07 Nov 2012, 12:17
އަތޮޅު ހޮސްޕިޓަލްތަކަށާއި ހެލްތް ސެންޓަރުތަކަށް ސިއްހީ ދާއިރާގެ ތަކެތި ސަޕްލައިކުރަން 2010 ވަނަ އަހަރު ހަވާލުކުރި އެފްޓެކް ސޮލިއުޝަން ޕްރައިވެޓް ލިމިޓެޑުން އެތަކެތި ސަޕްލައިނުކޮށް 11.8 މިލިއަން ރުފިޔާ ނެގި، ހިޔާނާތުގެ މައްސަލައިގައި ފިނޭންސްގެ ތިން ބޭފުޅެއްގެ މައްޗަށް ދައުވާ ކުރަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ޕީޖީއަށް ފޮނުވައިފި އެވެ.
އޭސީސީގެ ނައިބު ރައީސް މުއައްވިޒު ރަޝީދު މިއަދު ވިދާޅުވީ އެ މައްސަލައިގައި ދައުވާކުރަން ފޮނުވީ ފިނޭންސް މިނިސްޓްރީގެ ކުރީގެ ޑިރެކްޓަރު ޖެނެރަލް ސާމީ އަގީލާއި އެމިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރު އަލީ އާރިފު އާއި އެމިނިސްޓްރީގެ ޕްރޮޖެކްޓް އޮފިސަރު ފާތުމަތު ޝިރާނާ ޝަފީގުގެ މައްޗަށް ކަމަށެވެ.
އޭސީސީން ބުނީ ސާމީ އަގީލްގެ މައްޗަށް ދައުވާ ކުރަނީ ބިޑަށް ޝަރުތުހަމަވާ ކުންފުނިތަކުގައި އޮންނަން ޖެހޭ ހުއްދަތައް އެފްޓެކްގައި ނެތް ނަމަވެސް އެއީ ޝަރުތު ހަމަވާ ބިޑެއް ކަމަށް ނިންމާ އެ ނިންމުމުގެ ސޮއިކޮށްފައިވާތީ އާއި އަދި އެކަން އިވެލުއޭޝަން ބޯޑްގެ ސަމާލުކަމަށް ގެނެސްފައި ނުވާތީ ކަމަށެވެ. އެފްޓެކަކީ މީގެ ކުރިން އެފަދަ ވިޔަފާރިއެއް ކުރި ކުންފުންޏެއް ނޫންކަން އެނގޭއިރުވެސް އެ ކުންފުނިން ހުށަހެޅި ދޮގު މައުލޫމާތުތަކަކަށް ސާމީ އަގީލް މާކްސް ދީފައިވާ ކަމަށްވެސްވެސް އޭސީސީން ބުންޏެވެ.
އަދި ފިނޭންސްގެ ޑެޕިއުޓީ ޑިރެކްޓާ އަލީ އާރިފުގެ މައްޗަށް ދައުވާކުރަނީ އިންވޮއިންސްއާއި ޑެލިވަރީ ލިސްޓް ތަފާތުވި ނަމަވެސް އެ ބަދަލުތަކަކީ ބަލައިގަންނަ ބަދަލުތަކެއް ކަމަށާއި ތަކެތި ނުލިބުނަސް ގަނޑުކޮށް އެކީއެކަށް އެފްޓެކަށް ފައިސާ ދޫކުރުމަށް އޭނާ ހުއްދަދީފައިވާ ކަމަށް ތަހުގީގަށް ސާބިތުވާތީ ކަމަށް އޭސީސީން ބުންޏެވެ. އަދި ދައުލަތުގެ މާލިއްޔާއަށް ލިބުނު ކަމަށް ހިސާބުތަކުން ދައްކާ 11.8 މިލިއަން ރުފިޔާ އޭނާގެ އަތުން ހޯދުމަށް ދައުވާކޮށްދިނުމަށްވެސް އޭސީސީން ވަނީ ޕީޖީގައި އެދިފަ އެވެ.
ފިނޭންސްގެ ޕްރޮޖެކްޓް އޮފިސާ ސިރާނާގެ މައްޗަށް ދައުވާކުރަން ފޮނުވީ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ވަކި ބަޔަކަށް ފައިދާ ހޯދައިނުމަށް މަސައްކަތް ކޮށް މަގާމުގެ މަސްއޫލިއްޔަތު ރަނގަޅު ގޮތުގައި އަދާކޮށްފައި ނުވާތީ ކަމަށް އޭސީސީން ބުންޏެވެ.