07 Nov 2012, 09:48
ބ. އަތޮޅަށް ހުޅުވާލައިގެން މި މަހު ފަހުކޮޅު ފަށާ ފުޓްބޯޅަ މުބާރާތުގެ ފުރަތަމަ މެޗުގައި އޭދަފުށްޓާއި ކަމަދޫ ބައްދަލުކުރާގޮތަށް ހަމަޖެހިއްޖެ އެވެ.
ހަ ރަށަކުން ބައިވެރިވާ މުބާރާތުގެ ގްރޫޕް އޭގައި ހިމެނެނީ މި ދެ ރަށުގެ އިތުރުން ގޮއިދޫ އެވެ. ގްރޫޕް ބީގައި ހިމެނެނީ މާޅޮހާއި ދަރަވަންދޫ އަދި ކިހާދޫ އެވެ. މި ގޮތަށް ހަމަޖެހުނީ ރޭ މުބާރާތުގެ ގުރު ނެގުމަށް ރޭ ސަލްސާ ރޯޔަލް ރެސްޓޯރަންޓުގައި ބޭއްވި ހަފުލާގަ އެވެ.
މި މަހުގެ 25 އިން ޑިސެމްބަރު ހަ ވަނަ ދުވަހުގެ ނިޔަލަށް އޭދަފުށީގައި ކުރިއަށްގެންދާ މުބާރާތަކީ އެރަށް އުފަން މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ މުހައްމަދު ޖަމީލް އިސްވެ ހުރެގެން ބާއްވާ މުބާރާތެކެވެ. ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ގައުމީ ޓީމުގައި ވެސް ހިމެނޭ ޖަމީލަކީ މެދުނުކެނޑި ގައުމީ ޓީމަށް 10 އަހަރު ކުޅެ ވެލެންސިއާ އާއި އައިއެފްސީގެ ކެޕްޓަންކަން ވެސް ކޮށްފައިވާ ކުޅުންތެރިއެކެވެ.
ޗެމްޕިއަން ޓީމަށް 25000ރ. އަދި ރަނަރަޕް ޓީމަށް 10000ރ. ދޭ މުބާރާތުގެ ސެމީ ފައިނަލަށްދާނީ ކޮންމެ ގްރޫޕެއް ލީގު އުސޫލުން އެއްބުރެ ކުޅެ ނިމޭއިރު އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެވެ. މި މުބާރާތުގެ ފައިނަލް މެޗު ޓީވީއެމުން ލައިވް ކުރުމަށް ވެސް ދަނީ މަސައްކަތް ކުރަމުންނެވެ.
އޭދަފުށްޓަކީ އެއް ރަށަކުން ފުރަތަމަ ޑިވިޝަނުގައި އެންމެ ގިނަ ކުޅުންތެރިން ކުޅެމުން އަންނަ ރަށެވެ. އެރަށަށް އުފަށް ގާތްގަނޑަކަށް 25ށް ކުޅުންތެރިން ފުރަތަމަ ޑިވިޝަނުގައި ކުޅެ އެވެ.