ފުވައްމުލަކަށް އިއްޔެ ބޯކޮށް ވާރޭވެހި މީހުން ދިރިނޫޅެވޭ ވަރަށް ގެއްލުން ލިބުނު 18 ގެއެއްގެ މީހުން އެހެން ގެތަކަށް ބަދަލުކޮށްފައިވާ ކަމަށް ފުވައްމުލަކު އަތޮޅު ކައުންސިލުން ބުނެފި އެވެ.

ފުވައްމުލަކު އަތޮޅު ކައުންސިލްގެ ރައީސް އަލީ ފަޒާދު މިއަދު ވިދާޅުވީ އެ ރަށަށް މިއަދު ވާރޭ ނުވެހުނު ނަމަވެސް ރަށުގެ ބައެއް ހިސާބުތަކުގައި އަދިވެސް ދެ ފޫޓަށް ފެންގަނޑު ހެދިފައިވާ ކަމަށެވެ. އަދި މިއަދު އެ ރަށުގެ ހުރިހާ ސްކޫލެއް ބަންދުކޮށްފައިވާ ކަމަށެވެ. އެގޮތުން އެ ރަށު އަށް ޕްރީސްކޫލާއި ތިން ޕްރައިމަރީ ސްކޫލްގެ އިތުރުން ސެކަންޑްރީ ސްކޫލް ވަނީ ބަންދުކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ ރަށަށް ވެހުނު ވާރޭގައި ގިނަ ގޭތަކަކަށް ފެންވަދެ ބޮޑެތި ގެއްލުންތަކެއް ލިބި މީހުން ނޫޅޭވޭ ވަރަށް ބައެއް ގެތަކަށް ފެންވަދެފައިވާ ކަމަށެވެ.

އެގޮތުން މީހުން ދިރިއުޅޭ 18 ގެއަކަށް ފެންވަދެ އެހެން ގެތަކަށް ބަދަލު ކުރަން ޖެހުނު ކަމަށެވެ. އަދި އޭގެތެރެއިން ބައެއް މީހުން ތިބީ ކައުންސިލްގެ ބެލުމުގެ ދަށުގައި ކަމަށް ވެސް ފަޒާދު ވިދާޅުވި އެވެ. އެގޮތުން ގެތަކަށް ބަދަލު ނުކުރެވުނު މީހުން ތިބީ ކުރީގެ އަތޮޅުގެ ހުރި އިމާރާތުގަ އެވެ.

"ބައެއް ގޭގައި މީހުން ނޫޅެވޭ ވަރުވެގެން 18 ވަރަކަށް ގެއަކުން އަޅުގަނޑުމެންނަށް ޖެހުނު މީހުން ބަދަލު ކުރަން. ނުކެއްކޭ ފަދަ ހާލަތުގައި ތިބި މީހުންގެ ކަންތައް ވެސް ކައުންސިލުން އެބަ ބަލަހައްޓަން. ގޮދަޑިތަކާ އެއްޗެހި ހަލާކުވެ ނުނިދޭ ފަދަ ހާލަތުގައި ތިބި މީހުންނަށް ވެސް ގޮދަޑި ސަޕްލައި ކުރުމުގެ ކަންތައް ވެސް ކުރިއަށް އެބަދޭ،"

ފުވައްމުލަކު ކައުންސިލުން ބުނީ މިއަދު ވެސް ޕަމްޕް ބޭނުންކޮށްގެން އެ ރަށުން ފެން ބޭރު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

"ފެން ހިންދުމުގެ މަސައްކަތް އަދި ވެސް ކުރަމުން އެބަދޭ. ގާތްގަނޑަކަށް 30 ޕަސެންޓް ފެން ވަނީ ރަށުން ބޭރު ކުރެވިފައި. އަދި ވެސް އެބައުޅޭ ދެ ސަރަހައްދެއް ވަރު ދެ ފޫޓަށް ފެންބޮޑުވެފައި،"

ފަޒާދު ވިދާޅުވީ އެ ރަށަށް ކުރި ވިއްސާރައާ ގުޅިގެން އެތައް މިލިއަން ރުފިޔާގެ ގެއްލުންވެފައިވާ ކަމަށެވެ.