ހުޅުމާލޭ ކޯޓްގެ ސައްހަ ކަމާމެދު މިނިވަން މުއައްސަސާތަކުގެ ކޮމެޓީގެ މެންބަރުން ދެކޭ ގޮތް ކަނޑައަޅައި، އެ ނިންމުމަށް އަމަލުކޮށްދިނުމަށް އެދި ޖޭއެސްސީއަށް ހުށަހެޅުމަށް ކޮމެޓީގައި މިއަދު މަޝްވަރާކޮށްފި އެވެ.

ހުޅުމާލޭ ކޯޓްގެ ސައްހަ ކަމާމެދު ސުވާލު އުފައްދައި އެމްޑީޕީންގެ ތިން މެންބަރުން ސޮއިކޮށް ހުށަހެޅި މައްސަލަ ދިރާސާ ކުރުމުގެ ގޮތެއް ކޮމެޓީން މިއަދު ނިންމާފައި ވަނީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް ސިޓީއެއް ހުށަހެޅުމަށެވެ. އެގޮތުން އޮކްޓޯބަރު 21، 2010 އިން ފެށިގެން މިއަދާ ހަމަޔަށް ހުޅުމާލޭ ކޯޓާ ބެހޭ ގޮތުން ޖޭއެސްސީގެ ބައްދަލުވުންތަކުގައި ދެކެވުނު ވާހަކަތަކުގެ ޔައުމިއްޔާ އާއި ހުޅުމާލޭ ކޯޓާ ގުޅޭ ގޮތުން ޖޭއެސްސީގައި ހުރި އެންމެހައި ލިޔެކިޔުންތަކާއި އަދި ހުޅުމާލޭ ކޯޓްގައި ހުރި ލިޔެކިޔުންތަށް ކޮމެޓީއަށް ހުށަހެޅުމަށް ސިޓީއަކުން ޖޭއެސްސީއަށް ދެންނެވުމެވެ.

އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ތިން މެންބަރުން ކަމުގައިވާ އަލީ ވަހީދާއި ހާމިދު އަބްދުލް ޣަފޫރާއި އަހުމަދު ސަމީރު ސޮއިކޮށް ކޮމެޓީއަށް ހުށަހެޅި މައްސަލާގައި ވާހަކަފުޅު ދައްކަވަމުން އަލީ ވަހީދު ވިދާޅުވީ ހުޅުމާލޭ ކޯޓްގެ ގާނޫނީ ސައްހަ ކަމާމެދު ސުވާލު އުފެދޭތީ، އެކަމުގައި ޖަވާބު ދާރީ ކުރުވަންޖެހޭނީ ޖޭއެސްސީ ކަމަށެވެ. އޭނާ ހުށަހެޅުއްވީ ޖޭއެސްސީ ކޮމެޓީއަށް ހާޒިރު ކުރުމަށެވެ. ނަމަވެސް އެ ހުށަހެޅުމަކަށް ތާއިދެއް ލިބިފައެއް ނުވެ އެވެ.

ކޮމެޓީގެ މުގައްރިރު ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު ވިދާޅުވީ ޖޭއެސްސީ ހާޒިރު ކުރަންޖެހޭނީ ހުޅުމާލޭ ކޯޓްގެ މައްސަލާގައި ކޮމެޓީއަށް ލިބެންޖެހޭ ލިޔެކިޔުންތައް މެންބަރުން ރިވައިސް ކުރުމަށްފަހު އެވެ. އަދި ޖޭއެސްސީ ފަދަ މުއައްސަސާއެއް ހާޒިރު ކުރުން އެންމެ ރަނގަޅު ގޮތަކީ ކޮމެޓީގައި ހިމެނޭ ހުރިހާ ޕާޓީތަކުގެ މެންބަރުންގެ ރުހުމުގައި ޖޭއެސްސީ ކޮމެޓީއަށް ހާޒިރު ކުރުން ކަމަށެވެ. އަލީ ވަހީދު ފިޔަވައި ކޮމެޓީއަށް ވަޑައިގެންނެވި އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ދެ މެންބަރުން ވެސް މުގައްރިރުގެ ވާހަކަފުޅަށް ތާއިދު ކުރެއްވި އެވެ.

ނަމަވެސް އަލީ ވަހީދު އެކަމާ ދެކޮޅު ހައްދަވައި ވާހަކަފުޅު ދެއްކެވި އެވެ. އަލީ ވަހީދު ވިދާޅުވީ ޖޭއެސްސީ ކޮމެޓީއަށް ހާޒިރު ކުރުން ލަސް ކުރުމަކީ ކޮމެޓީގެ މުގައްރިރު ވެސް ބޭނުންފުޅުވާ ގޮތް ކަމަށެވެ. ނަމަވެސް މުގައްރިރު ވިދާޅުވީ ކޮމެޓީގައި ހިމެނިވަޑައިގަންނަވާ ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަބްދުﷲ ޔާމިން ވެސް ޖޭއެސްސީ ކޮމެޓީއަށް ހާޒިރުކޮށް ޖަވާބުދާރީ ކުރުވުމަށް އެބަސްވެވަޑައިގަންނަވާ ކަމަށެވެ.

މުގައްރިރު ދައްކަވާ ވާހަކަފުޅުތަކަށް ދެކޮޅު ހައްދަވައި އަލީ ވަހީދު ވިދާޅުވީ ހުޅުމާލޭ ކޯޓްގައި ތިއްބަވާ ފަނޑިޔާރުން ވެސް ކޮމެޓިއަށް ހާޒިރު ކުރެވޭނެ ކަމަށާއި އަދި އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒް ހުސައިން ވެސް ކޮމެޓިއަށް ހާޒިރު ކުރަންޖެހޭނެ ކަމަށެވެ.

"އެއީ އަޅުގަނޑުމެން އަވަސް އަރުވާލައިގެން ކުރަންޖެހޭ ކަމެއް ނޫން. ފުރަތަމަ ޔައުމިއްޔާތައް ލިބުނީމައި އެއެއްޗެހި ރިވައިސްކޮށްފައި ސުވާލުތައް އަޅުގަނޑުމެން ޖޭއެސްސީއަށް އޮއްސާލަންޖެހޭނީ،" އަލީ ވަހީދަށް ރައްދު ދެއްވަމުން ނަޝީދު ވިދާޅުވި އެވެ.

ނަމަވެސް ކޮމެޓީގެ މުގައްރިރު ނަޝީދު ދެއްކެވި ވާހަކަފުޅު ގަބޫލުފުޅު ނުކުރައްވައި ކޮމެޓީ ހުއްޓުވުމަށް މަސައްކަތްޕުޅު ކުރެއްވި އެވެ. އެންމެ ފަހުން ކޮމެޓީގައި ޒުވާބު ހޫނުވެ، ބައްދަލުވުން ނިންމާލީ ޖޭއެސްސީ ހާޒިރު ކުރުމާމެދު ގޮތެއް ނުނިންމި އެވެ.