ރައްޔިތުންގެ މަޖިލީހުގައި ޕީޕަލް އެލައާންސް(ޕީއޭ) ތަމްސީލު ކުރެއްވި ކިނބިދޫ ދާއިރާގެ މެންބަރު މޫސާ ޒަމީރުގެ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑްވިސް (ޕީޕީއެމް) އަށް ސޮއިކުރައްވާފައިވާކަން މަޖިލީހުން މިއަދު އިއުލާން ކޮށްފި އެވެ.

ރައްޔިތުން މަޖިލީހުގެ މިއަދު ބޭއްވި ޖަލްސާގައި މަޖިލީހުގެ ރިޔާސަތުން އިއުލާން ކުރީ ޒަމީރު ޕީޕީއެމްއާ ގުޅިވަޑައިގަތުމަށް ފަހު ލިޔެކިއުންތައް ފޮނުވާ އެކަން އަންގަވާފައިވާ ކަމަށާއި އެއާ ގުޅިގެން ޕާޓީތަކަށް މަޖިލީހުގައި ބަހުސު ކުރުމަށް ލިބިގެންދާ ވަގުތުތަކަށް ބަދަލު އަންނާނެ ކަމަށެވެ.

"މޫސަ ޒަމީރު ޕީޕިއެމްއާ ގުޅިވަޑައިގެންފައިވާތީ އެކަމާ ގުޅުންހުރި ލިޔެކިއުންތައް ވަނީ ހުށަހަޅުއްވާފައ. އެހެންކަމުން އެކަން މަޖިލީހުގެ ގަވާއިދުގެ ދަށުން އިއުލާން ކުރަން. މި ބަދަލާ ގުޅިގެން މަޖިލިހުގައި ސިޔާސީ ޕާޓީތަކަށް ބަހުސް އަށް ލިބިފައިވާ ވަގުތުތަކަށް ބަދަލެއް އަންނާނެ،" މަޖިލީހިގެ ރިޔާސަތުން އިއުލާން ކުރެއްވި އެވެ.

ޒަމީރު ޕީޕީއެމް ސޮއި ކުރައްވާފައި ވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ 14ގައި ރ. އަލިފުށީގައި ބޭއްވި ރަސްމިއްޔާތެއްގައި އެވެ.

ޒަމީރު ޕީޕީއެމްއާ ގުޅިވަޑައިގަތުމުން މިހާރު ރައްޔިތުން މަޖިލީހުގައި ޕީޕީއެމް ތަމްސީލްކުރައްވާ މެންބަރުންގެ އަދަދު ވަނީ 18 އަށް އަރައިފަ އެވެ. އަދި އެއް ޕާޓީއެއްގެ އެންމެ ގިނަ މެންބަރުން ތިބި އެމްޑިޕީން މަޖިލީހުގައި ތަމްސީލްކުރާ މެންބަރުންގެ އަދަދަކީ 30 އެވެ.

ހަމަ އެއާ އެކު މިހާރު ރައްޔިތުން މަޖިލީހުގައި ޕީއޭ ތަމްސީލް ކުރައްވަން ހުންނަވަނީ އެ ޕާޓިގެ ނައިބް ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް އެކަންޏެވެ.

އެ ޕާޓިގެ ކުރީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ މުލަކު ދާއިރާގެ މެންބަރު ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވެސް ވަނީ ޕީޕީއެމް އުފެއްދުމުން އެ ޕާޓިއާ ގުޅިވަޑައިގެންފަ އެވެ.