ދުނިޔޭގެ ފުޓްބޯޅައާ ބެހޭ މައިއިދާރާ "ފީފާ"އިން މިއަދު އިއުލާންކުރި "ކޮކާކޯލާ ވޯލްޑް ރޭންކިން" ލިސްޓުން ރާއްޖެއަށް ސަރަހައްދުގެ އެއް ވަނަ މަގާމް އަނެއްކާވެސް ލިބިއްޖެ އެވެ.

ސަރަހައްދުގެ އެއް ވަނަ މަގާމް ރާއްޖެ މިފަހަރު ހޯދިއިރު، ދުނިޔޭގެ ރޭކިންގައި ރާއްޖެ އޮތީ 160 ވަނައިގަ އެވެ. ނަމަވެސް އޮކްޓޯބަރު މަހު އިއުލާން ކުރި ރޭންކިން ލިސްޓުން ރާއްޖެ އެއް ދަރަޖަ ފަހަތައް ޖެހިލި ކަމުގައި ވިޔަސް އެ މަހުވެސް ރާއްޖެ އަށް ލިބިފައި ވަނީ ސަރަހައްދުގެ އެއް ވަނަ މަގާމެވެ.

ސަރައްހަދުގެ އެއް ވަނަ އަށް މިއަހަރުގެ އޮގަސްޓް މަހު ރާއްޖެ އެރިފަހުން އަދި އެ މަގާމު ގެއްލިފައެއް ނުވެ އެވެ.

ސާކް ސަރަހައްދުގެ ދެ ވަނަ މަގާމް މިފަހަރު ލިބުނީ އަފްގާނިސްތާނަށެވެ. އެގޮތުން އަފްގާނިސްތާން އެއް ދަރަޖަ ފަހަތަށް ޖެހިލިއިރު، ދުނިޔޭގެ ރޭކިން ގައި އެގައުމު އޮތީ 167 ވަނައިގަ އެވެ. ސަރަހައްދުގެ ތިން ވަނަ ލިބުނީ އިންޑިޔާއަށެވެ. އެގޮތުން ދުނިޔޭގެ ރޭކިންގެ 169 ވަނަ މަގާމް އިންޑޔާ ހޯދިއިރު، މިފަހަރު އިންޑިއާއަށް ވަނީ އެއް ދަރަޖަ ފަހަތަށް ޖެހިފަ އެވެ. ސަރަހައްދުގެ ހަތަރު ވަނަ މަގާމުގައި ނޭޕާލް އޮތްއިރު، އެގައުމަށް މިފަހަރު ވަނީ ހަތަރު ދަރަޖަ ފަހަތައް ޖެހިފަ އެވެ. އެގޮތުން ދުނިޔޭގެ ރޭކިންގައި ނޭޕާލް އޮތީ 170 ވަނަ މަގާމުގަ އެވެ. އަދި ސަރަހައްދުގެ ފަސް ވަނަ މަގާމުގައި ބަގްލަދޭސް އޮތް އިރު އެގައުމުވެސް ވަނީ ދެ ދަރަޖަ ފަހަތައް ޖެހިފަ އެވެ. ދުނިޔޭގެ ރޭންކިންގައި އެގައުމަށް ލިބުނީ 171 ވަނަ މަގާމެވެ. އަދި ތިން ދަރަޖައިގެ ފަހަތައް ޖެހި ސަރަހައްދުގެ ހަވަ ލިބުނީ ޕާކިސްތާނަށެވެ. އެގައުމަކީ ދުނިޔޭގެ ރޭންކިންގެ 181 ވަނަ އެވެ.

ދެ ދަރަޖައިގެ ގެއްލުމަކާއެކު ސްރީލަންކާއަށް ސަރަހައްދުގެ ހަތް ވަނަ މަގާމް ލިބުނުއިރު، ދުނިޔޭގެ ރޭންކިންގައި އެގައުމު އޮތީ 162 ވަނަ މަގާމްގަ އެވެ. ސަރަހައްދުގެ އެންމެ ފުލުގައި އޮތީ ބޫޓާނެވެ. އެއީ ދުނިޔޭގެ ރޭންކިންގައި 207 ވަނަ މަގާމެވެ.

ފީފާއިން މިފަހަރު އިއުލާން ކުރި ލިސްޓުގެ އެންމެ ކުރީގައި ސްޕެއިން އުޅޭއިރު ދެ ވަނަ މަގާމް ގައި އޮތީ ޖަރުމަން ވިލާތެވެ. އަދި ތިން ވަނަ މަގާމް ގައި އެއް ދަރަޖައިގެ ކުރި އެރުމަކާ އެކު އޮތީ އާޖެންޓީނާ އެވެ.