07 Nov 2012, 10:43
އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމެޓީތަކުގެ ވޯޓުލުން މިއަދު ފައްޓައިފި އެވެ.
މިއަދު ހެނދުނު 9 ޖެހި އިރު ފެއްޓި ވޯޓު ލުމުގައި 102 ރަށެއްގައި އަންނަނީ ވޯޓު ނަގަމުންނެވެ.
އަންހެނުން ތަރައްގީ އަށް މަސައްކަތްކުރާ ކޮމެޓީތަކަށް އެކަށީގެންވާ އަދަދަށް މީހުން ކުރިމަތިނުލާ 44 ރަށެއްގެ އިންތިހާބު މިއަދު ނުބާއްވާ އިރު ކޮމެޓީގައި މީހުން ހިމެނޭ އަދަދަށް ކުރިމަތިލާފައިވާ 53 ރަށެއްގައި ވެސް އިންތިހާބު ކުރިއަށް ނުގެންދާނެ ކަމަށް ވެސް ލޯކަލް ގަވާމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން ބުންޏެވެ.
އެލްޖޭއޭ އިން ބުނީ އެކަށީގެންވާ އަދަދަށް މީހުން ކުރިމަތި ނުލާ ރަށްރަށުގައި ފަހުން އިންތިހާބު ބާއްވާނެ ކަމަށެވެ.
އަންހެނުންގެ ކޮމެޓީތައް ހިންގުމަށާއި ކޮމެޓީތަކުގެ މެންބަރުންނަށް އެލަވަންސް ދޭންޖެހޭނެ ކަމަށް އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގައި ލާޒިމް ކޮށްފައެއްނުވެ އެވެ. ނަމަވެސް އެ ކޮމެޓީ އަށް އެލެވަންސް ދިނުމުގެ ފުރުސަތު ކައުންސިލްތަކަށް އޮންނާނެ ކަމަށް ގަވާއިދުގައި ކަނޑައަޅާފައިވެ އެވެ.