07 Nov 2012, 16:02
އެފްޓެކްގެ ހިޔާނާތުގެ މައްސަލަ އަކީ މިހާތަނަަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ތަހުގީގުކުރި އެންމެ ބޮޑު އެއް ކޮރަޕްޝަންގެ މައްސަލަ ކަމަށާއި އެ މައްސަލައިގެ ފަހަތުގައި ބޮޑެތި ރޭވުން ތަކެއް ހުރިކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފި އެވެ.
އަތޮޅު ހޮސްޕިޓަލްތަކަށާއި ހެލްތް ސެންޓަރުތަކަށް ސިއްހީ ދާއިރާގެ ތަކެތި ސަޕްލައިކުރަން 2010 ވަނަ އަހަރު ހަވާލުކުރި އެފްޓެކް ސޮލިއުޝަން ޕްރައިވެޓް ލިމިޓެޑުން އެތަކެތި ސަޕްލައި ނުކޮށް 11.8 މިލިއަން ރުފިޔާ ނެގި، ހިޔާނާތުގެ މައްސަލައިގެ ތަހްގީގު ނިންމާ ދައުވާ ކުރުމަށް ޕީޖީ އަށް ފޮނުވުމުން އެކަމާއި ބެހޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެ ކޮމިޝަންގެ ނައިބު ރައީސް މުއައްވިޒު ރަޝީދު ވިދާޅުވީ އެ މައްސަލަ އަކީ ސީދާކޮށް ދައުލަތުގެ ފައިސާއަށް ހިޔާނާތްތެރި ވެފައިވާ މައްސަލަ އެއް ކަމަށާއި ޖިނާއީ ގިނަ ކަންތައްތަކެއްވެސް މައްސަލައިގެ ތެރެއިން ފެންމަތި ވެފައިވާ ކަމަށެވެ.
"މި މައްސަލަ އަކީ ސީދާކޮށް ދައުލަތުގެ ފައިސާއަށް ޚިޔާނާތްތެރިވެފައިވާ ބޮޑު މައްސަލަ އެއް. އަދި މައްސަލަ ތަހުގީގު ކުރި ކުރުމުގަ ޖިނާއީ ގިނަ ކަންތައްތަކެއް މި މައްސަލައިގެ ތެރެއިން ފާހަގަ ކުރެވިފައިވޭ. މީގެ ތެރޭގައި ޚިޔާނާތާއި ފޯޖަރީ އާއި މަކަރާއި ހީލަތް އަދި މަގާމުގެ ނުފޫޒު ބޭނުން ކޮށްފައިވާކަން ފާހަގަ ކުރެވޭ،" މުއައްވިޒު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ތަހުގީގަށް ފިނޭންސް މިނިސްޓްރީން ކޮމިޝަނަށް ހޯދި ލިޔުންތަކުގައި އެފްޓެކް ސޮލިއުޝަންސް އިން ފޮނުވި ގުޑްސް ޑެލިވަރީ ނޯޓްސް ތަކުގައި ހެލެތް މިނިސްޓްރީގެ މުވައްޒަފުންގެ ނަމުގައި ސޮއިކޮށް އެ މިނިސްޓްރީގެ ނަމުގައި ހަދާފައިވާ ތައްގަނޑެއް ޖަހާފައިވާ ކަމަށާއި އަދި ގުޑްސް ޑެލިވަރީ ނޯޓްސް ތަކުގައި އޮތް ހެލްތް މިނިސްޓްރީގެ މުވައްޒަފުންގެ މަގާމުވެސް ނުބައިކޮށް ޖަހާފައިވާކަަން ފާހަގަ ކުރެވިފައި ވާކަމަށެވެ.
އަދި ވިދާޅުވީ ފުލުހުންނާއި ގުޅިގެން ހެދި ފޮރެންސިކް އެނަލިސިސް ރިޕޯޓުން ދައްކާގޮތުން ހެލްތް މިނިސްޓްރީގެ ތައްގަނޑުތަކާއި އެފްޓެކް ގެ ޑެލިވަރީ ނޯޓް ތަކުގައި ޖަހާފައިވާ ތައްގަނޑާ ދިމާނުވާ ކަމަށެވެ.
"ފިނޭންސުން ލިބުނު އެފްޓެކްގެ ޑެލިވަރީ ނޯޓްސް ތަކުގައި ވަނީ ހެލްތް މިނިސްޓްރީގެ މުވައްޒަފެއްގެ ނަމުގައި ސޮއިކޮށްފައި. އަދި އެ މިނިސްޓްރީގެ ނަމުގައި ހަދާފަހުރި ތައްގަނޑެއް ޖަހާފަ އޮތްކަން އަޅުގަނޑުމެންނަށް ފާހަގަ ކުރެވުނު. އެހެންނަމަވެސް ތަހުގީގުގައި އެ މުވައްޒަފުން ވަނީ އެ ސޮއިއަށް އިންކާރު ކޮށްފައި،" މުއައްވިޒު ވިދާޅުވި އެވެ.
ކޮންޓްރެކްޓް އެގްރިމެންޓުން ފަހަގަ ކުރެވުނު މައްސަލަ ތަކަށް އަލިއަޅުވާލައްވަމުން މުއައްވިޒު ވިދާޅުވީ މެޑިކަލް ކޮންސިއުމަބަލްސް ކޯޓޭޝަންތަކުގެ އަގު ޖެހުމާއި އަދި ޖުމްލަ ގެނައުމުގައި ގިނަ މައްސަލަ ހުރި ކަމަށާއި، ބައެއް ހޮސްޕިޓަލް ތަކަށް ކަނޑައެޅިފައިވާ އައިޓަމްތަކުގެ ކުއެންޓިޓީ އާއި ޔުނިޓް ޕްރައިޒް ގުނަކޮށް ޖަހާފައިވާ ޖުމްލަ އައިޓަމްގެ އަގުވެސް ދިމާ ނުވާ ކަމަށެވެ. އޭގެ އިތުރުން ލެބޯޓަރީ ކޮންސިއުމަބަލްސް ތަކުގައި އަގު ޖެހުމުގައި އެކި ޕްރޮވިންސް ތަކުގައި ބޮޑު ތަފާތު ތަކެއްވެސް ހުރި ކަމަށް އޭނާ ވިދާޅުވި އެވެ.
އެފްޓެކްގެ މައްސަލަ ފެންމަތިވީ އޮޑިޓާ ޖެނެރަލް 2010 ވަނަ އަހަރު ހެލްތް މިނިސްޓްރީ އޮޑިޓް ކުރުމުގެ ތެރޭގަ އެވެ. އެއާ އެކު އޮޑިޓާ ޖެނެރަލް ވަނީ އެ މައްސަލަ ފުލުހުންނަށާއި އޭސީސީއަށްވެސް ހުށަހަޅައިފަ އެވެ. އެ މައްސަލައިގެ ތަހުގީގު ފުލުހުން ކުރަމުން އަންނަ އިރު އެ މައްސަލައާ ގުޅުންހުރި މީހަކު ހޯދުމަށް ފުލުހުން ވަނީ އިންޓަޕޯލް ރެޑް ނޯޓިސްނެރެފަ އެވެ. ނަމަވެސް މިހާތަނަށް އެ މީހާ އަދި ހޯދިފައެއްނުވެ އެވެ.