07 Nov 2012, 16:48
ޔޫއެފާ ޗެމްޕިއަންސް ލީގުގައި ރެއާލް މެޑްރިޑާއި ދެކޮޅަށް ރޭ ކުޅުނު މެޗުން ބޮރޫސިއާ ޑޯޓްމުންޑް ސަލާމަތްވީ ނަސީބުގަދަކަމުން ކަމަށް އެކުލަބުގެ ކޯޗު ޖާޖަން ކްލޮޕް ބުނެފި އެވެ.
ޔޫއެފާ ޗެމްޕިއަންސް ލީގުގައި ޖަރުމަން ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން ޑޯޓްމުންޑާއި ސްޕެއިން ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން މެޑްރިޑް ކުޅުނު މެޗު ނިމިގެންދިޔައީ 2-2 ލަނޑުން އެއްވަރުވެގެންނެވެ. މިމެޗުގައި ދެފަހަރެއްގެ މަތިން ޑޯޓްމުންޑް އިން ލީޑު ނެގި ނަމަވެސް މެޑްރިޑުން ވަނީ ނަޖީތާ ހަމަހަމަ ކޮށްފަ އެވެ.
"މިމެޗުން އަހަރެމެން މިސަލާމަތްވީ ނަސީބު ގަދަކަމުން. ނަސީބު ނެތްނަމަ، މެޑްރިޑްގެ ސެންޓިއާގޯ ބެނަބާއޯ ސްޓޭޑިއަމްގައި އަށް ލަނޑު އަހަރެމެން ކޮޅަށް ވަންނާނެ. މެޑްރިޑާއި ދެކޮޅަށް ކުޅޭ މެޗުގެ ރޭވުންތައް ވަރަށް އުނދަގޫ. އެންމެ ބޮޑު ތަފާތަކީ އެ ސްޓޭޑިއަމްގައި ކުޅުން." ކްލޮޕް ބުންޏެވެ.
މެޗުގެ 28 ވަނަ މިނެޓްގައި ޑޯޓްމުންޑްގެ ފުރަތަމަ ލަނޑު ޖަހައި އެޓީމަށް ލީޑް ހޯދައިދިނީ މާކޯ ރައުސްއެވެ. ނަމަވެސް އޭގެ ހަ މިނެޓް ފަހުން ޕެޕޭ ވަނީ މެޑްރިޑަށް ނަތީޖާ ހަމަހަމަ ކޮށްދީފައެވެ. ފުރަތަމަ ހާފްގެ އެންމެ ފަހު މިނެޓްގައި މެޑްރިޑްގެ އަރްވާލޯ އަރްބެލޯއާ އަތުން ބައިކޮޅަށް ލަނޑެއް ވަދެ، ދެވަނަ ފަހަރަށް ޑޮޓްމުންޑަށް އަލުން ލީޑް ލިބުނެވެ. ދެވަނަ ހާފް ނިމެން މިނެޓަކަށް ވެފައިވަނިކޮށް މެޑްރިޑް ސަލާމަތްކޮށްދިނީ މެސުޓް އޮޒިލް ކާމިޔާބުކޮށްދިން ހިލޭ ޖެހުމުންނެވެ.