07 Nov 2012, 16:15
މީހަކަށް ދޫކުރި ޗެކެއް ބައުންސް ވެފައިވާކަން ޝަރީއަތަށް ސާބިތުވެފައި ވާތީ ޓްރާންސްޕޯޓް އޮތޯރިޓީގެ ކުރީގެ ރަޖިސްޓްރާ ޖެނެރަލް އަދި އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު ހއ. ދިއްދޫ ޖަރީމާގޭ އާދަމް ނަސީރު ހަ މަހަށް އަރުވާލަން ކްރިމިނަލް ކޯޓުން މިއަދު ހުކުމް ކޮށްފި އެވެ.
ދައުލަތުގެ ދައުވާގައި ބުނަނީ މާލޭ ދަފްތަރު 4074 އާދަމް ރަފީއުގެ އަތުން އޭނާ ދަރަންޏަށް ނަގާފައިވާ ފައިސާ ދެއްކުމުގެ ގޮތުން އާދަމް ނަސީރު އޭނާގެ އަމިއްލަ ނަމުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގައި ހުޅުވާފައިވާ އެކައުންޓަކުން 50،000ރ. ނެގޭ ގޮތަށް ދޫކުރި ޗެކަށް ދޭން ޖެހޭ ފައިސާ އެކައުންޓުގައި ފައިސާ ނެތުމުން ދެވެން ނެތް ކަމަށް ބޭންކުން ބުނެފައިވާ ކަމަށެވެ. އަދި އެގޮތަށް ބޭންކުން ބުނުމުން ހަތް ދުވަހުގެ ތެރޭގައި ފައިސާ ދެއްކުމަށް ލިޔުމަކުން އޭނާ އަށް ރަފީއު އެންގުމުން ވެސް އެ ފައިސާ ދައްކާފައި ނުވާ ކަމަށް ވެސް ދައުވާގައިވެ އެވެ.
ކްރިމިނަލް ކޯޓުގެ ހުކުމްގައި ބުނަނީ އާދަމް ނަސީރު ޓްރާންސްޕޯޓް އޮތޯރިޓީގައި އިންދައި ރަފީއު އޭނާ އަށް ސިޓީއެއް ހަވާލުކުރިކަން ދައުލަތުން ހުށަހެޅި ދެ މީހުންގެ ހެކިބަހުން އެނގެން އޮންނަ ކަމަށެވެ. އަދި އެ ސިޓީ ހަވާލުކުރި ތާރީޚުގައި އޮފީހަށް ނުނިކުންނަ ކަމަށް އާދަމް ނަސީރު ބުނި ނަމަވެސް އެ ސިޓީ ހަވާލުކުރި ދުވަހު އާދަމް ނަސީރު ސިޓީއެއްގައި ސޮއިކުރިކަން އެ އޮފީހުގެ ރެކޯޑްތަކުން އެނގެން އޮތުމުން އެއީ ގުޅިފައިވާ ގަރީނާތަކެއް ކަމަށް ހުކުމުގައި ބުނެފައިވެ އެވެ.
އެހެންކަމުން ހެކިންގެ ބަހާއި ގުޅިފައިވާ ގަރީނާތަކުން "އެކައުންޓްގައި ފައިސާނެތި ޗެކް ދޫކޮށް ޗެކްގައިވާ އަދަދަށް ފައިސާ ނުދެއްކުމުގެ" ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި ފައިސާ އަށް ބަދަލުކުރެވޭ ގޮތުގައި ގެންގުޅޭ ލިޔުމާ ބެހޭ ގާނޫނުގެ 39 ވަނަ މާއްދާގެ ދަށުން އާދަމް ނަސީރު ހަ މަހަށް އަރުވާލުމަށް ހުކުމްކޮށް ބަދަލާ މެދު ދައުވާކުރުމުގެ ހައްގު ބަދަލު ލިބޭ ފަރާތްކަމަށްވާ ރަފީއުއަށް އޮތް ކަމަށް އެ ހުކުމްގައިވެ އެވެ.