07 Nov 2012, 13:18
ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސީގެ އެއް ވަނަ ޓީމުގެ ގޮތުގައި ސްޕެއިނުގެ މަލާގާއާއި ގްރޫޕް އޭ އިން އެއް ވަނަ ޓީމުގެ ގޮތުގައި ޕޯޗުގަލްގެ ޕޯޓޯ ދެ ވަނަ ބުރަށް ކޮލިފައިވެއްޖެ އެވެ.
ގްރޫޕްގެ އެއް ވަނަ ޓީމުގެ ގޮތުގައި މަލާގާ ދެ ވަނަ ބުރަށް ކޮލިފައިވި އިރު، ރޭ އެޓީމް ވަނީ މިލާނާ ދެކޮޅަށް ކުޅެ ޕޮއިންޓެއް ހޯދައިފަ އެވެ. އެގޮތުން ރޭގެ މެޗުގެ ފުރިހަމަ ވަގުތުގެ ކުޅުން ނިމުނުއިރު މެޗުގެ ނަތީޖާ ނިކުތީ ދެ ޓީމް ވެސް 1-1 ލަނޑުން އެއް ވަރު ވެގެންނެވެ.
ގްރޫޕް އެއް ވަނަ ޓީމުގެ ގޮތުގައި މަލާގާ ދެ ވަނަ ބުރަށް ކޮލިފައިވީ އިރު، އެ ޓީމަށް ވަނީ ޖުމްލަ 10 ޕޮއިންޓް ލިބިފަ އެވެ. މިގްރޫޕްގެ ދެ ވަނަ މަގާމްގައި އޮތީ ފަސް ޕޮއިންޓާއެކު މިލާނެވެ. އަދި ތިން ވަނައިގައި ހަތަރު ޕޮއިންޓާ އެކު އޮތީ ރޭ ޒެނިތު ސެއިންޓް ޕީޓާސްބާގް އަތުން 1- 0 އިން މޮޅުވި ބެލްޖިއަމްގެ އެންޑަލެކްޓެވެ. ހަތަރު ވަނައިގައި އޮތީ ތިން ޕޮއިންޓާ އެކު ޒެނިތެވެ.
މިލާނުގެ ދަނޑުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ލަނޑު ޖަހާ މެޗުގެ ލީޑް ނެގީ މަލާގާއިންނެވެ. އެލަނޑު މެޗުގެ ފުރަތަމަ ހާފުގެ 40 ވަނަ މިނެޓުގައި މަލާގާއަށް ކާމިޔާބު ކޮށްދިނީ އެލިސެއު ޕެރެއިރާ އެވެ. އަދި މިލާނުން ރޭގެ މެޗުގައި ނަތީޖާ ހަމަހަމަކުރި ލަނޑު ދެ ވަނަ ހާފުގެ 73 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބު ކޮށްދިނީ ބްރެޒިލް ފޯވާޑް ޕަޓޯ އެވެ.
މީގެ އިތުރުން ޗެމްޕިއަންސް ލީގުގެ ގްރޫޕް އޭގެ އެއް ވަނަ ޓީމުގެ ގޮތުގައި ޕޯޓޯ ދެ ވަ ބުރު ކަށަވަރު ކުރީ ރޭ ރަށުން ބޭރުގައި ޔޫކްރޭނުގެ ޑައިނަމޯ ކިއޭވްއާ ދެކޮޅަށް ކުޅެ، ހޯދި ހަމައެކަނި ޕޮއިންޓާ އެކު އެވެ. އެގޮތުން ރޭގެ މެޗް ނިމުނީ ދެ ޓީމް ކުރެ އެއްޓީމަކަށް ވެސް ގޯލެއް ކާމިޔާބު ނުކުރެވި އެވެ.
ގްރޫޕްގެ އެއް ވަނަ ޓީމުގެ ގޮތުގައި ދެ ވަނަ ބުރަށް ޕޯޓޯ ކޮލިފައިވީ 10 ޕޮއިންޓާ އެކު އެއް ވަނަ ޓީމުގެ ގޮތުގަ އެވެ. ގްރޫޕްގެ ދެ ވަނަ މަގާމްގައި އޮތީ ނުވަ ޕޮއިންޓާ އެކު ފްރާންސްގެ ޕީއެސްޖީ އެވެ.