ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގައި މަސައްކަތް ކުރާ އަންހެން މުވައްޒަފަކަށް ޖިންސީ ގޯނާ ކުރި ކަމަށް ބުނާ މައްސަލާގައި ސީއެސްސީގެ ރައީސް މުހައްމަދު ފަހުމީ ހަސަން ކޮމިޝަންގެ މެންބަރުކަމުން އިސްތިއުފާ ދެއްވުމަށް އެންގުމުން އިސްތިއުފާ ދެއްވާފައި ނުވާތީ، މަޖިލީހުގެ ތަޅުމުގައި ނަގާ ވޯޓަކުން އޭނާ މަގާމުން ވަކިކޮށްދިނުމަށް އެދި މިނިވަން މުއައްސަސާތަކުގެ ކޮމެޓީން މަޖިލީހުގެ ތަޅުމަށް މައްސަލަ ހުށަހަޅައިފި އެވެ.

މިނިވަން މުއައްސަސާތަކުގެ ކޮމެޓީގެ މެންބަރަކު ސަންއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ސީއެސްސީގައި މަސައްކަތް ކުރާ މުވައްޒަފަކަށް ފަހުމީ ޖިންސީ ގޯނާ ކުރި ކަމަށް ކޮމެޓީން ބެލި ބެލުންތަކުން ފެންނާތީ، ސިވިލްސާވަންޓުންގެ އެންމެ އިސްވެރިޔާގެ މަގާމުން ފަހުމީ ދުރުކުރުމަށް އެދި މަޖިލީހުގެ ތަޅުމަށް އެ މައްސަލަ ފޮނުވާފައިވާ ކަމަށެވެ. އަދި އެ މައްސަލަ ތަޅުމަށް ފޮނުވަން މަޖުބޫރުވީ ފަހުމީ އިސްތިއުފާ ދެއްވުމަށް ދެއްވި 14 ދުވަހުގެ މުހުލަތުގައި ވެސް އިސްއުފާ ދެއްވާފައި ނުވާތީ ކަމަށެވެ.

"ކޮމެޓީގެ ނިންމުމެއްގެ ގޮތުގައި އަޅުގަނޑުމެން އިއްޔެ ވަނީ އެ މައްސަލަ ތަޅުމަށް ފޮނުވާފައި. ވަރަށް އަވަހަށް އެޖެންޑާކޮށްގެން އެ މައްސަލާގައި ގޮތެއް ނިންމަންޖެހޭނެ. އެއީ އާދައިގެން މައްސަލައެއްނޫންތާ؟،" ކޮމެޓީގެ މެންބަރަކު ވިދާޅުވި އެވެ.

މެންބަރުކަމުން އިސްތިއުފާ ދެއްވުމަށް ފަހުމީ އަށް އެންގީ ގާނޫނޫ އަސާސީގެ 187 ވަނަ މާއްދާއަށް ރިޔާއަތްކޮށެވެ. އެ މާއްދާގައި ބުނަނީ ސީސީއެސްސީގެ މެންބަރަކު މާގާމާ އެކަށީގެން ނުވާ ފަދަ ކަމެއް ކުރި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކޮމެޓިއަކަށް ފެނިގެން، އެ މެންބަރަކު އެ ކޮމިޝަނުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ހާޒިރުވެ ވޯޓްގައި ބައިވެރިވި މެންބަރުންގެ އަޣުލަބިއްތަތުން ފާސްކުރުމުން އެ މެންބަރަކު މެންބަރުކަމުން ވަކިވީ އެވެ.

ނަމަވެސް ފަހުމީ ކޮމެޓީއަށް ފޮނުވި ސީޓީގައި ބުނެފައި ވަނީ އޭނާ މަގާމުން އިސްތިއުފާ ނުދެއްވާނެ ކަމަށެވެ.

ކޮމެޓީން އެންގެވި ގޮތަށް ފަހުމީ މަގާމުން އިސްތިއުފާ ނުދެއްވުމުން ދެން އެކަމުގައި މަޖިލީހުގެ ތަޅުމުން ގޮތެއް ކަނޑައަޅާނީ މަޖިލީހުގެ ތަޅުމުގައި ނަގާ ވޯޓަކުންނެވެ. އެ ވޯޓަށް ނަގާނީ ފަހުމީއާ ގުޅޭ ތުހުމަތުތަކާ މެދު މެންބަރުން ފުޅާދާއިރާއެއްގައި ބަހުސް ކުރެއްވުމަށް ފަހު އެވެ.

ސީއެސްސީގެ މުވައްޒަފަކަށް ފަހުމީ ޖިންސީ ގޯނާ ކުރި ކަމަށް ބުނަނީ އަންހެން މުވައްޒަފެއްގެ ބަނޑުގައި އަތް ކާއްތަމުން "ތި ކަހަލަ ރީތި ހުސްހަށިބައި އަންހެންކުދިން ފަލަވީމާ ކަމަކު ނުދާނެއޭ" ވިދާޅުވެ، އަތުގައި ހިފައި ބޭއަދަބީ ގޮތަކަށް އަމަލު ކޮށްފައިވާ ކަމަށް ކޮމެޓީގެ ބައެއް މެންބަރުން ބުނެ އެވެ.

ފަހުމީ މިޑީއާތަކުގައި ވިދާޅުވެފައި ވަނީ އޭނާއާމެދު ކުރާ ތުހުމަތުތަކަކީ ހަގީގަތާ ހިލާފު ދޮގު ތުހުމަތުތަކެއް ކަމަށެވެ.