ޖީއެސްޓީގެ ގޮތުގައި ދައްކަން ޖެހޭ ފައިސާ މީރާ އަށް މަދުން ދެއްކުނީ އެރި އޮޅުމަކުން ކަމަށާއި އެ ފައިސާ ދައްކައި ހަލާސްކުރަން ދިން މުއްދަތުގައި އެ ފައިސާ އެކީއެކަށް ދައްކާ ހަލާސްކޮށްފައިވާނެ ކަމަށް ޖީއެމްއާރުން ބުނެފި އެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން މި އަހަރުގެ ޖެނުއަރީ 31 އަށް ޖީއެމްއާރުން ޖީއެސްޓީ ދެއްކީ 131،583ރ. މަދުންކަމަށް ހާމަވީ މީރާ އިން ހެދި ޓެކްސް އެސެސްމަންޓަކުންނެވެ.

އެ މައްސަލައިގައި ކަންހިނގާފައިވާ ގޮތް ބަޔާންކޮށް ޖީއެމްއާރުގެ ޕަބްލިކް ރިލޭޝަން ޑިޕާޓްމަންޓުން ސަން އޮންލައިންއާ ހިއްސާ ކުރި ކަރުދާހެއްގައި ބުނެފައި ވަނީ ޖީއެސްޓީގެ ގޮތުގައި މީރާ އަށް ދެއްކި ފައިސާގެ ތެރެއިން ފަހުން ދައްކަން ޖެހުނު 131،853 ރ. އަކީ އެ ކުންފުނިން ދައްކަން ޖެހޭ ޖީއެސްޓީގެ އެންމެ ޕަސެންޓެއް ކަމަށެވެ. އަދި އެއާޕޯޓްގެ ވިޔަފާރިއަކީ އޭގެ ތެރޭގައި އެތައް ވިޔަފާރިތަކެއް ހިމެނޭ ކަމެއް ކަމަށާއި އެފަދަ ވިޔަފާރިއެއްގެ ތެރެއިން ޖީއެސްޓީ ދެއްކުމުގައި އޮޅުންތަކެއް އަރާފާނެ ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ.

"އެ މުއްދަތުގައި ޖީއެސްޓީ ދައްކަން ޖެހޭ 38000 މުއާމަލާތް ހިންގާފައިވާއިރު އޭގެ ތެރޭގައި ޓެކްސް ދައްކަން ޖެހޭ ތަކެއްޗާއި ނުޖެހޭ ތަކެތިވެސް ހިމެނެ އެވެ. މިހާ ގިނަ އަދަދަކަށް ވިޔަފާރިތައް ހިމެނޭ އިރު އެތަކެތި ވަކިކޮށް ހަދަންޖެހެ އެވެ. އެހެންކަމުން މިކަން ވަނީ ވަރަށް ބޮޑު ޕްރޮސެސްއަކަށެވެ،" ޖީއެމްއާރުގެ ސްޓޭޓްމަންޓްގައިވެ އެވެ.

އަދި ބުނީ އެއާޕޯޓް ފަދަ ބޮޑެތި އެހެން ވިޔަފާރިތައް އެ މުއްދަތުގައި އެސެސްކޮށްފައި ހުންނާނެ ކަމަށް ގަބޫލުކުރެވޭ ކަމަށާއި އެއީ ޖީއެސްޓީ އަލަށް ތައާރަފްކުރި ދުވަސްވަރަށް ވުމުން އަގުތަކަށާއި އެހެނިހެން ކަންކަމަށް ވެސް އެ ދުވަސް ވަރު ބަދަލުތަކެއް އައި ކަމަށެވެ. އަދި ބައެއް ފަހަރު ޖީއެސްޓީ ފައިސާ މަދުން ދެއްކޭ ފަހަރާއި އަދި ގިނައިން ދެއްކޭ ފަހަރުތައް ވެސް ދިމާވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

"އެއްވެސް އިއުތިރާޒެއްނެތި އެ ފައިސާ އެކީ އެކަށް އެ މުއްދަތުގެ ތެރޭގައި މީރާ އަށް ދައްކާވަނީ ހަލާސްކުރެވިފަ އެވެ،" ޖީއެމްއާރުން ބުންޏެވެ.

މިއަހަރުގެ ޖޫން މަހު މީރާ އިން ޖީއެމްއާރަށް ފޮނުވި ޓެކްސް އެސެސްމަންޓްގައި ބުނެފައި ވަނީ އެ ލިޔުން ފޮނުވާތާ 30 ދުވަހުގެ ތެރޭގައި ފައިސާ ދައްކާ ހަލާސްކުރަން ޖެހޭނެ ކަމަށެވެ.

އެ މައްސަލަ ފެންމަތިވީއިރު އިންޑިއާގެ މީޑިޔާތަކުން މިދިޔަ އޮކްޓޯބަރު މަހުގެ ތެރޭގައި ބުނެފައި ވަނީ ޓެކްސް އަށް މަކަރު ހަދާ އޮޅުވާލި ކަމަށް ތުހުމަތު ކުރެވިގެން އިންޑިއާގެ ޓެކްސް އޮފީހުގެ ޓީމުތަކެއް އިންޑިއާގައި ހުންނަ ޖީއެމްއާރުގެ ހުރިހާ އޮފީސްތަކެއް ބަލައި ފާސްކޮށްފައިވާ ކަމަށެވެ.