާގެ ދިފާއީ ވަކީލު ޝައްކުތަކެއް އުފެއްދުމުންނެވެ.

ޗޭން އޮފް ކަސްޓަޑީ ރިޕޯޓަކީ ކުށުގެ ވެށިން ހައްޔަރު ކުރެވޭ މީހުންނާއި، ގެނެވޭ ތަކެތިން ނެގޭ ފޮރެންސިކް ސާންޕަލްތައް ނަގައި ރައްކާކޮށް ލެބޯޓަރީ އާއި ހަމަޔަށް ވާސިލްވުމާއި ހަމަޔަށް ކަންހިނގައިދިޔަ ގޮތް އަންގައިދޭ ރިޕޯޓެކެވެ.

މިއަދުގެ ޝަރީއަތުގައި ފުލުހުންގެ ޑީއެންއޭ އެކްސްޕާޓަކު ހާޒިރުކޮށް ވަނީ ޝައިފަންގެ ޑީއެންއޭ ރިޕޯޓާއި ބެހޭގޮތުން ދިފާއީ ވަކީލަށް ސުވާލު ކުރުމުގެ ފުރުސަތު ދެއްވާފަ އެވެ.

ޝައިފަންގެ ޑީއެންއޭ އެހެން މީހެއްގެ ޑީއެންއޭ އާއި ދިމާވުމުގެ ފުރުސަތު އޮތްތޯ ދިފާއީ ވަކީލު އެއްސެވުމުން އެކްޕާޓް ވިދާޅުވީ ޝައިފަންގެ ޑީއެންއޭ ދިމާވުމުގެ ފުރުސަތު އޮތީ ޓްރިލިއަން މީހުންގެ ތެރެއިން އެންމެ މީހެއްގެ ޑީއެންއޭއާ ކަމަށެވެ.

ޝައިފަން އާއި ދެކޮޅަށް ޑީއެންއޭ އާއި އެހެން ހެކިތަކެއް ވެސް ވަނީ ލިބިފަ އެވެ. ނަމަވެސް އޭނާ ޝިފާނަށް ހަމަލާދިން މަންޒަރު ދުށްކަމަށް އެއްވެސް މީހަކު ހެކިބަސް ދީފައެއް ނުވެ އެވެ. އޭނާގެ އިތުރުން މ. ދިންމަނަ އަބްދުﷲ ތިލްމީޒާއި މ. ސިލްވާނެސްޓް މުހައްމަދު މިޝާން އަބްދުލް ހާދީއާ ދެކޮޅަށް ކޮންމެވެސް ވަރަކަށް ވަނީ ހެކި ލިބިފަ އެވެ. ނަމަވެސް ދައުވާ ލިބޭ އަނެއް ތިން މީހުން ކަމަށްވާ ޅ. ކުރެންދޫ މާފަހި މުހައްމަދު އާސިފާއި މ. ނަލަހިޔާ މަންޒިލް އަލީ ނަބީހާއި ބ. ތުޅާދޫ ކާނިމާގޭ ރައްޒާން އަބްދުއް ރަހުމާންއާ ދެކޮޅަށް އެއްވެސް ހެެއްކެއް ލިބިފައެއް ނުވެ އެވެ.

ފުލުހުންގެ ތަހުގީގަށް ބަޔާން ދިން ބައެއް މީހުން ވަނީ ދައުވާ ލިބޭ މީހުންގެ ތެރެއިން ބައެއް މީހުން ޝިފާންގެ ގަޔަށް ވަޅިހެރި މަންޒަރު ދުށްކަމަށް ބުނެފަ އެވެ. ނަމަވެސް ޝަރީއަތަށް ގެންގޮސް ކާކުކަން ނޭނގޭގޮތަށް ސިއްރުން ހެކިބަސް ނެގުމުން އެ މީހުން ބުނީ ޝިފާން ގަޔަށް ވަޅި ހެރި މަންޒަރު އެމީހުންނަށް ފެނުނު ކަމަށާއި ނަމަވެސް ދައުލަތުން ދައުވާ ކޮށްފައިވާ ހަ މީހުންގެ ތެރެއިން އެކަކު ވެސް އޭނާއަށް ހަމަލާދީފައި ނުވާ ކަމަށެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ގާޒީ ވިދާޅުވީ މިއަދު ހުލާސާ ބަޔާން ހުށަހަޅައި އެހެން ދުވަހެއްގައި ހުކުމް ކުރުމަށް ކުރިން ތާވަލްކޮށްފައި އޮތް ނަމަވެސް ދިފާއީ ވަކީލުން ޝައްކުތަކެއް އުފައްދާތީ "ޗޭން އޮފް ކަސްޓޮޑީ ރިޕޯޓުގައި" މައްސަލައެއް ހުރި ނަމަ އެ ކަމަކާ ބެހޭގޮތުން ދިފާއީ ވަކީލުންނަށް ވާހަކަދެއްކުމުގެ ފުރުސަތު އެރުވުމަށް އިތުރު އަޑުއެހުމެއް ބާއްވާނެ ކަމަށެވެ. އަދި އެ ޝަރީއަތް ބާއްވާތާ ދެ ދުވަސް ފަހުން އެ މީހުންގެ މައްޗަށް ހުކުމް އިއްވާނެ ކަމަށް ވެސް ގާޒީ ވިދާޅުވި އެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ދައުވާ ލިބޭ މިޝާން އަބްދުލް ހާދީގެ ވަކީލު ވަނީ ފުލުހުން އޭނާއަށް އަނިޔާ ކުރާކަމަށް ބުނެފަ އެވެ.

އެކަމާ ގުޅިގެން ޝަރީއަތުން ނިންމާފައި ވަނީ އެ މައްސަލަ ތަހުގީގު ކުރުމަށް ގާޒީއަށް އަމުރު ނުކުރެވޭނެ ކަމަށެެވެ. އަދި އެފަދަ މައްސަލަތަައް ހުށަހެޅުމަށް ޚާއްސަ މުއައްސަސާ އެއް ހުރިކަމަށް ވިދާޅުވެ އެގޮތަށް އަމަލު ކުރުމަށް ގާޒީ ވަނީ ދިފާއީ ވަކީލަށް އަންގާފަ އެވެ.

މީގެ ކުރިން ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ގާޒީ ވަނީ ތަހުގީގު ބަޔާނާއި ދެކޮޅަށް ހެކިބަސް ދިން މީހުންނަށް ހަރުކަށި ފިޔަވަޅު އެޅުމަށް ދައުލަތަށް އަންގާފަ އެވެ.