07 Nov 2012, 15:42
ޓެކްސީ ދަތުރުތަކުގައި ފަސިންޖަރަކު ގޮވައިގެން ދަތުރުކުރަމުން އެ ފަސިންޖަރުގެ ހުއްދަޔާ ނުލައި އިތުރު ފަސިންޒަރުން ޓެކްސީ އަށް އަރުވާ މައްސަލަ ބޮޑުވެފައިވާ ކަމަށާއި ކުރިން އެރުވި ފަސިންޖަރުގެ ހުއްދައާ ނުލައި އިތުރު މީހަކު ޓެކްސީ އަށް އެރުވުން ޓްރާންސްޕޯޓް އޮތީރިޓީ މަނާކޮށްފި އެވެ.
ޓްރާންސްޕޯޓް އޮތޯރިޓީގެ އޮފިޝަލަކު މިއަދު ސަން އޮންނައިނަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ މިހާރަކަށް އައިސް ޓެކްސީ ދަތުރުތައް ކުރާ ފަރާތްތަކުން ފަސިންޖަރަކު އަރުވައިގެން ދަތުރުކުރަމުން އެފަސިންޖަރުގެ ހުއްދަޔާނުލައި މަގުމަތިން އެހެން ދަތުރުތައް ނަގައިގެން އެހެން ފަސިންޖަރުން ޓެކްސީ އަށް އަރުވާ ކަމުގެ ޝަކުވާ ވަރަށް ބޮޑަށް އެ އޮތޯރިޓީ އަށް ލިބިފައިވާ ކަމަށާއި އެހެންކަމުން އެކަން މަނާކޮށްފައިވާނެ ކަމަށެވެ.
"ހަގީގަތުގައި ވެސް އެއީ ދަތުރު ކުރައްވާ ފަސިންޖަރުގެ ހިތްހަމަނު ޖެހޭ ނުވަތަ އެ ފަސިންޖަރަށް ގެއްލުމެއް ލިބިދާނެ ކަމެއް ކަމަށް މިއޮތޯރިޓީ އަށް ފެންނަތީ އެގޮތަށް އެއް ދަތުރުކުރަމުން އެހެން ދަތުރުތައް ނަގައި ފަސިންޖަރުން އެރުވުމަކީ މަނާކަމެއް ކަމަށް އަޅުގަނޑުމެން ވާނީ ނިންމާފައި." އޮފިޝަލް ވިދާޅުވި އެވެ.
އަދި ވިދާޅުވީ އެއާ ހިލާފަށް އަމަލުކުރާ ޓެކްސީ ދުއްވާ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށެވެ. ނަމަވެސް އަޅަނީ ކޮންފިޔަވަޅެއްކަމެއް ވިދާޅެއްނުވެ އެވެ.
ޓްރާންސްޕޯޓް އޮތޮތޯރިޓީ އެގޮތަށް ނިންމާފައިވާ އިރު ފަހަކަށް އައިސް ޓެކްސީ ދަތުރުތަކުގައި ފަސިންޖަރުގެ ހުއްދަޔާނުލައި އެހެން ފަސިންޖަރުން އަރުވައިގެން ދަތުރުކުރާ މައްސަލައަކީ އާންމުވެފައިވާ މައްސަލައެކެވެ. އެގޮތުން ބައެއް ޓެކްސީތަކުން އެއް ދަތުރުކުރަމުން އެ ފަސްިނަޖަރުގެ ހުއްދަޔާނުލައި އެތައް ބަޔަކު ޓެކްސީ އަށް އަރުވައިގެން ބަސްދަތުރުކުރާ އުސޫލުން އެކި ހިސާބުތަކަށް މަޑުކުރަމުން ދަތުރުނަގަމުން ދެ އެވެ.