ދެ ކުޑަކުއްޖަކާ މެދު ބަދުއަޚުލާގީ އަމަލު ހިންގި ކަމުގެ ތުހުމަތުގައި ހއ. އިހަވަންދޫން ހައްޔަރު ކުރި ބިދޭސީ ގާރީ ބަންދުން ދޫކޮށްލުމުން އޭނާ އަލުން ހައްޔަރުކުރުމަށް ހައިކޯޓުން އަމުރު ކޮށްފި އެވެ.

ބަދުއަޚުލާގީ އަމަލު ހިންގި ކަމުގެ ތުހުމަތުގައި މިދިޔަ ސެޕްޓެމްބަރު މަހު އިހަވަންދޫން ހައްޔަރުކޮށްފައި ވަނީ ޕާކިސްތާނުގެ ހާފިޒެއް ކަމަށްވާ އަލްހާފިޒު ސައްޔިދު ހަލީގުއް ރަޖުމާން 28، އެވެ.

ހައިކޯޓުން އިއްޔެ އޭނާ 15 ދުވަސް ވަންދެން ފުލުހުންގެ ހައްޔަރުގައި ބެހެއްޓުމަށް އަމުރު ކުރީ ހއ. ދިއްދޫ ކޯޓުން މިދިޔަ މަހުގެ 15 ވަނަ ދުވަހު އޭނާ ބަންދުން ދޫކޮށްލުމަށް ހުކުމް ކުރުމުން، ފުލުހުން އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފް ކުރުމުންނެވެ.

ބިދޭސީ ގާރީ ހައްޔަރުކުރުމަށް ހައިކޯޓުން ހުކުމް ކުރުމާއި ގުޅިގެން ދިއްދޫ ޕޮލިސް ސްޓޭޝަނުން އިއްޔެ ވަނީ ގާރީ ހައްޔަރުކޮށްފަ އެވެ.

މީގެ ކުރިން ދެ ފަހަރެއްގެ މަތިން ދިއްދޫ ކޯޓުން ވަނީ އޭނާ ފުލުހުންގެ ހައްޔަރުގައި ބެހެއްޓުމަށް މުއްދަތު އިތުރުކޮށްދީފަ އެވެ.

އުމުރުން 13 އަހަރާއި 16 އަހަރުގެ ދެ އަންހެން ކުދިންނާއި މެދު ބަދުއަޚުލާގީ އަމަލު ހިންގި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ އެ މީހާއަކީ އެރަށުގައި އުޅޭތާ ހަ އަހަރު ވެފައިވާ މީހެއް ކަމަށް އިހަވަންދޫ ކައުންސިލުން ވަނީ ބުނެފަ އެވެ.

އިހަވަންދޫން މިދިޔަ އަހަރުތެރޭ ވެސް ވަނީ އެރަށު ސްކޫލްގެ ސްޕަވައިޒަރަކު އެ ސްކޫލް ކުދިންތަކަކާ ބަދުއަޚްލާގީ ޢަމަލު ހިންގި ކަމުގެ ތުހުމަތުގައި ހައްޔަރު ކޮށްފަ އެވެ. އަދި މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުތެރޭ ވަނީ ކުޑަކުދިންތަކަކާ މެދު ބަދުއަހުލާގީ އަމަލު ހިންގި ކަމުގެ ތުހުމަތުގައި އިހަވަންދޫ ސްކޫލް ގެ ގްރެޖުއޭޓް ލީޑިން ޓީޗަރަކު ވެސް ސަސްޕެންޑް ކޮށް ގެއަށް ވެސް ފޮނުވާލައިފަ އެވެ.