16 Sep 2010, 14:02
މަޝްހޫރު ގާރީ ހުސައިން ތައުފީގުގެ މައްޗަށް ފުލުހުން ތުހުމަތުކުރަނީ ދެ ކުއްޖަކަށް ޖިންސީ ގުނަވަން ދެއްކުމުގެ އިތުރުން އަންހެން ކުއްޖަކު ރޭޕްކުރުން ކަމަށް ތައުފީގުގެ ގާނޫނީ ވަކީލެއްގެ ގޮތުގައި ހުއްޓާ އިއްޔެ ޖިނާއީ ކޯޓުން ސަސްޕެންޑްކުރި ގާނޫނީ ވަކީލު އަބްދުﷲ ޝިޔާޒު ވިދާޅުވެއްޖެ އެވެ.
ސަސްޕެންޑް ކުރުމުގެ ކުރިން ތައުފީގުގެ ދިފާއުގައި ފުލުހުންގެ ތަހުގީގަށާއި ކޯޓަށް ވަޑައިގެންނެވި ޒުވާން ގާނޫނީ ވަކީލު ސަންއެފްއެމް އޮންލައިނަށް މައުލޫމާތު ދެއްވަމުން މިއަދު ވިދާޅުވީ ތަހުގީގުގައި ފުލުހުން، ތައުފީގުގެ މައްޗަށް ތިން ކަމެއްގެ ތުހުމަތުކުރާ ކަމަށާއި އޭގެ ތެރެއިން އެއް ކަމަކީ ގުރުއާނާ ބެހޭ މަރުކަޒުގެ ކްލާހެއްގައި ކިޔަވައިދެމުން ފިރިހެން ކުއްޖަކަށް ޖިންސީ ގުނަވަން ދެއްކި ކަމަށް ބުނެ ކުރާ ތުހުމަތެއް ކަމަށެވެ.
ޝިޔާޒު ވިދާޅުވި ގޮތުގައި ދެވަނަ ތުހުމަތަކީ ހަމަ އެ މަރުކަޒުގައި ކިޔަވާ އަންހެން ކުއްޖަކު ރޭޕްކުރުމުގެ ތުހުމަތެކެވެ. ތިން ވަނަ ތުހުމަތަކީ 2007 ވަނަ އަހަރު ތައުފީގުމެން ގޭގައި އުޅުނު ކުއްޖަކަށް ޖިންސީ ގުނަވަން ދެއްކި ކަމަށް ބުނާ މައްސަލައެކެވެ.
ޝިޔާޒު ވިދާޅުވީ ތައުފީގުގެ މައްޗަށް ތުހުމަތުކުރަނީ ކޮން ކަންތައްތަކެއް ކަމެއް ކަނޑައެޅިގެން ސާފުކޮށް މިހާތަނަށް ފުލުހުން ބުނެފައިނުވާ ކަމަށެވެ. ތަހުގީގަށް 30 ދުވަސް ވީއިރު ވެސް ފުލުހުން ބުނަނީ ގިނަ އަދަދެއްގެ ކުދިންތަކަކާ ބަދުއަހުލާގީ އަމަލު ހިންގާފައިވާކަމުގެ ތުހުމަތެއްގައި ތައުފީގު ހައްޔަރުކޮށްފައި ވަނީ ކަމަށް އެކަނި ކަމަށެވެ.
ޝިޔާޒު ވިދާޅުވީ މީގެ ތެރެއިން ފުރަތަމަ މައްސަލައިގައި ބުނާ ކްލާހުގައި ފިރިހެން ކުއްޖަކަށް ޖިންސީ ގުނަވަން ދެއްކި ކަމަށް ބުނާއިރު އެތައް ބައިވަރު ކުދިން ކިޔަވާ ކުލާހެއް ހިނގަމުން ދަނިކޮށް އޭގެ ތެރެއިން ވަކި ކުއްޖަކަށް ޖިންސީ ގުނަވަން ދެއްކި ކަމަށް ކުރާ ތުހުމަތަކީ ބުއްދި ގަބޫލުކުރެވޭ ކަމެއް ނޫން ކަމަށެވެ.
"ދެވަނަ ކަމަކީ އަންހެން ކުއްޖަކު ރޭޕްކުރި ކަމަށް ބުނާ މައްސަލަ. އެކަމުގައި ތައުފީގު އެ ކުއްޖާ ވެއްދި ކަމަށް ބުނާ ގެސްޓް ހައުސް އެއް އަދި މިހާތަނަކަށް ދެއްކިފައެއްނުވޭ،" ޝިޔާޒު ވިދާޅުވި އެވެ. ޝިޔާޒު ވިދާޅުވީ މިއީ "ހަދައިފައިވާ" މައްސަލައެއް ކަމަށެވެ.
ޓީވީގައި ގުރުއާން ކިޔަވަން ދަސްކޮށްދޭ ޕްރޮގްރާމް ހުށަހަޅައިދިނުމާއި "ހޭޔަންބޯ" ނޭސޭހަތުގެ ބަސްކޮޅަށް އަޑު އަޅައިދެއްވާ ހަތް ގިރާއަތުގެ ގާރީ ގިނަ އަދަދެއްގެ ކުޑަކުދިންނާ ބަދު އަހުލާގީ އަމަލު ހިންގާފައިވާ ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ވަނީ އޯގަސްޓް 17 ގަ އެވެ. އޭނާގެ މުއްދަތަށް އިތުރު 15 ދުވަސް ޖަހަހައިދިނީ މި މަހުގެ ދޭއްގަ އެވެ.
ހިއުމަން ރައިޓްސް ކޮމިޝަނުން ބުނެފައި ވަނީ ތައުފީގާ ބެހޭ އެފަދަ މައްސަލައެއް ބަލައިދިނުމަށް އެދި ގުރުއާން މުދައްރިސު ކޯހުގެ ދަރިވަރުންތަކެއް އެ ކޮމިޝަނަށް ވެސް ހުށަހަޅާފައިވާ ކަމަށެވެ.
ތައުފީގުގެ ބަންދުގެ މުއްދަތު އިތުރު ކުރުމަށް މިރޭ 7:00 ޖަހާއިރު އަނެއްކާ ވެސް ކޯޓަށް ހާޒިރުކުރާނެ އެވެ. ޝިޔާޒު ވިދާޅުވީ އޭނާ ސަސްޕެންޑްކޮށްފައި ހުރުމުން ތައުފީގުގެ ދިފާއުގައި ދެން ތަހުގީގަށާއި ކޯޓަށް ވަޑައިގަންނަވާނީ ގާނޫނީ ވަކީލު އަލީ ޝާހު ކަމަށެވެ.
ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ހާއްސަ އުސޫލަކުން އަމަލުކުރުމުގެ ގާނޫނުގައި ބުނަނީ ޖިންސީ ނިޔަތެއް އޮވެގެން ކުއްޖެއްގެ ގައިގައި އަތްލައިފި ނަމަ ނުވަތަ އެފަދަ އަމަލެއްގައި ކުއްޖަކު ބައިވެރިކޮށްފި ނަމަ އެއީ ކުށެއް ކަމަށާއި އެ ކުށް މީހެއްގެ މައްޗަށް ސާބިތުވެއްޖެ ނަމަ 10 އަހަރާއި 14 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލެވޭނެ ކަމަށެވެ. އަދި ބުނަނީ ކުޑަކުއްޖަކު އިތުބާރު ކުރެވޭ މަގާމެއްގައި ހުރި މީހަކު އެ ކުއްޖަކާ އެކު ޖިންސީ އަމަލެއް ހިންގައިފި ނަމަ 15 އަހަރާއި 18 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލެވިދާނެ ކަމަށެވެ.