07 Nov 2012, 15:57
ވައްކަމުގެ މައްސަލައެއްގައި ހޯދަމުންދިޔަ މީހަކު ހައްޔަރު ކުރަން އުޅުން ފުލުހަކަށް ތޫނު އެއްޗަކުން ހަމަލަދީ ޒަހަމްކޮށްލުމާ ގުޅިގެން އޭނާ ޖޫރިމަނާކޮށް ހަތަރު މަސް ދުވަހަށް ޖަލަށް ލުމަށް ހުކުމްކޮށްފި އެވެ.
ވައްކަމުގެ މައްސަލައެއްގައި ފިލައިގެން އުޅުނު މީހަކު ހޯދުމުގެ މަސައްކަތުގައި ހަރަކާތްތެރިވި ފުލުހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލުމާ ގުޅިގެން 8،000ރ. ޖޫރިމަނާކޮށް ހަތަރު މަސް ދުވަހަށް އަރުވާލުމަށް ކްރިމިނަލް ކޯޓުން އިއްޔެ ހުކުމް ކުރީ މއ. ހިތްތަލަވިލާ، ހުސައިން ނާޒިމް 44،ގެ މައްޗަށެވެ. އަދި އެ ފައިސާ އެއް މަސް ދުވަހުގެ ތެރޭ ކޯޓަށް ދެއްކުމަށް ވެސް ކްރިމިނަލްކޯޓުގެ ހުކުމުގައިވެ އެވެ.
ނާޒިމްގެ މައްޗަށް ހުކުމްކޮށްފައި ވަނީ މި އަހަރުގެ އޭޕްރީލް 10 ދުވަހު ވައްކަމުގެ މައްސަލައަކާ ގުޅިގެން މާލެތެރެ ބަލަހައްޓަން އުޅުނު ފުލުހުން، ނާޒިމް ހޯދަމުން ދަނިކޮށް ޕޯސްޓް ބިލްޑިން ކައިރީގައި ހުއްޓައި ފެނިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންނަން އުޅުނު ވަގުތު، ފުލުހުންގެ ވެހިކަލްގެ ފަހަތަށް ގޮސް ތިރިވުމަށް ފަހު ފައިގާ ހަރުކޮށްފައި ހުރި އެއްޗެއްގެ ތެރެއިން ކަޓަރުތިލައެއް ނަގައި އޭނާ ހިފަހައްޓަން އެވަގުތު މަސައްކަތްކުރި ޕޮލިސް މީހާގެ ކަނާތު ޝަހާދަތް އިނގިލީގައި އަޅައި ޒަޚަމްކޮށްލާފައިވާ މައްސަލައާ ގުޅިގެންނެވެ.