07 Nov 2012, 11:07
ކުރީގެ ރައީސް މުހައްމަދު ނަޝީދު ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އިމްތިޔާޒާ ބެހިވަޑައިގެންނެވި ކަމަށް ބުނެ، އިމްތިޔާޒް ކޮމެޓީއަށް މީގެ އަހަރުތަކެއް ކުރިން ހުށަހަޅާފައިވާ މައްސަލައެއް މިއަދު އެ ކޮމެޓީން ބޭރުކޮށްލައިފި އެވެ.
މަޖިލީހުގެ މެންބަރުންގެ އިމްތިޔާޒަށް ރައީސް ނަޝީދު އަރައިވަޑައިގެންނެވި ކަމަށް ބުނެ، ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފު އިމްތިޔާޒް ކޮމެޓީއަށް މައްސަލަ ހުށަހެޅުއްވީ 2010 ވަނަ އަހަރު އެވެ. އެނާ ހުށަހެޅުއްވި މައްސަލައިގައި ބުނެފައި ވަނީ ރައީސް ނަޝީދުގެ ފުރަތަމަ ކެބިނެޓްގެ ހުރިހާ ވަޒީރުން އެއްފަހަރާ އިސްތިއުފާ ދެއްވުމަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސަރުކާރު ހިންގުމަށް އޮތް ހުރަހަކީ މަޖިލިސް ކަމަށް ވިދާޅުވެ، ރައީސް ނަޝީދު މެންބަރުންގެ އިމްތިޔާޒާ ބެހިވަޑައިގެންފައިވާ ކަމަށެވެ.
އެ މައްސަލަ އަލުން ކޮމެޓީގައި ބެލުމަށް މިއަދު އެޖެންޑާ ކުރުމުން ކޮމެޓީގެ މުގައްރިރު ހުސައިން މުހައްމަދު ވިދާޅުވީ ކޮމެޓީން އެ މައްސަލަ އަލުން ބަލަން ފަށާއިރު، ރައީސް ނަޝީދުގެ ވެރިކަމެއް، އަދި އެމަނިކުފާނުގެ ކެބިނެޓް މިނިސްޓަރުން ވެސް މި ސަރުކާރުގައި ނެތް ކަމަށެވެ. އަދި އެ މައްސަލަ ކުރިއަށް ގެންދިއުމާމެދު ކައުންސިލް ޖެނަރަލްގެ ލަފާފުޅަކަށް ދާންޖެހޭ ކަމަށް ވިދާޅުވި އެވެ.
ކޮމެޓީގެ މުގައްރިރު އެދިވަޑައިގެންނެވި ގޮތަށް ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ މެންބަރު އަބްދުލް މުހުސިން ހަމީދު ހުށަހެޅުއްވީ އެ މައްސަލަ ކޮމެޓީގައި ކުރިއަށް ގެންދިއުމާމެދު ކައުންސިލް ޖެނަރަލްގެ ލަފާފުޅަކަށް އެދިވަޑައިގަތުމަށެވެ. އޭނާގެ ހުށަހެޅުއްވުމަށް ތާއިދު ކުރެއްވީ ޑީއާރްޕީ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރު މުހައްމަދު ޒުބައިރެވެ.
ނަމަވެސް އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރު އިމްތިޔާޒް ފަހުމީ ހުށަހެޅުއްވީ ރައީސް ނަޝީދާ ދެކޮޅަށް ހުށަހަޅާފައިވާ އިމްތިޔާޒުގެ މައްސަލަ ކޮމެޓީން ބޭރު ކުރުމަށެވެ. އިމްތިޔާޒްގެ ހުށަހެޅުއްވުމަށް ތާއިދު ކުރެއްވީ މައްޗަންގޮޅީ ދެކުނު ދާއިރާގެ މެންބަރު މުހައްމަދު ރަޝީދެވެ.
އިމްތިޔާޒް ވިދާޅުވީ ރައީސް ނަޝީީދާ ދެކޮޅަށް މަހުލޫފު ހުށަހެޅުއްވި މައްސަލައިގައި ސުވާލު އުފެދޭ ބައިވަރު ކަންތައްތަކެއް އެބަހުރި ކަމަށެވެ. "މަހުލޫފު ހުށަހެޅުއްވި މައްސަލައިގައި މިބުނަނީ ކެބިނެޓް އެއްކޮށް އިސްތިއުފާ ދިނުމަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަޒީރުން މަޖިލީހުގެ އިމްތިޔާޒާ ބެހިވަޑައިގެންފައިވާ ކަމަށް. ނަމަވެސް ރައީސް ނަޝީދާ އެކަމާ އޮތީ ކޮން ގުޅުމެއް،"
މިއަދުގެ ކޮމެޓީގެ ބައްދަލުވުމަށް ހާޒިރުވި ފަސް މެންބަރުންގެ ތެރެއިން، ވޯޓަށް ހުޅުވާލި ހަތަރު މެންބަރުންގެ ތެރެއިން ދެ މެންބަރުން ވޯޓް ދެއްވީ އެ މައްސަލަ ކޮމެޓީން ބޭރު ކުރުމަށެވެ. އަނެއް މެންބަރުން ވޯޓް ދެއްވީ އެ މައްސަލަ ކުރިއަށް ގެންދިއުމާމެދު ކައުންސިލް ޖެނަރަލްގެ ލަފާފުޅަކަށް ހުށަހެޅުމަށެވެ. ނަމަވެސް ކޮމެޓީގައި ނެގި ދެ ވޯޓް އެއްވަރުވުމުން ކޮމެޓީގެ މުގައްރިރު ވޯޓް ދެއްވީ އެ މައްސަލަ ކޮމެޓީން ބޭރު ކުރުމަށެވެ.