މިއަދު ބާއްވަމުންދިޔަ ރައްޔިތުން މަޖިލީހުގެ ޖަލްސާގެ ކޯރަމް ހަމަނުވެގެން މިދަށް ހުއްޓާލައިފި އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާ ކޯރަމް ހަމަނުވެގެން ހުއްޓާލާފައި ވަނީ ދެ ފަހަރަށް ރަނގަބީލް ޖަހައިގެން ވެސް ކޯރަމް ހަމަ ނުވެގެންނެވެ.

މަޖިލީހުގެ ޖަލްސާގައި ފުރަތަަމަ ކޯރަމް ހަމަނުވެގެން ހުއްޓާލީ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މައްޗަށްގޮޅި ދެކުނު ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުށަހަޅުއްވާފައިވާ، ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމުގައި ހުންނަވައިގެން ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމް ގަސްތުގައި ރައްޔިތުންގެ ހައްގުތައް ނިގުޅައިގަނެ ހިންގާފައިވާ ލާ އިންސާނީ އަމަލުތައް ބެލުމަށް މިނިވަން ކޮމިޝަނެއް އުފެއްދުމަށް ގޮވާލާ ހުށަހެޅި ގަރާރަށް ބަހުސް ކުރުމަށް ފުރުސަތު ހުޅުވާލުމާ އެކުގަ އެެވެ.

މެންބަރުން ހަމަ ނުވާތީ އެ ވަގުުތު މަޖިލީސް ކުރިއަށް ނުގެންދެވޭނެ ކަމަށް ރިޔާސަތުން އިއުލާން ކުރެއްވި އިރު މަޖިލީހުގައި އެ ވަގުތު ތިއްބެވީ 77 މެންބަރުންގެ ތެރެއިން 14 މެންބަރެކެވެ.

"ޖަލްސާ އެހެން ވަގުތަކަށް [ކޯރަމް ހަަމަ ނުވެގެން] ފަސްކުރެވި، އޭގެ ފަހުން ވެސް ކޯރަމް ރަނގަބީލް ޖެހި ފަސް މިނެޓް ބެލުމަށް ފަހުގައި ވެސް މިވަނީ އެންމެ 14 މެންބަރުން މަޖިލީހުގެ ހޯލްތެރެއަށް ވަޑައިގެންފައި. އެހެން ކަމުން މަޖިލީހުގެ ޖަލްސާ ކުރިއަކަށް ނުގެންދެވޭނެ. މިހާ ގިނަ ފަހަރު ކޯރަމް ގެއްލިފައި ވާތީ އަޅުގަނޑު ގަބޫލެއް ނުކުރަން ޖަލްސާ ކުރިއަށް ގެންދެވިދާނެ ކަމަކަށް. ދެން އަޅުގަނޑަށް ޖެހޭނީ މަޖިލީހުގެ ގަވާއިދުބުނާ ގޮތުން މި ޖަލްސާ ހުއްޓާލުމަށް،" އެ ވަގުތު ރިޔާސަތު ބަލައްހައްޓަވަމުން ގެންދެވި ވެލިދޫ ދާއިރާގެ މެންބަރު އަލީ މުހައްމަދު ވިދާޅުވި އެވެ.