07 Nov 2012, 12:58
މަސްވެރިކަމުގައި ގެންގުޅޭ ފިނިކުރާ ނިޒާމްތަކުން އެޗުސީއެފްސީ ގޭސް ބޭނުންކުރުން ހުއްޓާލުމަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ އެއްބަސްވުމެއްގައި އެންވައިރަމެންޓް މިނިސްޓްރީ އާއި ފިޝަރީޒް މިނިސްޓްރީއާ ދެމެދު ސޮއިކޮށްފި އެވެ.
އެންވައިރަމެންޓް މިނިސްޓްރީގައި އިއްޔެ ބޭއްވި ހަފްލާއެއްގައި އެ މިނިސްޓުރީގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އަބުދުލް މަތީނު މުހައްމަދެވެ. އަދި ފިޝަރީޒް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު އަހުމަދު ޝަފީއު އެވެ.
އެންވައިރަމެންޓް މިނިސްޓްރީން ބުނީ އެ އެއްބަސްވުމަކީ ރާއްޖެ އިން ބައިވެރިވެފައިވާ މުއާހަދާއެއް ކަމަށްވާ މޮންޓުރިއަލް ޕްރޮޓޮކޯލްގެ ދަށުން އެޗްސީއެފްސީ ބޭނުން ކުރުން ހުއްޓާލުމަށް ގައުމީ ގޮތުން ކުރެވެމުން އަންނަ މަސައްކަތުގެ ތެރެއިން މަސްވެރިކަމުގެ ދާއިރާގައި އެ ގޭސް ބޭނުންކުރުން ހުއްޓާލުމުގެ ގޮތުން މަސައްކަތްކުރުމަށް ވެވުނު އެއްބަސްވުމެއް ކަމަށެވެ.
އަދި އެ އެއްބަސްވުމުގެ ދަށުން މަސްވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކާއި އެންވައިރަމެންޓް މިނިސްޓްރީއާ ގުޅިގެން އެޗްސީއެފްސީ ނުހިމެނޭ ތިމާވެއްޓާ ރައްޓެހި ޓެކްނޮލޮޖީ ރާއްޖެގައި ބޭނުންކުރުމަށް ގޮތްތައް ހޯދައި މައުލޫމާތު ހިއްސާކުރުމުގެ އިތުރުން އެކަމާ ގުޅޭ ސިޔާސަތުތައް އެކުލަވާލުމުގެ މަސައްކަތް ކުރާނެ ކަމަށެވެ.
ރާއްޖެ އިން މޮންޓުރިއަލް ޕްރޮޓޮކޯލްގައި ސޮއިކޮށްފައި ވަނީ 1989 ގަ އެވެ. އެ މުއާހަދާގެ ދަށުން 2020 ވަނަ އަހަރުގެ ކުރިން އެޗްސީއެފްސީ ބޭނުންކުރުން ހުއްޓާލަންޖެހެ އެވެ.