07 Nov 2012, 09:23
ވޮޝިންޓަން (ނޮވެމްބަރ 7): އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ވޯޓުލުން ނިމި ބައެއް ސްޓޭޓްތަކުގެ ވަގުތީ ނަތީޖާ ވެސް މިހާރު އިޢްލާންކޮށްފި އެވެ. ނަމަވެސް އިންތިޚާބު ކާމިޔާބުކުރައްވާނީ ރައީސް ބަރާކް އޮބާމާ އާއި އިދިކޮޅު ރިޕަބްލިކަން ކެނޑިޑޭޓް މިޓް ރޮމްނީ މި ދެ ބޭފުޅުންގެ ތެރެއިން ކޮންބޭފުޅެއްކަން އެނގޭ ވަރަށް ވޯޓުގެ ނަތީޖާ އިޢްލާންކޮށްފައެއްނުވެ އެވެ.
މިހާތަނަށް އިޢްލާންކޮށްފައިވާ ނަތީޖާ އަށް ބަލާއިރު އިލެކްޓޯރަލް ކޮލެޖްގެ އެންމެ ގިނަ ވޯޓު ހޯއްދަވާފައި ވަނީ މިޓްރޮމްނީ އެވެ. އެމެރިކާގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމަށްޓަކައި އެމެރިކާގެ އިލެކްޓޯރަލް ކޮލެޖްގެ ވޯޓުގައި ހިމެނޭ ޖުމްލަ 538 ވޯޓުގެ ތެރެއިން މަދުވެގެން 270 ވޯޓު، އިންތިޚާބު ކާމިޔާބުކުރައްވާ ކެންޑިޑޭޓަކަށް ލިބެންޖެހެ އެވެ. މިހާތަނަށް އިއްލާންކޮށްފައިވާ ގޮތުން އިލެކްޓޯރަލް ވޯޓުގެތެރެއިން 163 ވޯޓު ރޮމްނީ އަށް ލިބިފައިވާ އިރު އޮބާމާ އަށް ލިބިފައި ވަނީ އިލެކްޓޯރަލް ވޯޓުގެ 157 ވޯޓެވެ. އޮބާމާ އަށް ލިބިވަޑައިގެންފައިވާ އިލެކްޓޯރަލް ވޯޓު މަދުވެފައި ވަނީ އޭނާ އަށް ގިނައިން އިލެކްޓޯރަލް ވޯޓު ލިބޭނެ ކަމަށް ބެލެވިފައިވާ ބައެއް ސްޓޭޓްތަކުގެ ނަތީޖާ އަދި އިޢުލާންކޮށްފައިނުވުން ކަމަށް ޚަބަރު ލިބެ އެވެ.
އިލެކްޓޯރަލް ވޯޓުން ރޮމްނީ ކުރީގައި އުޅުއްވި ނަމަވެސް މިހާތަނަށް އިޢްލާންކޮށްފައިވާ ވަގުތީ ނަތީޖާ އަށް ބަލާއިރު ރައްޔިތުންގެ ވޯޓު ގިނައިން ހޯއްދަވާފައި ވަނީ އޮބާމާ އެވެ. ލަފާކުރެވިފައިވާ ގޮތުން ނިއުހެމްޝަރ އާއި އިލްނޮވޭގެ ވޯޓު ކާމިޔާބު ކުރައްވާނެ ކަމަށް ބެލެވިފައި ވަނީ އޮބާމާ ކަމަށް ލަފާކުރެވިފައިވާ އިރު މޮންޓެނާ އާއި ޔޫޓާގެ އާއި އާކެންސޯއާއި އޮކްލޮހާމާ އާއި ވިނިސިޓިސީގެ ވޯޓު ކާމިޔާބު ކުރައްވާނެ ކަމަށް ބެލެވިފައި ވަނީ ރޮމްނީ އެވެ. އަދި އިންޑިޔާނާ، ކެންޓަކީ، ދެކުނު ކެރޮލައިނާ، އަދި ހުޅަނގުވާޖީނިޔާގެ ވޯޓު ވެސް ކާމިޔާބުކުރައްވާނެ ކަމަށް ލަފާކުރެވިފައި ވަނީ ރޮމްނީ އެވެ.
ދެއަތަށް ކިރިކިރިވާ ކަމަށް ބެލެވިފައިވާ ސްޓޭޓްތަކުގެ ތެރެއިން ވިސްކިންސަންގެ ވޯޓު ކާމިޔާބު ކުރައްވާފައި ވަނީ އޮބާމާ އެވެ. އަދި ފްލޮރިޑާ އާއި ވާޖީނިޔާ އާއި އޮހާޔޯގެ ވަގުތީ ނަތީޖާ ދައްކާގޮތުން ދެބޭފުޅުން އުޅުއްވަނީ ދާދި އެއްހަމައެއްގަ އެވެ. ވެރްމޮންޓްގެ ވޯޓުކާމިޔާބު ކުރައްވާނެ ކަމަށް ބެލެވިފައި ވަނީ އޮބާމާ އެވެ. ނަމަވެސް ޑިކްސްވިލްގައި ދެ ބޭފުޅުންގެ ތާއީދު ވެސް ވަނީ އެއްވަރުވެފަ އެވެ.
އެމެރިކާގެ ރިޔާސީ އިންތިޚާބާއެކު އެމެރިކާގެ ޤާނޫނުހަދާ މަޖިލިސް ކަމަށްވާ ކޮންގްރެސްގެ ދެގޭގެ ތެރެއިން ސެނެޓްގެ ތިންބައިކުޅައެއްބައި ގޮނޑީގެ އިންތިޚާބާއި ހައުސް އޮފް ރެޕްރެޒެންޓެޓިވްގެ ހުރިހާ ގޮނޑިއެއްގެ އިންތިޚާބު ވެސް ކުރިޔަށްދެ އެވެ. ރައީސް ބަރާކް އޮބާމާ އާއި މިޓް ރޮމްނީގެ ތާއީދު އެއްވަރު ވެއްޖެ ހިނދެއްގައި މައްސަލަ ހައްލުކުރުމަށް އެމެރިކާގެ ހައިކޯޓަށް ދާންޖެހިދާނެ ކަމަށް ބައްލަވައި އޮބާމާވަނީ ޤާނޫނީ ތަޖްރިބާކާރުންގެ ދެ ބޭފުޅަކު މިކަމަށް ހަމަޖައްސާފަ އެވެ. ރިޕޯޓްތައް ބުނާ ގޮތުން މިއަދު މެންދުރެއްހާ އިރު އެމެރިކާގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވާނެ ފަރާތެއް އެނގިގެންދާނެ އެވެ.
(ނޫސްއެޖެންސީތައް)