ޒެޑްސީ އިންވެސްޓްމަންޓްގެ ފަރާތުން ތައްޔާރުކުރަމުން އަންނަ "މޯލްޑިވް ފިޝް"ގެ އެއްވެސް ބާވަތެއް ބޭނުންނުކުރުމަށް ފުޑް އެންޑް ޑްރަގް އޮތޯރިޓީން އަންގައިފި އެވެ.

"މޯލްޑިވް ފިޝް"އިން އާންމުކޮށް އުފައްދަނީ ޕެކެޓްކޮށްފައި ހުންނަ ހިކި މަހުގެ ބާވަތްތަކެވެ.

އެ އޮތޯރިޓީގެ ސީނިއާ ލެބޯޓްރީ ޓެކްނޮލޮޖިސްޓް އިބްރާހިމް ޝާފިއު "ސަން އޮންލައިން" އަށް މިއަދު ވިދާޅުވީ މޯލްޑިވްސް ފިޝްގެ އުފެއްދުތައް ބޭނުން ނުކުރުމަށް އެންގީ ވިހަ މާއްދާތައް އެކުލެވޭ ތިލަފުށީގައި ކާބޯތަކެތި އުފެއްދުމުގެ މަސައްކަތް ކުރާތީ ކަމަށާއި އެތަނުގައި ކާބޯތަކެތީގެ އެއްވެސް އެއްޗެއް އުފެއްދުމަކީ މަނާކަމެއް ކަމަށެވެ.

"އެއީ ވިހަ ތަނެއްވީމާ އެތަނުގައި ކާބޯތަކެތީގެ ބާވަތްތައް އެފެއްދުމަކީ މަނާކަމެއް. އެކަމަކު މި ބޭފުޅުން އެތަނުގައި މަސައްކަތް މި ކުރައްވަނީ. އެހެންވެ އަޅުގަނޑުމެން މި ބެލީ އެތަނަކީ ވެސް ސިއްހަތަށް ނުގުޅޭގޮތަށް ކާބޯތަކެތި އުފައްދާ ތަނެއްގެ ގޮތުގައި. އެ މަސައްކަތްތައް މިހާރު ވާނީ ހުއްޓުވާލެވިފައި،"ޝާފިއު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މޯލްޑިވް ފިޝްގެ ބާވަތްތައް މީގެ ކުރިން އުފައްދަމުން އައީ ކ. ތުލުސްދޫގައި ކަމަށާއި ނަމަވެސް މީގެ ދެ ތިން މަހެއްހާ ދުވަސް ކުރިން އެ ޕްލާންޓް ތިލަފުއްޓަށް ބަދަލުކޮށް އެތަނުގައި އެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އޭނާ ވިދާޅުވީ މޯލްޑިވްސް ފިޝް އުފެއްދުމުގެ މަސައްކަތް މިހާރު ހުއްޓުވާފައިވާ ކަމަށާއި އަދި އެތަނުން އުފައްދާފައިވާތަކެތި ނައްތާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި އެ މައްސަލަ ތިލަފުށީ ކޯޕަރޭޝަން (ޓީސީއެލް)އަށާއި އަދި ފުލުހުންނަށް ވެސް ހުށަހަޅާފައިވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ޝާފިއު ވިދާޅުވީ ތިލަފުށީގައި ކާނާ އުފެއްދުމުގެ މަސައްކަތް އަދިވެސް އިތުރު ދެތިން ފަރާތަކުން ކުރަމުން އަންނަ ކަމަށް ފާހަގަކުރެވިފައިވާ ކަމަށާއި އެކަންތައްތައް ބަލައި ފިޔަވަޅު އެޅުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި އެ ފަރާތްތަކުން އާންމުކޮށް ކުރަނީ ހުއިފިލަނޑާގެ މަސައްކަތްކަން ފާހަނގަވެފައިވާ ކަމަށް ވިދާޅުވި އެވެ.

"އެކަހަލަ މައްސަލަތައް މި އަންނަނީ ފާހަގަވަމުން. އަޅުގަނޑުމެން އެ ފަރާތްތަކާ މެދު ވެސް ފިޔަވަޅު އަޅާނެ،" ޝާފިއު ވިދާޅުވި އެވެ.

ޝާފިއު އެހެން ވިދާޅުވި އިރު މާލޭ ކުނިކޮށްޓަށް އުކާލާފައި ހުރި ކުކުޅުތަކެއް ވެސް ބަޔަކު ނަގައިގެން ވިއްކަނިކޮށް ވަނީ އަތުލައިގެންފަ އެވެ. އަދި މާލޭ ކުނިގޮނޑުން ބައެއް ފަރާތްތަކުން ކާބޯތަކެތީގެ ބާވަތްތައް ނަގައިގެން ވިއްކާ ކަމުގެ ޝަކުވާތައް ވަނީ ސިޓީ ކައުންސިލަށް ހުށަހެޅިފަ އެވެ.