އައިޑީޕީގެ ރައީސް ކަމުގައި އުމަރު ނަސީރު ހުންނަވައި ޑީއާރްޕީ އާއި ޕީއޭގެ އިސް ފަރާތްތައް ގުޅިގެން "އިހުތިޖާޖް"ގެ ނަމުގައި މޫވްމެންޓެއް އުފެދިގެން އައީ 2009 ގަ އެވެ.  ބޮޑަށް ޑީއާރްޕީގެ ކަމެއްގެ ގޮތުގައި ސިފަވެ ސަރުކާރަށް ފަޑުކިޔައި މުޒާހަރަތަކާއި އެއްވުންތައް ބޭއްވި އެވެ. ނަމަވެސް31  އޮކްޓޫބަރު 2009 ގައި ޑީއާރްޕީގެ އޭރުގެ ނައިބު ޒައީމް އަހުމަދު ތަސްމީން އަލީ ވިދާޅުވެފައި ވަނީ "އިހުތިޖާޖަ"ކީ ޑީއާރްޕީއާ އެއްވެސް ގުޅުމެއް ނެތް ބައެއް ކަމަށެވެ.


އޭގެ ފަހުން އަހަރުވާން ދަނީ އެވެ. ތަސްމީނަކީ ޑީއާރްޕީގެ ލީޑަރެވެ. އުމަރު ނަސީރަކީ ޕާޓީގެ ނައިބު ލީޑަރެކެވެ. މިހާރު އަބަދުވެސް އިވޭ ވާހަކައަކީ ނައިބު ލީޑަރު އުމަރާއި ޕާޓީގެ ބައެއް ސީނިޔާ ލިޑަރުން ބާއްވަން ބޭނުންވާ ހަރަކާތްކަށް ލީޑަރު އަހުމަދު ތަސްމީނު އަލީ "އޯކޭ" ނުދެއްވާ ކަމަށެވެ. ޕާޓީގެ ސީނިޔާ ލީޑަޝިޕް ދެބަޔަކަށް ބެހެމުން ދަނީ ކަމަށެވެ.


މިއީ ރައީސް ނަޝީދު ތަފާތު އިންޓަވިއުތަކުގައި ޑީއާރްޕީގެ ލީޑަރު ތަސްމީނަކީ ޑިމޮކްރަސީ ދެނެވަޑައިގަންވާ ބޭފުޅެއް ކަމަށާއި އެޕާޓީގެ ގިނަ ބޭފުޅުންނަކީ ޑިމޮކްރަސީ ނުދަންނަ ބައެއް ކަމަށް ސިފަ ކުރައްވައި ތަސްމީނަށް ތައުރީފާއި ޝުކުރު "ފަށްފަށް" ކުރައްވާ މި ދަނޑިވަޅެކެވެ.


މި ދަނޑިވަޅުގައި "ގަންނާނެބާ ސަރުކާރު" ނަމުގައި ޑީއާރްޕީ ޑިޕިއުޓީ ލީޑަރުންތަކެއް މާދަމާރޭ މާލޭ އާޓިފިޝަލް ބީޗުގައި ބާއްވަން ނިންމާފައިވާ ބޮޑު މުޒާހަރާއާ ގުޅިގެން ޑީއާރްޕީގެ ސީނިއާ ލީޑަޝިޕްގެ ތެރޭގައި ބޮޑު ހިޔާލުތަފާތުވުންތަކެއް އުފެދި ދެބަޔަކަށް ވަނީ ބައި އެޅިފަ އެވެ.


މުޒާހަރާ ބާއްވަން އުޅޭ ފަރާތްތަކުން، ޑީއާރުޕީގެ ލޯގޯ ޖަހައި ނޫސްބަޔާން ނެރި ބުނަނީ މުޒާހަރާ ކުރިޔަށް ގެންދާނެ ކަމަށެވެ. އަނެއްކޮޅުން ހަމަ ޑީއާރްޕީގެ ލޯގޯޖެހި ނޫސްބަޔާން މެދުވެރިކޮށް ހަބަރު ފަތުރަމުން ދަނީ  މާދަމާ ރޭ މުޒާހަރާއެއް ކުރަން ޑީއާރްޕީގެ ކައުންސިލުން ނިންމާފައި ނުވާނެ ކަމަށެވެ.


މާދަމާ ރޭ މުޒާހަރާ ބާއްވާނެ ކަމަށް ބުނަނީ ވެސް ޑީއާރްޕީގެ ލީޑަރުންވެ. ނޯންނާނެ ކަމަށް ބުނަނީ ވެސް ލީޑަރުންނެވެ.


މިއަދު ޑީއާރްޕީން ނެރުނު ބަޔާނެއްގައި ބުނީ، އެޕާޓީގެ އެއްވުމެއް މާދަމާރޭ އޮންނަނާނެ ކަމަށް ހަބަރު ފެތުރަމުން ދިޔަ ނަމަވެސް، އެފަދަ އެއްވުމެއް ޕާޓީން އިންތިޒާމުކޮށްގެން ބާއްވާ ގޮތަށް ހަމަޖެހިފައި ނެތް ކަމަށެވެ. އަދި އެފަދަ އެއްވުމެއް އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ ނަމަ ޑީއާރްޕީގެ ފަރާތުން އާއްމުކޮށް އަންގައި އިއުލާންކުރާނެ އެވެ.


ޑީއާރްޕީގެ މީޑިއާ ކޯޑިނޭޓަރު އަލީ ސޯލިހު ވިދާޅުވި ގޮތުގައި ޑީއާރްޕީގެ އެސްއެމްއެސް ފެތުރެން ފެށީ މީގެ ދެ ދުވަސްކުރިނެވެ. އެކަމާ ގިނަ ބަޔަކު ޑީއާރްޕީ އޮފީހަށް ގުޅާ އެފަދަ ކަމެއް އެބައޮތްތޯ ސުވާލުކުރަމުން ދެވެ. ބަޔާނެއް ނެރުނީ އެކަން އޮޅުން ފިލުވައި ދިނުމަށެވެ. "އެއްވެސް ވަރަކަށް ޖަވާބު ދެވެން ނެތް މި އެސްއެމްއެސް ކަންތަކުގައި އެސްއެމްއެސްތައް އޮރިޖޭނޭޓް ވި ސޯސް އެއް ވެސް ބުނާކަށް ނޭނގޭ" ސޯލިހު ވިދާޅުވި އެވެ.


ޑީއާރްޕީގެ އަމީން އާއްމު އަބްދުއް ރަޝީދު ނާޒިފު ވިދާޅުވީ އެސްއެމްއެސްތަކުގައި  ބުނާ މުޒާހަރާއަކީ ޑީއާރްޕީގެ ކައުންސިލުން ނިންމާފައިވާ ކަމެއް ނޫން ކަމަށާއި އެކަމަކީ ޑީއާރްޕީގެ ޑެޕިއުޓީ ލީޑަރު އުމަރު ނަސީރުގެ ހަރަކާތެއް ކަމަށެވެ.


"މިފަދަ ކަމެއް ޑީއާރްޕީން ކުރެވޭނީ ކައުންސިލުން ނިންމައިގެން. އެފަދަ ނިންމުމެއް ނުނިންމާ. އަނެއްކާ ޑީއާރްޕީގެ ލީޑަރު ރަށުގައި ވެސް ނެތް. ޕާލަމެންޓްރީ ގުރޫޕްގެ ގިނަ މެންބަރު ތިއްބެވީ ޗުއްޓީގައި. އެހެންވީމާ މިއީއަކީ ޑީއާރްޕީގެ މުޒާހަރާއެއް ނޫން،" އޭނާ ވިދާޅުވި އެވެ.


ޑީއާރްޕީގެ ނައިބު ލީޑަރު އިލްހާމް އަހުމަދު ވިދާޅުވީ ދައުލަތުގެ ހަރުމުދާ ވިއްކުމާ ދެކޮޅަށް އަޑު އުފުލުމަށް ޑީއާރްޕީގެ މުޒާހަރާއެއް މާދަމާ ރޭ 9:00 ޖަހާއިރު  ފަށާނެ ކަމަށާއި އެ މުޒާހަރާގައި ޑީއާރްޕީގެ ސީނިއާ ލިޑަރުންނާއި ކައުންސިލު މެންބަރުންނާއި ޕާލަމެންޓްގެ މެންބަރުން ބައިވެރިވެ އިހުތިޖާޖު ކުރާނެ ކަމަށެވެ. މީގެ އިތުރުން  މިއަދު ހަވީރު 6:10ގައި ޑީއާރްޕީގެ ދެ ނައިބު ލީޑަރުން ކަމަށްވާ އިލްހާމާއި އުމަރު ސޮއިކުރައްވާ ޑީއާރްޕީގެ ލެޓަހެޑުގައި ވެސް ވަނީ ބަޔާނެއް ނެރެފަ އެވެ. އެ ބަޔާނުގައި ވެސް ބުނަނީ ޑީއާރްޕީގެ މުޒާހަރާއެއް މާދަމާރޭ އޮންނާނެ ކަމަށެވެ.


"ޑީއާރްޕީގެ މުޒާހަރާއެއް ނޫން ކަމަށް ބުނެ ޑީއާރްޕީން ނެރެފައިވާ ނޫސް ބަޔާން ނެރެވޭނީ ލީޑާޝިޕާ ވާހަކަ ދައްކައި ގޮތެއް ނިމިގެން، އެކަން ކޮށްފައެއް ނުވޭ،" ޑީއާރްޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރު އިލްހާމް ވިދާޅުވި އެވެ.


މުޒާހަރާއާ ގުޅިގެން ޑީއާރްޕީގެ ލީޑަރުން ދެގޮތަކަށް ވާހަކަ ދައްކަވާއިރު ދެބައި މީހުން ވެސް ބުނެފައި ވަނީ ޑީއާރްޕީގެ ތެރޭގައި "ވަކިވެގަތުމެއް" ނެތް ކަމަށެވެ.


"މިއީ އިންޓާނަލް ޑިމޮކްރެސީ. އަޅުގަނޑުމެންގެ ތެރެއަކު ފެކްޝަންތަކެއް ނޫޅޭ. އެކަމަކު އަޅުގަނޑު މިދަންނަވަނީ ޑީއާރްޕީގެ މުޒާހަރާ މާދަމާރޭ އޮންނާނޭ. އެއީ ޑީއާރްޕީގެ މުޒާހަރާއެކޭ،"


އަބްދުއް ރަޝީދު ނާޒިފު ވިދާޅުވީ ވެސް ޑީއާރްޕީގައި ފެކްޝަންތަކެއް އުފެދިފައިނުވާ ކަމަށާއި އެކަމަކު ޑީއާރްޕީން މުޒާހަރާއެއް ކުރަން ނިންމާފައި ނުވާ ކަމަށެވެ.  ކޮންމެއަކަސް  ޕާޓީގެ ލީޑަޝިޕްގެ ތެރެއިން ނުކުންނަމުންދާ ބަހުގެ ހަމަލަތަކާ އެކު މާދަމާރޭގެ މުޒާހަރާ ވަނީ "ބޮޑު" ވެފަ އެވެ.