ސަރުކާރާއި ރައްޔިތުން ހިއްސާވާ ވިޔަފާރި ކުންފުނި، އެސްޓީއޯ އިން އިތުރު ކްރިޑިޓް ފެސިލިޓީތައް ކުންފުނިތަކަށް ދޫކުރުން ހުއްޓާލައިފި އެވެ.

އެސްޓީއޯގެ މެނޭޖިން ޑިރެކްޓާ، ޝާހިދު އަލީ ސަން އޮންލައިނަށް މިއަދު ވިދާޅުވީ އާ ކްރިޑިޓް ފެސިލިޓީތައް ހަދައިދިނުން ހުއްޓާލީ ހައްދާފައިވާ ގިނަ ކްރިޑިޓް ފެސިލިޓީތަކަކަށް ފައިސާ ލިބިފައި ނުވުމާ އެކު ކުންފުނީގެ ކޭޝްފްލޯއަށް އެކަމުގެ ނޭދެވޭ އަސަރުކޮށް ކުންފުނީގެ ހާލަތު އިތުރަށް ގޯސްވެދާނެތީ ކަމަށެވެ.

"އަޅުގަނޑުމެން ފިނޭންސާވެސް މަޝްވަރާކުރުމަށް ފަހު އެކަން މި ކުރީ. ކުރިން ހުރި ކްރިޑިޓް ފެސިލިޓީތައް ހުންނާނެ. އަޅުގަނޑުމެން އާ ކްރިޑިޓް ފެސިލިޓީތައް ހަނދައިދިނުން މި ހުއްޓާލީ. ކުންފުނީގެ ކޭޝްފްލޯއަށް ކްރިޑިޓް ފެސިލިޓީގެ ސަބަބުން ވަރަށް ބޮޑަށް އަސަރު ކުރޭ،" ޝާހިދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ ކުންފުންޏަށް ކްރިޑިޓް ފެސިލިޓީތަކުން ލިބެންޖެހި ނުލިބިވާ 700 މިލިއަން ރުފިޔާ އެބަހުރި ކަމަށާއި އަދި ގިނަ ފައިސާ ނުލިބިވަނީ ސަރުކާރުގެ އެކި ކުންފުނިތަކުން ކަމަށެވެ. އެގޮތުން ޔުޓިލިޓީޒް ކުންފުނިތަކުން ނަގާފައިވާ ތެލަށް އެސްޓީއޯއަށް ދައްކަން ޖެހޭ 350 މިލިއަނަށް ވުރެ ގިނަ ރުފިޔާ ނުލިބޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ކުންފުނިތަކުންވެސް އެގޮތަށް އެއްބަސްވެގެން ކޭޝްޕޭކުރީމައި ނޫނީ ދޫނުކުރާ ގޮތައް މި އޮތީ ސަރުކާރު ކުންފުނިތަކަށް ވެސް އަދި އިތުރު ކުންފުނިތަކަށް ވެސް. ކޭޝްބޭސިސްގައި ދެންދެވޭނީ،" ޝާހިދު ވިދާޅުވި އެވެ.