ފުވައްމުލަކަށް ވާރެ ވެހި ފެންބޮޑުވުމާ ގުޅިގެން އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމެޓީގެ ވޯޓުލުން ހޮނިހިރު ދުވަހަށް ފަސްކޮށްފި އެވެ.

ފުވައްމުލަކު އަތޮޅު ކައުންސިލްގެ ރައީސް އަލީ ފަޒާދު މިއަދު ވިދާޅުވީ އެ ރަށުގައި ނެގުމަށް ހަމަޖެހިފައިވާ އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމެޓީގެ ވޯޓުލުން އަންނަ ހޮނިހިރު ދުވަހަށް ފަސްކުރީ އެ ރަށަށް ބޯކޮށް ވާރެވެހި މަގުތަކުގައި ފެންބޮޑުވުމާ ގުޅިގެން ފެންގަނޑުތެރޭ މީހުންނަށް ވޯޓުލާން ނުދެވޭނެތީ ކަމަށެވެ.

ފަޒާދު ވިދާޅުވީ ހޮނިހިރު ދުވަހު މޫސުން ރަނގަޅު ނަމަ ވޯޓުލުން އެދުވަހު ކުރިއަށް ގެންދާ ގޮތަށް ހަމަޖެހިފައިވާ ކަމަށެވެ.

އަތޮޅުތަކަށް ކުރި ވިއްސާރައިގައި ފުވައްމުލަކަށް ވިއްސާރަކޮށް އެ ރަށުގެ ބޮޑުބައެއްގައި ވަނީ ފެންބޮޑުވެފަ އެވެ. އަދި މީހުން ނޫޅެވޭ ވަރަށް ބައެއް ގެތަކަށް ވަނީ ފެނުގެ އަސަރުކޮށްފަ އެވެ.

އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ ވޯޓުލުން މިއަދު ހެނދުނު 9 ޖެހި އިރު ފަށައި 102 ރަށެއްގައި އަންނަނީ ވޯޓު ނަގަމުންނެވެ.

އަންހެނުން ތަރައްގީ އަށް މަސައްކަތްކުރާ ކޮމެޓީތަކަށް އެކަށީގެންވާ އަދަދަށް މީހުން ކުރިމަތިނުލާ 44 ރަށެއްގެ އިންތިހާބު މިއަދު ނުބާއްވާ އިރު ކޮމެޓީގައި މީހުން ހިމެނޭ އަދަދަށް ކުރިމަތިލާފައިވާ 53 ރަށެއްގައި ވެސް އިންތިހާބު ކުރިއަށް ނުގެންދާނެ ކަމަށް ވެސް ލޯކަލް ގަވާމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން ބުންޏެވެ.

ކޮމެޓީގައި މެމްބަރުން ތިބެންޖެހޭ އަދަދަށް ކުރިމަތިލާފައިވާ ކައުންސިލްތަކުގައި ވޯޓަކަށް ދާކަށް ނުޖެހެ އެވެ.
އެލްޖޭއޭ އިން ބުނީ އެކަށީގެންވާ އަދަދަށް މީހުން ކުރިމަތި ނުލާ ރަށްރަށުގައި ފަހުން އިންތިހާބު ބާއްވާނެ ކަމަށެވެ.

އަންހެނުންގެ ކޮމެޓީތައް ހިންގުމަށާއި ކޮމެޓީތަކުގެ މެންބަރުންނަށް އެލަވަންސް ދޭންޖެހޭނެ ކަމަށް އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގައި ލާޒިމް ކޮށްފައެއްނުވެ އެވެ. ނަމަވެސް އެ ކޮމެޓީ އަށް އެލެވަންސް ދިނުމުގެ ފުރުސަތު ކައުންސިލްތަކަށް އޮންނާނެ ކަމަށް ގަވާއިދުގައި ކަނޑައަޅާފައިވެ އެވެ.