ރަށުގެ އަމަންއަމާންކަން ނަގާލައި ގޭގޭގެ ފުރާޅަށް ގާއުކައި ރަށުތެރޭގައި ފުޅިގޮއްވި ކަމުގެ ތުހުމަތުގައި ށ. ބިލެތްފަހިން ހަ މީހަކު ހައްޔަރު ކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު މިރޭ ވިދާޅުވީ ފުލުހުން ތަހުގީގު ކުރަމުންދާ އެ މައްސަލައާ ގުޅިގެން ހޯމަ ދުވަހުގެ ރޭ ހަ މީހަކު ބިލެތްފަހިން ހައްޔަރު ކޮށް ތަހުގީގު ކުރިއަށްދާ ކަމަށެވެ.

މީޑިއާ އޮފިޝަލް ވިދާޅުވީ ހައްޔަރު ކޮށްފައިވާ ހަ މީހުންގެ ތެރޭގައި ހިމެނެނީ 21 އަހަރުގެ މީހަކާއި 26 އަހަރުގެ މީހެއްގެ އިތުރުން 23 އަހަރުގެ ތިން މީހަކާއި 32 އަހަރުގެ މީހެއް ކަމަށެވެ. އަދި ވިދާޅުވީ އެމީހުންގެ ބަންދުގެ މުއްދަތު އިތުރު ކުރުމަށް ކޯޓަށް ގެންދިޔުމުން އޭގެތެރެއިން އެކެއްގެ ބަންދުގެ މުއްދަތު 15 ދުވަހަށް އިތުރުކޮށްފައި ވާއިރު ބާކީ ތިބި ފަސް މީހުންގެ ބަންދުގެ މުއްދަތު 10 ދުވަހަށް އިތުރުކޮށްފައިވާ ކަމަށެވެ.

ބިލެތްފަހީ ކައުންސިލްގެ ރައީސް އަބްދުﷲ ޒިޔާދު މިރޭ ވިދާޅުވީ ކައުންސިލްގެ ފަސް މެންބަރުން މަގާމާއި ހަވާލުވި ފަހުން އެރަށުގެ ބަޔަކު ތަކުރާރުކޮށް ރަށުގެ އަމަންއަމާންކަން ނަގާލައި ގޭގޭގެ ފުރާޅަށް ގާއުކައި ރަށުތެރޭގައި ފުޅިގޮއްވައި ހަމަނުޖެހުން ހިންގަމުން އަންނަ ކަމަށެވެ.

އޭނާ ވިދާޅުވީ އެފަދަ އަމަލުތައް ހިންގަނީ އެރަށުގެ ވަކި ބަޔަކު ބޭނުންވި މީހުންނަށް ކައުންސިލްގެ ގޮނޑިތައް ކާމިޔާބު ނުކުރެވުމުން އެކަން ހަޖަމުނުވެގެން ކަމަށާއި އީދު ބަންދަށްފަހު އެފަދަ އަމަލުތައް ކުރިއަށްވުރެ އިތުރުވެފައިވާ ކަމަށެވެ.

"އަޅުގަނޑުމެން ކައުންސިލަށް އައިފަހުން ސިލްސިލާކޮށް ވަރަށް ގިނަ ޖަރީމާތައް މިދަނީ ހިންގަމުން. ރަށުގެ އަމަން އަމާންކަން ނަގާލައި ގޭގޭގެ ފުރާޅަށް ގާއުކުމާއި ރަށުތެރޭގައި ފުޅިގޮއްވައި ހަމަނުޖެހުން ހިންގުން މިވަނީ އާންމުކަމަކަށް ވެފައި. ހަގީގަތަކީ ބަޔަކު ބޭނުންވާ މީހުންނަށް ކައުންސިލްގެ ގޮނޑިތައް ނުލިބުނީމާ އެކަން ހަމަޖަމް ނުކުރެވިގެން ހިންގާ ހަމަނުޖެހުންތަކެއް މިއީ،" ޒިޔާދު ވިދާޅުވި އެވެ.

ބިލެތްފަހީ ކައުންސިލްގައި ހިމެނިވަޑައިގަންނަވަނީ ޑީއާރްޕީގެ ތިން މެންބަރަކާއި އަދާލަތު ޕާޓީގެ ދެ މެންބަރެކެވެ.