ޓްރިޕޮލީ (ނޮވެމްބަރ 7): ލީބިޔާގެ ކުރީގެ އިސްމަސްއޫލުވެރިއެއް ކަމަށްވާ ޢަލީ ޢަބްދުލްބާސިތް އަވަހާރަކޮށްލާފައި ވަނިކޮށް ފެނިއްޖެ އެވެ.

ލީބިޔާގެ އަމްނާބެހޭ ދާއިރާތަކުން ހާމަކުރާގޮތުގައި ޢަލީ ޢަބްދުލްބާސިތުގެ ހަށިކޮޅު ފެނިފައި ވަނީ ޓްރިޕޮލީގެ ދެކުނު 120 ކިލޯ މީޓަރުގެ ދުރުގައިވާ ތަރްހޫނާ އިންނެވެ. ޢަލީ ޢަބްދުލްބާސިތްއަކީ ލީބިޔާގެ ކުރީގެ ޒަޢީމް މުޢައްމަރުލްގައްޒާފީގެ ވެރިކަން ނިމުމަކަށް ގެނައުމަށް ޓަކައި 2011 ވަނަ އަހަރު އެކުލަވާލި އެޤައުމުގެ އިންތިޤާލީ މަޖިލީހުގެ މެންބަރެކެވެ. ޢަލީ ޢަބްދުލްބާސިތްގެ ހަށިކޮޅު ފެނިފައި ވަނީ އޭނާ ގެއްލިގެން ހޯދަމުން ދަނިކޮށް ތަރްހޫނާގެ މަގެއްމަތީގައިވާ ކާރަކުން ކަމަށާއި އެކާރު ވަނީ ތަޅުލާފައި ކަމަށް ޚަބަރުލިބެ އެވެ.

އަނެއްކޮޅުން ލީބިޔާގެ ކުރީގެ ޒަޢީމް މުޢައްމަރުލްގައްޒާފީގެ ދައުރުގައި ލިބިޔާ ސިފައިންގެ އިސް މަޤާމެއް އަދާކުރައްވާފައިވާ އޮފްސަރަކު ވެސް އިއްޔެ ވަނީ އަވަހާރަކޮށްލާފަ އެވެ. މިއޮފްސަރަކީ ކާނަލް އަބްދުލްކަރީމް މަޙްފޫޒް އެވެ. އޭނާ އަވަހާރަކޮށްލާފައި ވަނީ ބަޑިޖަހައިގެންނެވެ. އޭނާގެ ހަށިގަނޑު ފެނިފައި ވަނީ ލިބިޔާގެ ދެވަނަ އަށް އެންމެ ބޮޑު ސިޓީ ކަމަށްވާ ބެންގާޒީންނެވެ.

އަނެއްކޮޅުން ލިބިޔާގެ ވެރިރަށް ޓްރިޕޮލީގައި ހަތިޔާރުއެޅި ވާދަވެރި ފަރާތްތަކުން އިއްވެސް ޙަމަލާތަކެއް ބަދަލުކޮށްފައިވެ އެވެ. މީގެއިތުރުން މިދޔަ އާދީއްތަ ދުވަހު ޓްރިޕޮލީގައި ހުންނަ އެޤައުމުގެ ކުރީގެ ޖާސޫސީ އިދާރާގެ ޢިމާރާތް އަންދާލާފައި ވެސްވެ އެވެ. (ރޮއިޓާސް)