ފުރިހަމަ ޤާނޫނުލް އުގޫބާތަކާއި އޭގެ އިޖުރާތު ނެތުމަކީ އަދުލް އިންސާފުގެ ދާއިރާއަށް އޮތް ބޮޑު "ހުސްކަމެއް" ކަމަށް އިންޓަނޭޝަނަލް ކޮމިޝަން އޮފް ޖޫރިސްޓްސް (އައިސީޖޭ) އިން ބުނެފި އެވެ.


އައިސީޖޭގެ ފަރާތުން މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ ވަފްދުގެ ބޭފުޅުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އދ.ގެ ކުރީގެ ސްޕެޝަލް ރެޕަޓުއަރސް އޮން އިންޑިޕެންޑެންސް އޮފް ޖުޑީޝަރީ ޑރ. ލިއެންޑްރޯ ޑެސްޕޯއި ވިދާޅުވީ، ރާއްޖޭގެ ޝަރުއީ ނިޒާމަށް ގިނަ ގޮންޖެހުންތަކެއް އެބަހުރި ކަމަށާއި އެކަމާ ގުޅޭ ޝަކުވާތަކެއް އިވިވަޑައިގެންފައިވާ ކަމަށެވެ.


އެގޮތުން އެ ޝަކުވާތަކުންނާއި އަދި އެކިފަރާތްތަކާ އެކު އައިސީޖޭން ބޭއްވި ބައްދަލުުވުންތަކުން އެ ކޮމިޝަނަށް ފާހަގަވި ކަންތައްތައް ނޫސްވެރިންނާ ހިއްސާކުރައްވަމުން އާޖެންޓީނާގެ އޮޑިޓަރ ޖެނެރަލްގެ މަގާމު ފުރުއްވަމުން ގެންދަވާ ޑރ. ޑެސްޕޯއި ވިދާޅުވީ، އެކަށީގެންވާ ޤާނޫނުތައް އަދިވެސް ނެތުމަކީ، ޝަރުއީ ނިޒާމް ކުރިއެރުވުމަށް ހުރި ގޮންޖެހުންތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށެވެ. އަދިވެސް ފުރިހަމަ ޤާނޫނުލް އުގޫބާތަކާއި އޭގެ އިޖުރާތު ނެތުމަކީ އަދުލު އިންސާފުގެ ދާއިރާއަށް އޮތް "ޑެފިސިޓެއް" ނުވަތަ ހުސްކަމެއްގެ ގޮތުގައި ވެސް އޭނާ ސިފަކުރެއްވި އެވެ.


" ފުރިހަމަ ޕީނަލް ކޯޑާއި ކްރިމިނަލް ޕްރޮސީޖަރ ކޯޑް ނެތުމަކީ ރާއްޖޭގެ ޖުޑީޝަރީއަށް ދިމާވެފައިވާ ބޮޑު ޑެފިސިޓެކެވެ. އަދުލް އިންސާފުގެ ދާއިރާ ބަލިކަށިވާ ކަމެއް" އޭނާ ވިދާޅުވި އެވެ.


މީގެ އިތުރުން، ދާދިފަހުން ކޯޓުތަކަށް ފަނޑިޔާރުން އައްޔަންކުރުމުގައި ވެސް މައްސަލަތަކެއް ފެންމަތިވިކަަން އެނގިވަޑައިގަންނަވާ ކަމަށާއި އެކަމާ ގުޅޭ ޝަކުވާތައް ގިނަ ފަރާތްތަކުން އައިސީޖޭއަށް ހުށަހެޅި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ނަމަވެސް، އެއީ އެކޮމިޝަނަށް ސިޔާސީ ނުފޫޒު ފޯރާފައިވާ ކަމަށް ކޮމިޝަނަށް ފާހަގަވޭތޯ ދެންނެވުމުން އޭނާ ވިދާޅުވީ، އެކަމާ މެދު މި ވަގުތު އެއްޗެއް ވިދާޅުވެވެން ނެތް ކަމަށެވެ. އަދި ކޮމިޝަނުގެ ހޯދުންތަކުގެ ރިޕޯޓު ފަހުން ނެރޭނެ ކަމަށް  ވެސް ވިދާޅުވި އެވެ.


ޑރ. ޑެސްޕޯއި ވިދާޅުވީ، ޖޭއެސްސީއަށް މިވަގުތު ފާޑުކިޔުމުގެ ބަދަލުގައި، އެއީ ލިބުނު ތަޖުރިބާއެއް ކަމަށް ބަލައިގެން ކުރިއަށް ދިއުން މުހިން ކަމަށާއި އެހެންނޫނަމަ، އެ ކޮމިޝަނުގެ މަސައްކަތް "ބްލޮކް" ވެދާނެ ކަމުގެ ބިރު އަބައޮތް ކަމަށެވެ.


އަދި މިހާރު ރާއްޖޭގައި މިނިވަން އަދުލު އިންސާފުގެ ނިޒާމެއް ގާއިންކުރުމަށް ބޭނުންވާ ބިންގާ އެޅިފައިވާ ކަމަށާއި އަދުލު އިންސާފުގެ ދާއިރާ ހަރުދަނާ ކުރުމުގެ މަސައްކަތް ކުރިއަށްގެންދާއިރު، ސިޔާސީ ހިޔާލުތަފާތުވުންތަކަކީ އެކަމަށް އޮތް ހުރަހަކަށް ވެގެން ނުވާނެ ކަމަށް ވެސް ޑރ. ޑެސްޕޯއި ވިދާޅުވި އެވެ.  އަދި ޖުޑީޝަރީ އާއި ފަނޑިޔާރުންގެ މިނިވަންކަން ޔަގީންކޮށް، މިހާރު ޝަރުއީ ދާއިރާއަށް ހުރި ގޮންޖެހުންތައް ނައްތާލެވޭނީ، ސިޔާސީ ބާރުތަކުގެ މެދުގައި  "އެއްބަސްވުމަކަށް" އާދެވިގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި މިހާރުވެސް ސިޔާސީ ޕާޓީތަކުން އެގޮތަށް ކަންތައް ކުރަން ބޭނުންވާ ކަމަށް ބުނެފައިވާ ކަމަށް ވެސް ޑރ.ޑެސްޕޯއި ވިދާޅުވި އެވެ.


އައިސީޖޭގެ ވަފްދުގެ މި ދަތުރުގައި، ރާއްެޖޭގެ ޝަރުއީ ނިޒާމު ހަރުދަނާކުރުމަށް ދިގު މުއްދަތުގެ އެގްރިމެންޓެއް ގާއިމްކުރުމާ ގުޅޭ މަޝްވަރާތައް ސަރުކާރާއި، ސިޔާސީ ޕާޓީތަކައި، ރައްޔިތުންގެ މަޖިލީހުގެ އިތުރުން ސިޔާސީ ޝަރުއީ ކޯޓުތަކާއެކުވެސް ބާއްވައިފަ އެވެ.


ނަވާރަސްތޭކަ ފަންސަވީސް ދެވަނަ އަހަރު އުފެއްދިގެން އައި އައިސީޖޭއަކީ، ގައުމުތަކުގެ ޝަރުއީ ނިޒާމް ވަރުގަދަކޮށް، އިންސާނީ ހައްގުތައް ރައްކާތެރިކުރުމުގެ ގޮތުން ޤާނޫނީ ވެރިކަން ޕްރޮމޯޓްކުރުމަށް މަސައްކަތްކުރާ ބައިނަލްއަގްވާމީ އަމިއްލަ ޖަމިއްޔާއެކެވެ.