06 Nov 2012, 23:30
ކަރަންކާ މަގު، އާލިޔާ ސްކޫލް ކައިރީ ހުންނަ ޕާމްޑެކް ގާޑެން ރެސްޓޯރަންޓުން ބަނގުރަލާއި ތޫނު ހަތިޔާރު ފެނިގެން އެތަނުން ބަޔަކު ހައްޔަރުކޮށް ފުލުހުން މިރޭ އެތަން ބަންދުކޮށްފި އެވެ.
ޕާމްޑެކް ގާޑެން ރެސްޓޯރަންޓަށް މިރޭ 11:15 އެހާކަންހާއިރު ފުލުހުން ވަދެފައިވާއިރު އެތަން ބަންދުކޮށްފައި ވަނީ މިރޭ 12:20 އެހާކަންހާއިރު އެވެ.
"އަޅުގަނޑުމެންގެ ބެލުމުގައި ދަށުގައި ތަން އެ ހުރީ. އެ ތަނުގައި ފުލުހުން ޕެޓްރޯލްކުރަމުން ގެންދާނީ،" ފުލުހުންގެ މީޑިޔާ އޮފިޝަލް ވިދާޅުވި އެވެ.
ފުލުހުން ބުނީ ހަތް ދިވެއްސަކާއި ހަތަރު ބިދޭސީއަކު އެތަނުން މިރޭ ހައްޔަރު ކުރި އިރު ބަނގުރާ ފުޅިއަކާއި ބަނގުރާ އަޅާފައި ހުރި ކަމަށް ބެލެވޭ ތަށިތަކެއް ވެސް އެތަނުން ފެނިފައިވާ ކަމަށެވެ. އެތަނުން ހައްޔަރު ކުރި ހަތަރު ބިދޭސީންނަކީ އެތާގެ ވެއިޓަރުންނެވެ.
ސަން އޮންލައިންގެ ނޫސްވެރިން އެތަނަށް ދިޔައިރު މާރާމާރީ ހިންގުމަށް ބޭނުންކުރާ ދެ ކަތިވަޅި އެތާގެ ތެރެއިން ނަގައި ފުލުހުންގެ ވެހިކަލަށް އެރުވި މަންޒަރު ވަނީ ފެނިފަ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިރޭ ވިދާޅުވީ އެތަން މިރޭ ބަންދުކުރީ މާލެ ތެރެ އަމާންކުރުމަށް ފުލުހުން ފަށާފައިވާ އޮޕަރޭޝަންގެ ދަށުން ކަމަށާއި އެ އޮޕަރޭޝަންގެ ދަށުން އިތުރު ތަންތަން ވެސް ބަލައި ފާސްކުރަމުން ގެންދާނެ ކަމަށެވެ.
ފުލުހުން ކުރިއަށް ގެންދާ އެ އޮޕަރޭޝަންގެ ދަށުން މިދިޔަ މަހުގެ 25 ވަނަ ދުވަހުގެ ރޭ ގިނަ އަދަދެއްގެ ބަނގުރާފުޅިތަކަކާ އެކު ޖަލަޕީނޯ ރެސްޓޯރެންޓްގެ ތެރެއިން 18 މީހަކު ހައްޔަރުކޮށް އެތަން ވަނީ ބަންދުކޮށްފަ އެވެ.